Roadha Mihaaru
މި އަންހެން މީހާގެ ބަރުދަނީ 500 ކިލޯ!

މި އަންހެން މީހާގެ ބަރުދަނީ 500 ކިލޯ!

16 އޮކްޓޯބަރ 2016

ގާހިރާ (އޮކްޓޯބަރު 16) - މިއީ މިސްރުގެ އިސްކަންދަރިއްޔާގެ ރައްޔިތެއް ކަމަށްވާ އީމާން އަހުމަދު އަބްދުލްލަތީ އެވެ. އުމުރަކީ 36 އެވެ. ބަރުދަނަކީ 500 ކިލޯ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ގާހިރާ (އޮކްޓޯބަރު 16) - މިއީ މިސްރުގެ އިސްކަންދަރިއްޔާގެ ރައްޔިތެއް ކަމަށްވާ އީމާން އަހުމަދު އަބްދުލްލަތީ އެވެ. އުމުރަކީ 36 އެވެ. ބަރުދަނަކީ 500 ކިލޯ އެވެ.

މި އަންހެން މީހާ އާދަޔާޚިލާފަށް ބަރުވުމުން އޭނާ އަށް ގެއިން ބޭރަށް ދެވެނީކީ ނޫނެވެ. އޮތް ތަނުން އަމިއްލަ އަށް ހިއްލާލެވެނީކީ ނޫނެވެ. އޭނާގެ ބަރުދަނުގެ މައްސަލަ އަށް މިސްރުގެ ހޮސްޕިޓަލްތަކުން އަދި މިހާތަނަށް ހައްލެއް ހޯދިފައެއް ނުވެ އެވެ.

އީމާންގެ ދަައްތަ ޝަޔާމާ އަހުމަދު އަބްދުލާތީ އަލް އަރަބިއާ އަށް ބުނީ އާއިލާގައި ތިބެނީ އެ ދެ ދެބެންނާއި މަންމަ ކަމަށެވެ. އަދި ބައްޕަ ވަނީ މަރުވެފައި ކަމަށް ބުންޏެވެ. އެހެންވެ އީމާން އަށް އެހީތެރިވެދެނީ މަންމަ އާއި އޭނާ ކަމަށް ބުންޏެވެ. ކާން ދިނުމާއި ފާޚާނާ އަށް ގެންގޮސް ދިނުމާއި އޭނާ ކައިރީ ވަގުތު ހޭދަކުރަނީ މަންމަ އާއި އޭނާ ކަމަށް ވެސް ޝަޔާމާ ބުންޏެވެ.

ޝަޔާމާ ބުނީ އީމާން އެންމެ ފުރަތަމަ ދެ އަތް ބޭނުންކޮށްގެން ހަރަކާތް ކުރި ކަމަށެވެ. އަދި އުމުރުން 11 އަހަރުގައި އޭނާ ފިރުކުނު ކަމަށް ވެސް ބުންޏެވެ. އެކަމަކު އޭރު ވެސް ގެއިން ބޭރަށް ނުދެވޭ ކަމަށް ބުންޏެވެ. އީމާން އަށް ހަރަކާތް ނުކުރެވޭ ހިސާބަށް ދިޔައީ ސްޓްރޯކެއް ޖެހުނު ހިސާބުން ކަމަށް ވެސް ޝަޔާމާ ބުންޏެވެ.

އޭނާ އިތުރަށް ބުނީ އީމާން އުފަންވީއިރު ވެސް މައްސަލަ ހުރި ކަމަށާއި ވިހޭއިރު ވެސް ބަރުދަނަކީ ފަސް ކިލޯ ކަމަށެވެ. އީމާންގެ ގްލޭންޑްތަކުގެ މައްސަލަ ހުރުމުން ޑޮކްޓަރުން ފަރުވާ ދީފައިވާ ކަމަށް ވެސް ޝަޔާމާ ބުންޏެވެ.

އީމާންގެ އާދަޔާޚިލާފަށް ފަލަވެ ބަރުދަން އިތުރުވުމުގެ ސަބަބުން ވަނީ ފަށާ ތައުލީމަށް ފަހު ކިޔަވަން ދިއުމުން ވެސް މަހްރޫމްވެފަ އެވެ. އޭނާގެ އުމުރުން 11 އަހަރުގައި ބަރުދަން މާ މައްޗަށް ގޮސް އަމިއްލަ ފައި މައްޗަށް ކޮޅަށް ނުހުރޭ ހިސާބަށް ދިޔަ ކަމަށް ޝަޔާމާ ބުންޏެވެ. ޑޮކްޓަރުން ބުނެފައި ވަނީ އީމާން އަށް ދިމާވެފައި ވަނީ އެލަފަންޓިއޭސިސް ނުވަތަ ފަލަވާ ބަލި ކަމަށެވެ.