Roadha Mihaaru
ކަރަންޓީނު ފެސިލިޓީގެ ކޮމާންޑަރުންނަށް ދެމަފިރިން

ކަރަންޓީނު ފެސިލިޓީގެ ކޮމާންޑަރުންގެ ގޮތުގައި ދެމަފިރިން

14 މެއި 2020

ދެތަނެއްގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވުމަކީ ކެޕްޓަން ހަނާ މުހައްމަދާއި ކެޕްޓަން މޫސާ ރަމީޒަށް އާ ކަމެއް ނޫނެވެ. ސިފައިންގޭގައި ދެ ބޭފުޅުން ހޭދަކުރެއްވި 20 އަހަރުގެ ތެރޭގައި އެތައް ފަހަރަކު ދެ ރަށެއްގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވަން ޖެހިވަޑައިގަތެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ދެތަނެއްގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވުމަކީ ކެޕްޓަން ހަނާ މުހައްމަދާއި ކެޕްޓަން މޫސާ ރަމީޒަށް އާ ކަމެއް ނޫނެވެ. ސިފައިންގޭގައި ދެ ބޭފުޅުން ހޭދަކުރެއްވި 20 އަހަރުގެ ތެރޭގައި އެތައް ފަހަރަކު ދެ ރަށެއްގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވަން ޖެހިވަޑައިގަތެވެ.

މި ދެމަފިރިންގެ ވަޒީފާގެ ޒިންމާ މި ފަހަރު ވެސް އައީ ދެ ރަށަކުންނެވެ. ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވާ މީހުން ބައިތިއްބާ ފުރަވެރި ކަރަންޓީން ފެސިލިޓީގެ ކޮމާންޑަރަކަށް ރަމީޒް ހަމަޖައްސަވާފައިވާއިރު، އިއްޔެ ހަނާ ވަނީ، ފުށިފަރު ކަރަންޓީނު ފެސިލިޓީގެ އިސް ބޭފުޅަކަށް ހަމަޖައްސައިފަ އެވެ. މިއީ ކަރަންޓީނު ފެސިލިޓީގެ ކޮމާންޑަރަކަށް އަންހެން ބޭފުޅަކު އިސްކުރެއްވި ފުރަތަމަ ފަހަރު ވެސް މެ އެވެ.

އެއް ދާއިރާއެއްގައި، އެއް ފަންތިއެއްގައި މަސައްކަތްކުރާ ދެމަފިރިން މަދުން ނަމަވެސް އުޅެ އެވެ. އެކަމަކު ގިނަ މީހުން ހަނާ އާއި ރަމީޒް ސިފަކުރަނީ ވަޒީފާގެ ޒިންމާ ފުރިހަމައަށް އަދާކުރާ، ހިތްވަރު ގަދަ، ނަމޫނާ ބައެއްގެ ގޮތުގަ އެވެ. އާއިލާ ދޫކޮށްލާފައި ނަމަވެސް، ގައުމީ ވާޖިބު އަދާކުރަން ނުކުންނާނެ ސިފައިންގެ މީހުންގެ ގޮތުގަ އެވެ.

ވަޒީފާގައި މާ ބިޒީވުމުން އެ ބޭފުޅުންނާ ވާހަކައެއް ނުދެއްކުނެވެ. އެހެންވެ، ދެމަފިރިންގެ ވާހަކަ ހިއްސާކުރެއްވީ އެކުގައި މަސައްކަތް ކުރެއްވި އަދި ގާތް ރަހުމަތްތެރިއެއް ކަމަށްވާ، މިހާރު ރިޓަޔާ ކުރައްވާފައިވާ ކެޕްޓަން އަލީ އިހްސާން އެވެ.

"އަޅުގަނޑު އެ މީހުން ދެކެނީ، ކޮންމެ ސިފައިންގެ މީހެއް، އޮފިސަރެއް، އާއިލާއެއް އަދި ކޮންމެ ދިވެއްސަކު ވެސް މިސާލެއްގެ ގޮތުގައި ދެކެން ޖެހޭ ބައެއްގެ ގޮތުގައި،" މިހާރު ހެޕީ މާކެޓްގެ ސީއީއޯގެ މަގާމުގައި ހުންނެވި އިހްސާން ވިދާޅުވި އެވެ.

"ގައުމު ކޮންމެ ޒިންމާއެއް މަތި ކުރިއަސް އެ ބޭފުޅުން، ފަސް ޖެހުމެއް ނެތި އެކަން ކުރައްވާނެ،"

ރަމީޒްގެ ދެމަފިރިން ސިފައިން ގެއާ ގުޅިވަޑައިގެންނެވީ އެންމެ ޖޫނިއާ ލެވެލްއިންނެވެ. އަދި އެމްއެންޑީއެފްގެ އެކި ޓްރެއިނިންތަކާއި ޒިންމާތަކަށް ފަހު، ކެޕްޓަންގެ މަގާމަށް ވަޑައިގެންނެވި ނަމަވެސް، ވަޒީފާގެ ގޮތުން ދެ ބޭފުޅުން ގިނައިން ވަކިން އުޅުއްވަން ޖެހިވަޑައިގެންނެވި އެވެ. މީހުން ޓްރެއިން ކުރެއްވުމަށް އެއް ބޭފުޅަކު އެއް ރަށުގައި ހުންނަވާއިރު، އަނެއް ބޭފުޅަކު ހުންނަވަނީ އެހެން ރަށެއްގަ އެވެ. އެކަމަކު އެ ދެމަފިރިންގެ ހުރި ހަމައެކަނި ދަރިފުޅު ބެލުމުގައި އެއްވެސް ކަމެއް އުންޏެއް ނުކުރައްވަ އެވެ.

އެ ދެބޭފުޅުން ނަމޫނާއަކަށް އިހްސާން ނަންގަވަނީ، ސިފައިންގޭގެ ޒިންމާއެއް މަތިވުމުން، އާއިލާ އުޒުރަކަށް ދައްކަވާފައި ހަނާ އެކަމަށް ނޫނެކޭ ވިދާޅުނުވާތީ އެވެ. އަދި ރަމީޒް ވެސް، އޭނާއާ ހަވާލު ކުރައްވާ މަސައްކަތް އެންމެ ފުރިހަމައަށް އަދާ ކުރައްވާތީ އެވެ. ދެމަފިރިން އެއް ފަހަރާ ޑިއުޓީއަށް ނިކުންނަވަން ޖެހި، ދެ ތަނެއްގައި ތިއްބަވައިގެން މަސައްކަތް ކުރަން ޖެހިވަޑައިގެންނެވި ނަމަވެސް، އެކަމާ ޝަކުވާ ނުކުރައްވައި ޒިންމާތައް ނަންގަވާތީ އެވެ. އެގޮތުގައި އެ ދެމަފިރިން ވަނީ އެތައް ސިފައިންނެއް ތަމްރީނުކުރައްވައިފަ އެވެ.

ފަރުވާއެއް މިހާތަނަށް ހޯދިފައިނުވާ، ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސްއާ ކުރިމަތިލުމަށް ކުރީ ސަފަށް ނުކުންނަ ކޮންމެ މީހަކު ވެސް އިހުސާން ދެކިވަޑައިގަންނަވަނީ ހީރޯއެއްގެ ގޮތުގަ އެވެ. އެކަމަކު، ބައްޔަށް ޕޮޒިޓިވްވެފައި ތިބި ބަޔަކު ބަލަހައްޓަން، ދެމަފިރިން އެކުގައި ނުކުންނެވުން އޭނާ ސިފަ ކުރައްވަނީ އިންތިހާއަށް ހިތްވަރުގަދަ އަމަލެއްގެ ގޮތުގަ އެވެ.

"އެއީ ކޮންމެ ފަދަ ކަމަކާ ގައުމު ކުރިމަތިލާން ޖެހުނަސް، ފަހަތަށް ނުޖެހޭނެކަން ދައްކައިދޭނެ ސިފައިންގެ ބޭފުޅުން،" އިހުސާން ވިދާޅުވި އެވެ.