Roadha Mihaaru
އޭޑީކޭގައި ކޮވިޑް-19 އަށް ޓެސްޓުކުރަން ތައްޔާރުވެއްޖެ

އޭޑީކޭގައި ކޮވިޑް-19 އަށް ޓެސްޓުކުރަން ތައްޔާރުވެއްޖެ

13 މެއި 2020

ރާއްޖޭގެ އަމިއްލަ ފުރަތަމަ ހޮސްޕިޓަލް، އޭޑީކޭގައި ކޮވިޑް-19 އަށް ޓެސްޓުކުރުމަށް ތައްޔާރުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގެ އަމިއްލަ ފުރަތަމަ ހޮސްޕިޓަލް، އޭޑީކޭގައި ކޮވިޑް-19 އަށް ޓެސްޓުކުރުމަށް ތައްޔާރުވެއްޖެ އެވެ.

އޭޑީކޭ ގްރޫޕްގެ ދަށުން ހިންގާ އޭޑީކޭ ޖެނެރަލް ޓްރޭޑް އެންޑް ޝިޕިން ކުންފުނިން ކުރި ޓްވީޓެއްގައި ބުނީ އެ ހޮސްޕިޓަލުގައި ޕީސީއާރު ސިސްޓަމް ބަހައްޓާފައިވާ ކަމަށެވެ. އޭރުން ސަރުކާރުން ބޭނުންވާ ގޮތަށް، ދުވާލަކު އެތައް ސަތޭކަ ބަޔަކު ކޮވިޑް-19 އަށް ޓެސްޓުކުރުމުގެ ގާބިލްކަން އިތުރުވާނެ ކަމަށް ބުންޏެވެ.

ކޮވިޑް-19 އަށް މިހާރު ޓެސްޓުކުރަނީ އައިޖީއެމްއެޗާއި ފުލުހުންގެ ލެބޯރެޓަރީގަ އެވެ. މި ދެ ތަނުން ދުވާލެއްގެ މައްޗަށް 400 އެއްހާ ޓެސްޓު ހެދޭއިރު ސަރުކާރުން އަމާޒު ހިފާފައި ވަނީ އެ އަދަދު 1،000 އަށް އިތުރުކުރުމަށެވެ. އެގޮތުން ކޮވިޑް-19 އަށް ޓެސްޓުކުރަން އޮޓޮމޭޓެޑް މެޝިންތަކެއް ގެންނަން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކޮވިޑް-19 އަށް ޓެސްޓުކުރަން ބޭނުންވާ ޕީސީއާރު މެޝިން އިންސްޓޯލްކޮށް އެކަމުގެ މަސައްކަތް ކުރިއަށްދަނީ.-- ފޮޓޯ: އޭޑީކޭ ޓްރޭޑް ކުންފުނި

ކޮވިޑް-19 އަށް ޓެސްޓުކުރަން ބޭނުންވާ ޕީސީއާރު މެޝިން އިންސްޓޯލްކޮށް އެކަމުގެ މަސައްކަތް ކުރިއަށްދަނީ.-- ފޮޓޯ: އޭޑީކޭ ޓްރޭޑް ކުންފުނި

ދުވާލަކު ޓެސްޓް ކުރެވޭ ސާމްޕަލްގެ އަދަދު އިތުރުކުރަން ބޭނުންވާ އިކުއިޕްމެންޓް އަންނަ ހޮނިހިރު ދުވަހު ހިސާބުގައި ލިބޭނެ އެވެ.

އެޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑް-19 އަށް ޓެސްޓުކުރުމަށް ބޭނުންވާ ޕީސީއާރު ސިސްޓަމް ބަހައްޓައި އެ ކަމަށް މީހުން ތަމްރީނުތައް ކުރަމުން އަންނަ ކަމަށެވެ. އޭޑީކޭގެ އަމާޒަކީ ދުވާލަކު 600 ސާމްޕަލް ޓެސްޓް ކުރުމެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި މީޑިއާ ބްރީފިންގައި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ މި މަސް ނިމޭ އިރު އަންނާނެ ކަމަށް ލަފާކޮށްފައިވާ ސާޖް އައިކަން ނުވަތަ ނޫންކަން ޔަގީން ކުރެވޭނީ ޓެސްޓް ކުރެވޭ މިންވަރު އިތުރު ކުރެވިގެން ކަމަށެވެ. ޓެސްޓް ނުކުރެވި އެކަން ނުފެނިދާނެ ސަބަބަކީ ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވާ މީހުންގެ ތެރެއިން ގިނަ މީހުންގެ ފަރާތުން ބަލީގެ އަލާމާތް ނުފެންނާތީ ކަމަށް ވިދާޅުވި އެވެ.