Roadha Mihaaru
ކޮވިޑް-19ގެ ހާލަތާ ހެދި ކާންޓޭ އަށް ލުޔެއް

ކޮވިޑް-19ގެ ހާލަތާ ހެދި ކާންޓޭ އަށް ލުޔެއް

21 މެއި 2020

ލަންޑަން (މެއި 21) - ކޮވިޑް-19ގެ ނުރައްކާތެރި މި ހާލަތުގައި ޗެލްސީގެ ޕްރެކްޓިހުން ފްރާންސްގެ މިޑްފީލްޑަރު އެންގޯލޯ ކާންޓޭ އަށް ލުޔެއްދޭން އެ ކްލަބުން ނިންމައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (މެއި 21) - ކޮވިޑް-19ގެ ނުރައްކާތެރި މި ހާލަތުގައި ޗެލްސީގެ ޕްރެކްޓިހުން ފްރާންސްގެ މިޑްފީލްޑަރު އެންގޯލޯ ކާންޓޭ އަށް ލުޔެއްދޭން އެ ކްލަބުން ނިންމައިފި އެވެ.

ކާންޓޭ ވަނީ ޗެލްސީން މިދިޔަ އަންގާރަ ދުވަހު ބޭއްވި ފަރިތަކުރުންތަކުގައި ބައިވެރިވެފަ އެވެ. އެކަމަކު އެ ދުވަހު ގްރޫޕް ޓްރެއިނިންތަކުގައި ކާންޓޭ ހުރިހާ ސެޝަނެއް ފުރިހަމަ ނުކުރެވުނެވެ. އިއްޔެ ބޭއްވި ކްލަބްގެ ފަރިތަކުރުންތަކުގައި ކާންޓޭ ބައިވެރިއެއްނުވެ އެވެ. ޗެލްސީގެ އޮފިޝަލަކު މީޑިއާ އަށް ބުނީ އަމިއްލަ ސަބަބަކާ ހުރެ ކަންޓޭ އެދުމުން ޕްރެކްޓިހުން ލުޔެއް ދީފައިވާ ކަމަށެވެ.

ހާޓްއެޓޭކެއް ޖެހިގެން 2018 ވަނަ އަަހަރުގެ ވޯލްޑް ކަޕްގެ ކުރިން ކާންޓޭގެ ކޮއްކޮ ވަނީ މަރުވެފަ އެވެ. އުމުރުން 29 އަހަރުގެ ކާންޓޭ މީގެ ދެ އަހަރު ކުރިން ވަނީ ޗެލްސީގެ ޓްރެއިނިން އެއްގެ ތެރެއިން ހޭނެތިގެން ވެއްޓިފަ އެވެ. އެ ފަހަރު ހެދި ޓެސްޓްތަކުން ކާންޓޭގެ ހިތުގެ މައްސަލައެއް ހުރި ކަމަށް ނުދައްކަ އެވެ. އެކަމަކު ފަހަކަށް އައިސް ކާންޓޭ އަށް ތަފާތު އަނިޔާގެ މައްސަލަތައް އަންނަނީ ކުރިމަތިވަމުންނެވެ.

ޕްރިމިއާ ލީގުގެ ގަވާއިދާ އެއްގޮތަށް ކާންޓޭ ވަނީ ޕްރެކްޓިހަށް ނުކުތުމުގެ ކުރިން ކޮވިޑް-19 އަށް ޓެސްޓްކޮށްފަ އެވެ. ޓެސްޓްގެ ނަތީޖާ ނެގެޓިވްކަމަށް ދެއްކި ނަމަވެސް މި ވަގުތު މާހައުލު އޮތްގޮތުން ސްކޮޑާ އެކުގައި ޕްރެކްޓިސް ކުރަން ކާންޓޭ ޖެހިލުންވާތީ ޗެލްސީން އޭނާ އަށް ހާއްސަ ހުއްދައެއް ދިނީ އެވެ. ކާންޓޭ ގޭގައި އިންޑިވިޖުއަލް ޓްރެއިނިންތަކެއް ކުރިއަށްގެންދާ ގޮތަށް ހަމަޖައްސާފައިވާއިރު، އޭނާގެ ހާލަތު ރަނގަޅުވުމުން އަލުން މެޑިކަލް ޗެކަޕްތަކަށް ފަހު ޓީމާ ގުޅެވޭނެ އެވެ.

ގިނަ ބަޔެއްގެ ސަމާލުކަން ކާންޓޭ އަށް ލިބުނީ ލެސްޓާ ސިޓީއާ އެކު 2016 ވަނަ އަހަރު ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި ފަހަރު ދެއްކި ކުޅުމުގެ ސަބަބުންނެވެ. ޖެހިގެން އައި އަހަރު ޗެލްސީ އަށް ބަދަލުވެ އެ ޓީމާ އެކު ވެސް ކާންޓޭ ވަނީ ޕްރިމިއާ ލީގު އުފުލާލައިފަ އެވެ.

އަންނަ މަހު ޕްރިމިއާ ލީގު އަލުން ފަށަން މަސައްކަތްކުރަމުން އަންނައިރު ބައެއް ކުޅުންތެރިން އަންނަނީ ކޮވިޑް-19 ރަނގަޅަށް ކޮންޓްރޯލް ނުކުރެވެނީސް މެޗުތައް ފެށުން ރަނގަޅު ނޫން ކަމަށް ބުނަމުންނެވެ. އެ ގޮތުން ވަޓްފޯޑްގެ ކެޕްޓަން ޓްރޯއި ޑީނޭ ވަނީ ޓްރެއިނިން އަށް ނުކުންނަން ދެކޮޅު ހަދައިފަ އެވެ. ކޮވިޑް އަށް ޕޮޒިޓިވްވި ޕްރިމިއާ ލީގުގެ ހަ ކޭސްގެ ތެރޭގައި ވަޓްފޯޑް ކުޅުންތެރިޔަކު ހިމެނެ އެވެ.