Roadha Mihaaru
ނާޝިދުގެ ހަނދާން އާކޮށް ވެލެންސިއާގެ ފަރާތުން ޖާޒީއެއް

ފުލޫ ނާޝިދުގެ ހަނދާން އާކޮށް ވެލެންސިއާގެ ފަރާތުން ޖާޒީއެއް

16 އޮކްޓޯބަރ 2016

ކެންސަރު ބަލީގައި މިދިޔަ ހޯމަ ދުވަހުގެރޭ އަވަހާރަވި މަޝްހޫރު މިއުޒީޝަން ޒީރޯ ޑިގްރީ އަހުމަދު ނާޝިދު (ފުލޫ ނާޝިދު)ގެ ހަނދާން އާކޮށް ކްލަބް ވެލެންސިއާގެ ފަރާތުން ނާޝިދުގެ އާއިލާއަށް ހާއްސަ ޖާޒީއެއް ހަދިޔާކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ކެންސަރު ބަލީގައި މިދިޔަ ހޯމަ ދުވަހުގެރޭ އަވަހާރަވި މަޝްހޫރު މިއުޒީޝަން ޒީރޯ ޑިގްރީ އަހުމަދު ނާޝިދު (ފުލޫ ނާޝިދު)ގެ ހަނދާން އާކޮށް ކްލަބް ވެލެންސިއާގެ ފަރާތުން ނާޝިދުގެ އާއިލާއަށް ހާއްސަ ޖާޒީއެއް ހަދިޔާކޮށްފި އެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކްލަބް އީގަލްސް އަތުން 1-0 އިން ވެލެންސިއާ ބަލިވި މެޗުގެ ކުރިން، އެ ކްލަބުގެ ނާޝިދުގެ ހަނދާންތައް އާކުރީ އޭނާ އަކީ އެ ކްލަބުގެ ސަޕޯޓަރަކަށްވެފައި އަދި ކްލަބަށް ގިނަ ހިދުމަތްތަކެއްކޮށްދީފައިވާތީ އެވެ.

ނާޝިދުގެ ދެ ދަރިން ކަމަށްވާ ނަޝާ ނާޝިދު އާއި ނިޝްފާ ނާޝިދުގެ އަދި އަނބިކަނބަލުން ފާތިމަތު ޝަރީފް ޝަރަފްވެރިކޮށްދެއްވި މި މެޗު ފެށުމުގެ ކުރިން ވަނީ ހަމަހިމޭންކަމުގެ ސުކޫތެއް ގެނެސްފަ އެވެ. މި މެޗުގައި އީގަލްސް އާއި ވެލެންސިއާގެ ކުޅުންތެރިން ކުޅުނީ ނާޝިދުގެ ހަނދާނުގައި ކަޅު ބޭންޑް އަޅައިގެންނެވެ.

ވެލެންސިއާ އާއި އީގަލްސް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ވެލެންސިއާ އާއި އީގަލްސް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދިވެހި މިއުޒިކީ ދުނިޔެއަށް އިންގިލާބީ ބަދަލުތަކެއް ގެންނެވި ނާޝިދު ވަނީ ވެލެންސިއާ އިން 90ގެ އަހަރުތަކުގައި ބޭއްވި މަޝްހޫރު "ދަ ހެޕަނިން ޝޯ" އިންތިޒާމްކޮށް އެ ޝޯގައި މިއުޒިކް ކުޅުއްވައިފަ އެވެ. ނާޝިދަކީ ވަރަށް ގިނަ ޒުވާން ލަވަކިޔުންތެރިންނަށް ނަމޫނާ އެކެވެ. ނާޝިދު އިސްކޮށް ހުންނަވައި 1987 ވަނަ އަހަރު އުފެއްދި ޒީރޯ ޑިގްރީ އެޓޯލް ބޭންޑުގެ "ދޯނި" އަލްބަމަކީ، މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ވިކިފައިވާ، އަދި ރާއްޖެ އަންނަ ޓޫރިސްޓުންގެ ތެރޭގައި ވެސް އެންމެ ބޮޑު ތަރުހީބެއް ހޯދާފައިވާ ދިވެހި މިއުޒިކީ އަލްބަމެވެ. އެ އަލްބަމްގައި ހިމެނޭ ހުރިހާ ލަވައެއްހެން ވަރަށް ބޮޑަށް މަޝްހޫރުވެ، އޭގެ 25 އަހަރު ފަހުން، މިއަދު ވެސް އެ އަލްބަމްގެ ލަވަތައް އިވެމުން ދެ އެވެ.