Roadha Mihaaru
ހޮނޑާފުށި އަތުލީ ގާނޫނާ ޚިލާފަށް: ހައި ކޯޓު

ހޮނޑާފުށީގެ އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް، ދަށު ކޯޓުގެ ހުކުމް ރަނގަޅު: ހައި ކޯޓު

16 އޮކްޓޯބަރ 2016

ރިސޯޓް ހެދުމަށް ސަރުކާރުން ދޫކުރި ހދ. ހޮނޑާފުށީގެ އެއްބަސްވުން ސަރުކާރުން ބާތިލްކުރީ ގާނޫނާ ޚިލާފަށް ކަމަށް ދަށު ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ވެސް ތާއީދުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރިސޯޓް ހެދުމަށް ސަރުކާރުން ދޫކުރި ހދ. ހޮނޑާފުށީގެ އެއްބަސްވުން ސަރުކާރުން ބާތިލްކުރީ ގާނޫނާ ޚިލާފަށް ކަމަށް ދަށު ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ވެސް ތާއީދުކޮށްފި އެވެ.

ރިސޯޓް ހެދުމަށް 2005 ގައި މ. ތްރީއޭވިލާ އަބްދުﷲ އަލީއަށް ހޮނޑާފުށި ދޫކޮށްފައި ވަނިކޮށް އެރަށުގެ އެއްބަސްވުން މިދިޔަ އަހަރު ސަރުކާރުން ބާތިލްކުރީ އެއްބަސްވުމުގައި ބުނާ ގޮތަށް ފައިނޭޝިއަލް ޑޮކިއުމެންޓްތައް ހުށަނޭޅުމުންނެވެ.

އެކަމަކު ސިވިލް ކޯޓުން މިދިޔަ ފެބްރުއަރީ މަހު ނިންމީ އެ އެބަސްވުން ބާތިލްކުރީ ގާނޫނާ ޚިލާފަށް ކަމަށާއި އެއްބަސްވުން ބާތިލް ކުރިކަން އަންގައި، ޓޫރިޒަމް މިނިސްޓްރީން ފޮނުވި ނޯޓިިސް ބާތިލްކުރާ ކަމަށެވެ. އަދި އެކަމުން އަބްދުﷲ އަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އޭނާއަށް ދައުވާ ކުރެވޭނެ ކަމަށް ވެސް ސިވިލް ކޯޓުގެ ހުކުމުގައިވެ އެވެ.

އެ ހުކުމް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން، އެ ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ހުކުމްކުރީ ދަށު ކޯޓުގެ ހުކުމް ރަނގަޅު ކަމަށެވެ. ހައި ކޯޓުގެ ހުކުމުގައި ވަނީ ފައިނޭޝިއަލް ޑޮކިއުމެންޓް ހުށަނޭޅުމަކީ ނޯޓިސް ދިނުމެއް ނެތި އެއްބަސްވުން ބާތިލް ކުރެވޭނެ ސަބަބެއް ނޫން ކަމަށާއި އެ ލިޔުންތައް ހުށަނޭޅިޔަސް އެއްބަސްވުން ބާތިލް ކުރެވޭނީ އެއްބަސްވުމުގައި ބުނާ އިޖްރައާތުތައް ފުރިހަމަ ކުރުމަށް ފަހު ކަމަށެވެ.

ގާނޫނާ ޚިލާފަށް އެއްބަސްވުމުގެ ބައިވެރިއަކު އަމަލުކޮށްގެން އޭގެ އަނެއް ފަރާތަށް ލިބޭ ގެއްލުން ހޯދަން ދައުވާ ކުރެވޭނެ ކަމަށާއި އެހެންވެ އެކަމުން އަބްދުﷲ އަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރެވޭނެ ކަމަށް ދަށު ކޯޓުގެ ހުކުމުގައި އޮތް އޮތުން ވެސް ރަނގަޅު ކަމަށް އެ ހުކުމުގައިވެ އެވެ.

ހޮނޑާފުށީގެ އެއްބަސްވުން ބާތިލްކުރީ ގިނަ ރަށްތަކާއި ފަޅުތަކެއްގެ އެއްބަސްވުން ސަރުކާރުން ބާތިލް ކުރި އިރު އެވެ. އޭރު ބާތިލްކުރި ހުރިހާ ރަށްތަކާއި ފަޅުތަކުގެ މައްސަލަތައް ވެސް ކޯޓަށް ހުށަހަޅާފައިވާއިރު މިހާތަނަށް ނިމުނު ހުރިހާ މައްސަލައެއް ވެސް ނިންމުނީ ދައުލަތާ ދެކޮޅަށެވެ.