Roadha Mihaaru
ދައުރު ދަންމަން ސަރުކާރުން ހުށަހެޅި ބިލް އެޖެންޑާކޮށްފި

ކައުންސިލް މެމްބަރުންގެ ދައުރު އިތުރުކުރަން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު އެޖެންޑާކޮށްފި

16 މެއި 2020

މިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެންދާ ގޮތަށް ގާނޫނު އަސާސީ އަށް އިސްލާހު ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް އެޖެންޑާކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެންދާ ގޮތަށް ގާނޫނު އަސާސީ އަށް އިސްލާހު ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް އެޖެންޑާކޮށްފި އެވެ.

ކޮވިޑް-19 ގެ ސަބަބުން ކައުންސިލް އިންތިޚާބު ފަސްކުރަން ޖެހުމުން އާ ކައުންސިލް މެމްބަރުންގެ ހުވާ ކުރެވެންދެން މިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެންދާ ގޮތަށް ސަރުކާރުން ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅާފައި ވަނިކޮށް ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބަދަލުގައި ޚާއްސަ ގާނޫނެއް އެކަމަށް ފާސްކުރުމުގެ ބިލެއް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވަނީ މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ. އެކަމަކު ގާނޫނު އަސާސީ އިސްލާހު ނުކޮށް، އާންމު ގާނޫނަކުން އެ ބަދަލު ނުގެނެވޭނެ ކަމަށް ބުނެ ފާޑުކިޔުންތައް އޮތީ އެކަމަށް އަމާޒުވެފަ އެވެ.

ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ހުށަހެޅުއްވި އެ ބިލްގެ ފުރަތަމަ ކިޔުން އަންނަ ހޯމަ ދުވަހުގެ ޖަލްސާ އަށް މިހާރު ވަނީ އެޖެންޑާކޮށްފަ އެވެ.

ސަރުކާރުން ހުށަހެޅި ބިލް އެޖެންޑާ ކުރިއިރު، ހަސަން ހުށަހެޅުއްވި ބިލް މަޖިލީހުގެ ލާ މަރުކަޒީ ކޮމެޓީން މިހާރު އަންނަނީ ދިރާސާ ކުރަމުންނެވެ. އެކަމަކު ގާނޫނު އަސާސީގައި ކައުންސިލް މެމްބަރުންގެ ދައުރު ކަނޑައަޅާފައި ވަނިކޮށް، ގާނޫނު އަސާސީ އިސްލާހު ކުރުމެއް ނެތި، އާންމު ގާނޫނަކުން އެ ބަދަލު ނުގެނެވޭނެ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި މަޖިލީހުގެ ކައުންސެލާ ޖެނެރަލް ފާތިމަތު ފިލްޒާ ވެސް އޮތީ ލަފާ ދެއްވައިފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ކައުންސިލް އިންތިޚާބު އެއް އަހަރަށް ފަސް ކުރުމުގެ ގާނޫނު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދާދިފަހުން ވަނީ ތަސްދީގު ކުރައްވައިފަ އެވެ. އެކަމަކު މިހާރު ތިބި ކައުންސިިލް މެމްބަރުންގެ ދައުރު އަންނަ މަހު ހަމަވުމުގެ ކުރިން އެ މަގާމުތަކާ މެދު ގޮތެއް ނިންމަން ޖެހެ އެވެ.