Roadha Mihaaru
ވިއްސާރައިގައި އައްޑޫގެ 151 ގެއަކައަށް ގެއްލުންވި

ވިއްސާރައިގައި އައްޑޫގެ 151 ގެއަކަށް ގެއްލުންވި

15 މެއި 2020

އައްޑު އަށް އިއްޔެ ބޯކޮށް ވާރޭ ވެހި ފެންބޮޑުވި ހާދިސާގައި މިހާތަނަށް 151 ގެއަކަށް ގެއްލުންވެފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑު އަށް އިއްޔެ ބޯކޮށް ވާރޭ ވެހި ފެންބޮޑުވި ހާދިސާގައި މިހާތަނަށް 151 ގެއަކަށް ގެއްލުންވެފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުންވީ އައްޑޫގެ ގުޅިފައިވާ އަވަށްތަކަށެވެ. ފޭދޫގެ 98، މަރަދޫން 11، މަރަދޫފޭދޫން 19 އަދި ހިތަދޫން 28 ގެއަކަށް ގެއްލުން ލިބުނެވެ.

މި ގެތަކުގެ ފަރުނީޗާރަރާއި ކަރަންޓާ ސާމާނުތަކާއި އެ ނޫން ވެސް ހިފައިގެންގުޅޭ ތަކެއްޗަށް ވަނީ ގެއްލުން ލިބިފަ އެވެ. ހާލުގައި ޖެހުނު ގޭބިސީތަކެއްގެ 400 މީހަކަށް އިއްޔެ ރޯދަ ވީއްލުމުގެ އިންތިޒާމުތައް ވެސް ހަމަޖައްސައި ދިން ކަމަށް ކައުންސިލުން ބުންޏެވެ.

ބުދަ ދުވަހުގެ ދަންވަރުން ފެށިގެން އިއްޔެ މެންދުރާ ހަމައަށް އައްޑު އަށް ކުރި ވިއްސާރައިފައި 156 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މެޓް އޮފީހުން ބުންޏެވެ.

ވާރޭ ވެހި ފެންބޮޑުވެ، ގެތަކަށް ގެއްލުންވުމާ ގުޅިގެން ފުލުހުންނާއި ސިފައިން ވަނީ ފެން ބޮޑުވި ސަރަހައްދުފައި ފެން ހިއްކުމާއި ވެލި ބަސްތާތައް ޖެހުމުގެ މަސައްކަތްކޮށްފަ އެވެ. އަދި މި މަސައްކަތް އަވަށްތަކުގެ މީހުން އަމިއްލަ އަށް ވެސް ކޮށްފައިވެ އެވެ.

ކައުންސިލުން ބުނި ގޮތުގައި ވިއްސާރައިގައި ލިބުނު ގެއްލުންތަކުގެ މައުލޫމާތު ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް (އެންޑީއެމް) އާ ހިއްސާކުރާނެ އެވެ.