Roadha Mihaaru
ކޮވިޑުން ރަނގަޅުވެ، ސިފައިންގެ މީހާ މަސައްކަތަށް

ކޮވިޑް-19 އިން ރަނގަޅުވެ ބަލި ޖެހުނު ދިވެހި ފުރަތަމަ މީހާ މަސައްކަތަށް

03 މެއި 2020

ކޮވިޑް-19 ޖެހުނު ދިވެހި ފުރަތަމަ މީހާ، އެ ބަލިން ރަނގަޅުވެ މިއަދު މަސައްކަތަށް ނުކުމެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑް-19 ޖެހުނު ދިވެހި ފުރަތަމަ މީހާ، އެ ބަލިން ރަނގަޅުވެ މިއަދު މަސައްކަތަށް ނުކުމެއްޖެ އެވެ.

ރާއްޖޭގައި، ދިވެއްސަކަށް ކޮވިޑް-19 ޖެހިފައިވާކަން ސަރުކާރުން ފުރަތަމަ އިއުލާންކުރީ މާޗު، 27ގަ އެވެ. އެ ދުވަހު ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން އެޗްޕީއޭ އިން ހާމަކުރި ތިން މީހުންގެ ތެރެއިން އެކަކީ ސިފައިންގޭގައި މަސައްކަތް ކުރާ މުއައްމަރު މުހައްމަދެވެ. ރާއްޖެ އިން ދެން އެ ދުވަހު އެ ބަލި ޖެހިފައި ވަނީ އިޓަލީގެ ތިން ޓޫރިސްޓަކަށެވެ.

މުއައްމަރު ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން އެނގުނީ އިނގިރޭސި ވިލާތުން ރާއްޖެ އައުމުން ހެދި ޓެސްޓުތަކުންނެވެ.

ކަރަންޓީނުން ދޫކުރުމާ ގުޅިގެން، ކުރި ޓްވީޓެއްގައި މުއައްމަރު ބުނީ ކޮވިޑް-19 އިން މުޅިން ރަނގަޅުވެ މަސައްކަތް ނުކުތުމަކީ ލިބުނު ފަޚުރެއް ކަމަށެވެ. އޭނާ ވަނީ ފަރުވާ އަށް އއ. ވެލިދޫ ކަރަންޓީން ފެސިލިޓީގައި ހޭދަކުރި މުއްދަތުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަދި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ދެއްވި އެހީތެރިކަމާއި ހިތްވަރަށް އަދި ފަރުވާ ދިން ޑޮކްޓަރުންނަށް ޝުކުރު އަދާކޮށްފަ އެވެ.

ކޮވިޑް-19 މިހާތަނަށް ޖެހުނު ސިފައިންގެ އަދަދަކީ ފަހެއް ކަމަށް އެމްއެންޑީއެފުން ކުރިން ވަނީ ބުނެފަ އެވެ. އަދި ގިނަ ބަޔަކު ވަނީ އެކަމާ ގުޅިގެން އައިސޮލޭޓް ވެސް ކޮށްފަ އެވެ. އެކަމަކު، ސަރުކާރުގެ މިހާރުގެ ވިސްނުމަކީ ސިފައިންނާއި ފުލުހުންގެ ތެރެއިން އެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ހާމަނުކުރުމެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 500 އަށް ވުރެ އިތުރުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ މީހުންނެވެ.