Roadha Mihaaru
ކޮވިޑް ޓެސްޓުތައް ހަދާނީ އުސޫލުގެ ތެރެއިން: އޭޑީކޭ

ކޮވިޑް ޓެސްޓުތައް ހަދާނީ ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން: އޭޑީކޭ

25 މެއި 2020

އޭޑީކޭ ހޮސްޕިޓަލްގައި ކޮވިޑް-19 އަށް ޓެސްޓު ކުރުމުގެ މަސައްކަތް މިއަދު ފަށަން ތައްޔާރުވަމުން އަންނައިރު ،އެކަން ކުރިއަށް ގެންދާނީ ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އޭޑީކޭ ހޮސްޕިޓަލްގައި ކޮވިޑް-19 އަށް ޓެސްޓު ކުރުމުގެ މަސައްކަތް މިއަދު ފަށަން ތައްޔާރުވަމުން އަންނައިރު ،އެކަން ކުރިއަށް ގެންދާނީ ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

ރާއްޖޭގެ ފުރަތަމަ އަމިއްލަ ހޮސްޕިޓަލް އޭޑީކޭގައި ކޮވިޑް-19 ގެ ޓެސްޓު ހަދަނީ އަމިއްލަ ފައިދާ އަށް، ބޮޑު އަގު ނަގައިގެން ކަމަށް ބުނެ ބައެއް މީހުން ދަނީ ފާޑުކިޔަމުންނެވެ.

ނަމަވެސް އެ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް "މިހާރު"އަށް މިއަދު ވިދާޅުވީ، ބޭނުންވާ ކޮންމެކޮންމެ މީހަކަށް ޓެސްޓު ހެދުމުގެ ފުރުސަތު ނުލިބޭނެ ކަމަށެވެ. އޭގެ ބަދަލުގައި ކޮވިޑް-19 އަށް އޭޑީކޭގައި ޓެސްޓު ކުރެވޭނީ ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުން ވެސް އެކަން ކުރާ އުސޫލުން ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރު ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހުންގެ ސާމްޕަލް ނަގަނީ އެ ބަލީގެ އަލާމަތްތައް ފެންނަ މީހުންނާއި ބަލި ޖެހިފައިވާ މީހާއާ ބައްދަލުވެފައިވާ މީހުންގެ އެވެ.

"ސާމްޕަލް ނަގާނީ މިހާރު ވެސް [އައިޖީއެމްއެޗުން] ސާމްޕަލް ނަގާ އުސޫލުގެ ތެރެއިން. މީގެ އިތުރުން ބޮޑެތި ސާޖަރީ ހަދަންޏާ ވެސް [ކޮވިޑް] ޓެސްޓު ހައްދާނެ. މިއީ ހުރިހާ ތަނަކުން ވެސް ގެންގުޅޭ އުސޫލު،" އަފްއާލް ވިދާޅުވި އެވެ.

ކޮވިޑް-19 އަށް ޓެސްޓު ހަދަން އޭޑީކޭ އިން ބޮޑު ފީއެއް ނަގާ ކަމަށް ދެއްކެވޭ ވާހަކަތައް ވެސް އަފްއާލް ދޮގުކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ ބަލި ހުރިތޯ ދެނެގަތުމުގެ ޓެސްޓަށް އެ ހޮސްޕިޓަލުން ނަގާނެ ފީއާ ގުޅޭ މަޝްވަރާ އަދިވެސް ދަނީ ކުރިއަށެވެ.

ސަރުކާރުން ބުނެފައި ވަނީ އޭޑީކޭގައި ހަދާ ކޮވިޑް-19 ގެ ޓެސްޓުތަކަށް، ދައުލަތުގެ ޚަރަދުގައި ހިލޭ ބޭސްކުރެވޭ ނިޒާމު އާސަންދައިން ކަވަރު ކުރާނެ ކަމަށެވެ. އެ ހޮސްޕިޓަލްގައި ޓެސްޓު ހެދުމަށް ވެސް ސާމްޕަލްތައް ނަގާނީ މިހާރު ވެސް ހަރަކާތްތެރިވާ ރެޕިޑް ރެސްޕޮންސް ޓީމްތަކުން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ރާއްޖޭން މިހާތަނަށް 1،371 މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު ޓެސްޓު ހަދާ މިންވަރު އިތުރު ކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭޑީކޭގައި ޓެސްޓު ހަދަން ފެށުމާ އެކު މިހާރު ޓެސްޓު ހަދާ މިންވަރު އިތުރުވާނެ އެވެ.

ރާއްޖޭން ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ހަތަރު މީހަކު މަރުވެފައިވާއިރު 144 މީހުން ވަނީ ރަނގަޅުވެފަ އެވެ.