Roadha Mihaaru
އެމެރިކާއާ ހެދި ވާވޭ އަށް ބޮޑު ރިހުމެއް

އެމެރިކާއާ ހެދި ވާވޭ އަށް ބޮޑު ރިހުމެއް

17 މެއި 2020

އެމެރިކާ އިސްވެ އޮވެ ވާވޭ އަށް ދަތިކުރަން ކުރާ މަސައްކަތްތަކަށް އަހަރެއް ވަނީ އެވެ. އަހަރު ހަމަވުމާ އެކު އަދި އިތުރު އެއް އަހަރު ދުވަހަށް ދަތިކުރުމުގެ މުއްދަތު ދަންމާލަން އެމެރިކާ އިން ވަނީ ނިންމައިފަ އެވެ. އެމެރިކާ ދެކޭ ގޮތުގައި އަދި މި ވަރު ވެސް ކުޑަ އެވެ. ދަތިކުރުމުގެ ފިޔަވަޅުތައް އިހުނަށް ވުރެ ވަރުގަދަކޮށްގެން މެނުވީ ވާވޭ އަށް ވިސްނޭނެ ކަމަކަށް އެމެރިކާ ނުދެކެ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

އެމެރިކާ އިސްވެ އޮވެ ވާވޭ އަށް ދަތިކުރަން ކުރާ މަސައްކަތްތަކަށް އަހަރެއް ވަނީ އެވެ. އަހަރު ހަމަވުމާ އެކު އަދި އިތުރު އެއް އަހަރު ދުވަހަށް ދަތިކުރުމުގެ މުއްދަތު ދަންމާލަން އެމެރިކާ އިން ވަނީ ނިންމައިފަ އެވެ. އެމެރިކާ ދެކޭ ގޮތުގައި އަދި މި ވަރު ވެސް ކުޑަ އެވެ. ދަތިކުރުމުގެ ފިޔަވަޅުތައް އިހުނަށް ވުރެ ވަރުގަދަކޮށްގެން މެނުވީ ވާވޭ އަށް ވިސްނޭނެ ކަމަކަށް އެމެރިކާ ނުދެކެ އެވެ.

ފާއިތުވި އަހަރު އެމެރިކާ އިން އެންމެ ބޮޑަށް މަސައްކަތްކުރީ، ސްމާޓްފޯން މާކެޓުން ވާވޭ ފައްސާލުމަށެވެ. އެ ނިޔަތުގައި، އެމެރިކާގެ ކުންފުނިތަކުން ވާވޭ އަށް މުދާ ވިއްކުން މުޅިން މަނާކުރި އެވެ. ވާވޭ ސްމާޓްފޯނުތައް ހިންގަން ކޮންމެހެން ބޭނުންޖެހޭ ހާޑްވެއާ އަދި ސޮފްޓްވެއާ މޮޑިއުލްތައް އެމެރިކާއިން ބޭނުކުރުން މަނާކުރި އެވެ. ވާވޭ އެންޑްރޮއިޑް ފޯނުތަކުގައި ބޭނުންކުރުމަށް ގޫގުލްގެ މޮބައިލް އެޕްލިކޭޝަންތައް ނުދޭން ނިންމި އެވެ. މި ވަރުން ވެސް ވާވޭ ހުއްޓުވާލެވޭ ގޮތެއް ނުވި އެވެ.

އެމެރިކާ އިން މި ފަހަރު އަމާޒުކޮށްފައި ވަނީ ވާވޭ ޗިޕްތަކަށެވެ. އެއީ ސްމާޓްފޯނުތައް އަދި ވާވޭ 5ޖީ ޓެކްނޮލޮޖީ ތަރައްގީކުރުމަށް ބޭނުންވާ ޗިޕްތައް ވެސް ހިމެނޭ ގޮތުގަ އެވެ. އެމެރިކާގެ އެއްވެސް ކުންފުންޏަކުން މަދަދުލިބޭ އެއްވެސް ކުންފުންޏަކުން ވާވޭ އަށް ޗިޕްތައް އުފައްދައިދިނުން އެމެރިކާ އިން މި ފަހަރު ވަނީ މަނާކޮށްފަ އެވެ. ވާވޭ އަށް މިއީ ކުރި އަށް ވުރެ ވެސް ގަދަ ރިހުމަށް ވާނެ ކަމަށް ބެލެވެ އެވެ.

ވާވޭ އަށް ދަތިކުރަން އެމެރިކާ އިން ކުރަމުންދާ މަސައްކަތްތަކުގެ ފޯކަސް ބަދަލުވަމުން ދާ ގޮތް ވާވޭ އިން ދިޔައީ ބަލަމުންނެވެ. ނަމަވެސް، ކުއްލިއަކަށް ވެއްޓުނު ފުން ވަޅުގަނޑުން އަރައިގަތުމަށް، ކުރު މުއްދަތެއްގެ ތެރޭގައި، މުހިންމު މަސައްކަތްތަކެއް ވާވޭ އަށް ކުރެވޭނެ ގޮތެއް ނުވި އެވެ.

ވާވޭ އެންމެ ބޮޑަށް ސަމާލުވި ކަމަށް ބެލެވެނީ ސްމާޓްފޯން މާކެޓްގައި ދެމިއޮވެވޭނެ ގޮތެއް ހޯދުމަށެވެ. އެ ގޮތުގައި، ވާވޭ ސްމާޓްފޯނުތައް، ގޫގުލްއާ ނުލައި ބޭނުންކުރެވޭ ގޮތްތަކެއް ހޯދަން މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. އަދި ކޮންމެވެސް ވަރެއްގެ ކާމިޔާބެއް ވަނީ ހޯދައިފަ އެވެ.

އެމެރިކާ އިން ވާވޭ ޗިޕްތަކަށް އަމާޒުކުރާނެކަން ވާވޭ އަށް އޮތީ އެނގިފަ އެވެ. "ޓައިވާން ސެމީކޮންޑަކްޓާ މެނޫފެކްޗަރިން ކޮމްޕެނީ" އަށް ވާވޭ އިން ޗިޕް އުފައްދަން ދިން އޯޑަރު ކެންސަލްކުރީ މި ސަބަބާ ހެދި އެވެ. ވާވޭ އިން ދެން ޗިޕްތައް އުފައްދާނީ "ސެމީކޮންޑަކްޓާ މެނޫފެކްޗަރިން އިންޓަނޭޝަލް ކޮމްޕެނީ" ންނެވެ މިއީ ޗައިނާ ކުންފުންޏެކެވެ. އެމެރިކާ އަށް ބާރުނުފޯރުވޭ ފަށުގައި އޮތް "އެސްޓީއެމް މައިކްރޮއިލެކްޓްރޯނިކްސް" ވެސް އޮތީ ވާވޭ އަށް ޗިޕް އުފައްދައިދޭން ތައްޔާރަށެވެ.

ވާވޭ އަށް ކުރިމަތީގައި އޮތީ ދަތި ދުވަސްތަކެކެވެ. މަސައްކަތްތައް ހުއްޓާނުލައި ކުރި އަށް ގެންދެވޭނެ ގޮތްތަކެއް ފެންނަ ފަށުގައި ހުރި ނަމަވެސް، މާކެޓް ބެލެންސް ދެމެހެއްޓުމުގައި ބޮޑު ދަތިތަކެއް ކުރިމަތިވާނެ ކަމަށް ބެލެވެ އެވެ. ވާވޭ ސްމާޓްފޯނުތަކަށް ދިމާވި ދަތިތަކަށް ވުރެ މި ފަހަރު ދިމާވެފައި ވާ އުނދަގޫތަކުން އަރައިގަންނަން ދުވަސް ނަގާނެ އެވެ. ޗިޕް މާކެޓްގައި ވާވޭ ދެން ޝާމިލްވާނެ ގޮތްތައް ވެސް މި ވަނީ އަލުން ކުރަހަންޖެހިފަ އެވެ.