Roadha Mihaaru
އެޗްއާރުސީއެމްގެ މެމްބަރުން މަގާމުން ވަކިކުރަނީ

އެޗްއާރުސީއެމްގެ މެމްބަރުން މަގާމުން ވަކިކުރަން އެޖެންޑާކޮށްފި

18 މެއި 2020

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެމްބަރުން މަގާމުން ވަކިކުރުމާ މެދު މަޖިލީހުގެ ރިޔާސަތުން ގޮތެއް ނިންމުން މިއަދުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފި އެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެމްބަރުން މަގާމުން ވަކިކުރުމާ މެދު މަޖިލީހުގެ ރިޔާސަތުން ގޮތެއް ނިންމުން މިއަދުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފި އެވެ.

މިއަދު ހެނދުނު 11:00 ގައި ބާއްވާ ޖަލްސާ އަށް އެޖެންޑާ ކޮށްފައި ވަނީ އެޗްއާރުސީއެމްގެ މެމްބަރުން މަގާމުން ވަކިކުރުމުގެ މައްސަލަ، މަޖިލީހުގެ ގަވައިދުގެ 210 ވަނަ މާއްދާގެ (ށ) ގައި ވާ ގޮތުގެ މަތިން މަޖިލީހުގައި އިއުލާން ކުރުމެވެ. އެ މައްސަލަ ކުރިއަށް ގެންދިއުމާ މެދު ރިޔާސަތުން ގޮތެއް ނިންމައި ދިނުމަށް އެދި ފޮނުވީ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީންނެވެ.

މަޖިލީހުގެ ގަވައިދުގެ 210 (ށ) ގައި ބުނެފައި ވަނީ މުސްތަގިއްލު މުއައްސަސާތަކުގެ މެމްބަރުންނާއި މުސްތަގިއްލު މަގާމުގައި ތިއްބަވާ ބޭފުޅުން، އެ މަގާމުތަކުން ވަކިކުރުމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމުން، އެ ކަން މަޖިލީހުގެ ރައީސް މަޖިލީހުގައި އިއުލާން ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. އޭގެ ފަހުން، މަޖިލީހުގައި އެކަމާ މެދު ބަހުސް ކުރުމަކާ ނުލައި، އެ މައްސަލަ ދިރާސާ ކުރުމަށްޓަކައި ކަމާ ގުޅޭ ކޮމިޓީ އަށް ފޮނުއްވަން ވާނެ ކަމަށް ގަވައިދުގައި ބަޔާންކުރެ އެވެ.

މުސްތަގިއްލު މުއައްސަސާތަކާއި މުސްތަގިއްލު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން މަގާމުން ވަކިކުރުމަށް ކޮމިޓިން ނިންމައިފި ނަމަ، މަޖިލީހުގައި ގަވައިދުގައިވާ ގޮތުން މަގާމުން ވަކިކުރަން ބޭނުންވާނީ އެ ޖަލްސާއަކަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތެވެ.

އެޗްއާރުސީއެމްގެ މެމްބަރުންގެ ގޮތުގައި މިހާރު ތިއްބެވީ އައިމިނަތު އީނާސް (ކޮމިޝަންގެ ރައީސް) އާއި މުހައްމަދު ޒާހިދު (ކޮމިޝަންގެ ނައިބު ރައީސް) އާއި މޫސާ އަލީ ކަލޭފާނާއި ނައިވީން އަބްދުﷲ އަދި އާއިޝަތު އަފްރީން މުހައްމަދެވެ.

މި ފަސް ބޭފުޅުން ވެސް އެޗްއާރުސީއެމްގެ މެމްބަރުކަމަށް އައްޔަން ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.

އެ ދުވަސްވަރު އުފެދުނު ސިޔާސީ އޮއިވަރުގެ ތެރޭގައި އެތައް ބައެއްގެ ހައްގު ގެއްލި، ޖަލުގަ އާއި އެހެނިހެން ތަންތަނުގައި އެތައް ބަޔަކަށް ބޮޑެތި އަނިޔާތަކެއް ލިބެމުންދިޔައިރު ވެސް އެޗްއާރުސީއެމުން އެކަށީގެންވާ ފިޔަވަޅު ނާޅައި ލަސްނުކުރި މައްސަލަ އޮތީ ވަރަށް ބޮޑުވެފަ އެވެ. މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ނޮވެމްބަރު 17، 2018 ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ވެސް އެޗްއާރުސީއެމްގެ މެމްބަރުން މަގާމުން ވަކިކުރައްވައި ފިޔަވަޅު ނޭޅުއްވުމުން އެ މަނިކުފާނުގެ ޕާޓީގެ ތެރޭގައި ވެސް ނުރުހުންވި އެތައް ބަޔަކު އެބަތިއްބެވެ.