Roadha Mihaaru
އެންމެ ބަރު މީހާ އިތުރު ފަރުވާ އަށް ޔޫއޭއީ އަށް ގެންދަނީ

އެންމެ ބަރު މީހާ އިތުރު ފަރުވާ އަށް ޔޫއޭއީ އަށް ގެންދަނީ

28 އެޕްރީލް 2017

މުމްބާއީ (އެޕްރީލް 28) - ދުނިޔޭގެ އެންމެ ބަރު މީހާ މިސްރުގެ އީމާން އަހުމަދަށް މިހާރު ފަރުވާދޭ އިންޑިއާގެ މުމްބާއީގެ ސައިފީ ހޮސްޕިޓަލުން ޔޫއޭއީ އަށް ބަދަލު ކުރަން ނިންމައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

މުމްބާއީ (އެޕްރީލް 28) - ދުނިޔޭގެ އެންމެ ބަރު މީހާ މިސްރުގެ އީމާން އަހުމަދަށް މިހާރު ފަރުވާދޭ އިންޑިއާގެ މުމްބާއީގެ ސައިފީ ހޮސްޕިޓަލުން ޔޫއޭއީ އަށް ބަދަލު ކުރަން ނިންމައިފި އެވެ.

އޭނާ މި ގެންދަނީ ބަރުދަން ލުއި ކުރުމަށް އިންޑިއާގައި ދޭ ފަރުވާ ކާމިޔާބުވެ އޭނާގެ ބަރުދަނުގައި ހުރި 500 ކިލޯގެ ތެރޭން ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑަށް ލުއިވެފައިވާ ކަމަށް ޑޮކްޓަރުން ބުނި ނަމަވެސް އާއިލާ އިން އެކަން ދޮގުކޮށް ދެ ފަރާތުގެ މެދުގައި މައްސަލަ އުފެދިފައި ވަނިކޮށެވެ. ސައިފީ ހޮސްޕިޓަލުން ބުނީ އީމާންގެ ބަރުދަން މިހާރު 172 ކިލޯ އަށް ތިރިވެފައިވާ ކަމަށެވެ. އަދި އޭނާ ބޭނުން ކޮންމެ ތަނަކަށް މިހާރު ދަތުރު ކުރެވޭނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެފައިވެ އެވެ. ނަމަވެސް އީމާންގެ އަންހެން ކޮއްކޮ ބުނެފައި ވަނީ ހޮސްޕިޓަލުން ހަދަނީ ދޮގު ކަމަށެވެ. އީމާން އަށް ފަރުވާ ދިނުމަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އަބޫ ދާބީގެ ބުރްޖީލް ހޮސްޕިޓަލަށެވެ.

ސައިފީ ހޮސްޕިޓަލުން ބުނެފައި ވަނީ އީމާން އަށް ދިން ފަރުވާއާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި ކާގޯ ޗާޓަރު ފްލައިޓެއްގައި އިންޑިއާ އަށް ގެންދިޔަ އީމާން ޕަސިންޖާ ފްލައިޓެއްގެ ބިޒްނަސް ކްލާހުގައި ދަތުރުކޮށްފައި ދިއުމަކީ ހޮސްޕިޓަލުގެ ފަރުވާގެ ކާމިޔާބުކަން ކަމަށް ބުނެފައިވެ އެވެ. އަދި އީމާން އަށް މިހާރު ވީލްޗެއާގައި އިނދެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އީމާންގެ އަންހެން ކޮއްކޮ ޝައިމާ ސާލިމް ވީޑިއޯ މެސެޖެއް މެދުވެރިކޮށް ބުނެފައި ވަނީ އީމާނަށް ފަރުވާ ދޭ މުމްބާއީގެ ހޮސްޕިޓަލުންނާއި ޑޮކްޓަރުން އާއްމުންނަށް ވަރަށް ބޮޑަށް އޮޅުވާލާ ދޮގު ހަދަމުންދާ ކަމަށެވެ. ކޮއްކޮ ތުހުމަތު ކުރި ގޮތުގައި ޑޮކްޓަރުން މިހާރު އުޅެނީ އީމާނަށް ރަނަގަޅަށް ފަރުވާ ނުދީ މިސްރަށް ފޮނުވާލަން ކަމަށެވެ.

މި މަހު 14 ވަނަ ދުވަހު މޯބައިލް ފޯނަކުން ނަގާފައިވާ ކަމަށް ބެލެވޭ ވީޑިއޯގައި އީމާންގެ ކޮއްކޮ ބުނަނީ ހޮސްޕިޓަލަށް ގެނައި ފަހުން އީމާނަށް ދެ ފަހަރަކު ތުރޮމްބޯސިސް ޖެހިފައިވާ ކަމަށާއި އެ ހޮސްޕިޓަލުގައި އެކަމަށް ފަރުވާ ދެވެން ނުހުންނަ ކަމަށެވެ. އަދި އީމާނަށް ފަރުވާ ދޭ ޑޮކްޓަރުން ބަލި މީހާ އަށް ބެލުމެއް ނެތި މީޑިއާގައި ދޮގު ހަދަމުންދާ ކަމަށް ވެސް ޝައިމާ ބުނެފައިވެ އެވެ.

އީމާން، 36، އަށް ފަރުވާ ދޭ ހޮސްޕިޓަލުން ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ. އަދި އީމާނަށް ފަރުވާ ދޭ މަޝްހޫރު ބެރިއޭޓްރިކް ސާޖަން މުއްފަޒަލް ލަކްދަވާލާ ވެސް ވަނީ އީމާންގެ ކޮއްކޮގެ ވާހަކަތައް ދޮގުކޮށްފަ އެވެ.

ސިއްހީ ދާއިރާގައި ޑރ. ލަކްދަވާލާ ކުރައްވާ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން އޭނާ އަށް މި މަހު 13 ވަނަ ދުވަހު ވަނީ "މޭން އޮފް ދި އިޔާގެ" އެވޯޑް ދީފަ އެވެ. އެވޯޑާ ހަވާލުވުމަށް ފަހު ޑރ. ލަކްދަވާލާ ވަނީ އީމާންގެ ބަރުދަނުން 242 ކިލޯ ލުއިވިކަން އިއުލާން ކުރައްވައިފަ އެވެ.

ފަރުވާ ދިނުމަށް އިމާން މުމްބާއީ އަށް ގެންދިޔައީ ފެބްރުއަރީ 11 ވަނަ ދުވަހު އެވެ. ދިޔާ ތަކެތި ދިނުމާއި ފިޒިއޮތެރަޕީ ހައްދައިގެން އޭނާގެ ބަރުދަނުން މަސް ދުވަސްތެރޭ ވަނީ 100 ކިލޯ ލުއިކޮށްފަ އެވެ. މާޗް 7 ވަނަ ދުވަހު ވަނީ ލެޕަރޮސްކޯޕިކް ސްލީވް ގެސްޓްރެކްޓޮމީ ސާޖަރީއެއް ހަދައިފަ އެވެ. މާޗް 29 ވަނަ ދުވަހު އީމާންގެ ބަރުދަން ހުރީ 340 ކިލޯގަ އެވެ. ތޭރަ ދުވަސް ތެރޭ އީމާންގެ ބަރުދަނުން 98 ކިލޯ ލުއިވިކަން ޑޮކްޓަރު އިއުލާން ކުރެއްވުމުން ގިނަ ބަޔަކަށް ވަނީ ހައިރާންކަން ލިބިފަ އެވެ.

އީމާންގެ ބަރުދަން ލުއިވާން ފެށުމުން އޭނާގެ ހިތާއި ކިޑްނީ އަދި ފުއްޕާ މެ އާއި ފްލުއިޑް ލެވެލް މިހާރު ވަނީ ކޮންޓްރޯލް ލެވެލްއެއްގައި ކަމަށް ޑޮކްޓަރުން ބުނެ އެވެ. އެކަމަކު މީގެ ތިން އަހަރު ކުރިން ޖެހުނު ސްޓްރޯކެއްގެ ސަބަބުން އީމާންގެ ކަނާތް ފަރާތް ވަނީ ޕެރަލައިޒްވެފަ އެވެ.

އީމާންގެ އާއިލާ އިން ބުނީ އޭނާ ވިހޭއިރު ވެސް ބަރުދަނުގައި 5 ކިލޯ ހުރި ކަމަށެވެ. އަދި އުމުރުން 11 އަހަރުން ފެށިގެން އޭނާގެ ބަރުދަން އާދަޔާޚިލާފަށް އަވަހަށް އިތުރުވަމުން ދިޔަ ކަމަށް ވެސް ބުނެފައިވެ އެވެ. އޭނާ ގެއިން ނުނިކުންނަތާ ވެސް 25 އަހަރުވެއްޖެ އެވެ.