Roadha Mihaaru
ޗެލްސީން 13 ކުޅުންތެރިން ދޫކޮށްލަފާނެ

ވާނާގެ ސޮއި ހޯދައިފި، ޗެލްސީން 13 ކުޅުންތެރިން ދޫކޮށްލަފާނެ

19 ޖޫން 2020

ލަންޑަން (ޖޫން 19) - ޖަރުމަނުގެ ފޯވާޑް ޓިމޯ ވާނާގެ ސޮއި ހޯދުމަށް ފަހު ޗެލްސީން އިތުރު ޓްރާންސްފާތައް ކުރަން ފަންޑް ހޯދުމުގެ ގޮތުން އެ ޓީމުގެ 13 ކުޅުންތެރިން ދޫކޮށްލަފާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ލަންޑަން (ޖޫން 19) - ޖަރުމަނުގެ ފޯވާޑް ޓިމޯ ވާނާގެ ސޮއި ހޯދުމަށް ފަހު ޗެލްސީން އިތުރު ޓްރާންސްފާތައް ކުރަން ފަންޑް ހޯދުމުގެ ގޮތުން އެ ޓީމުގެ 13 ކުޅުންތެރިން ދޫކޮށްލަފާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އުމުރުން 24 އަހަރުގެ ވާނާ ޗެލްސީއާ އެކު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރިއިރު، ރަސްމީކޮށް މި ޓްރާންސްފާގެ ހުރިހާ ކަމެއް ނިމޭނީ އަންނަ މަހު އެވެ. ޗެލްސީން ވާނާގެ ޑީލުގައި މުޅި އެއްކޮށް 65 މިލިއަން ޑޮލަރު ދައްކާނެ އެވެ.

މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި 32 ގޯލު ޖަހާފައިވާ ވާނާ ޗެލްސީ އަށް ބަދަލުވާން ނިންމުމާ އެކު އޮގަސްޓް މަހު އޭނާގެ މިހާރު ކުޅެމުން އަންނަ ކްލަބް ލިޕްޒިގުގެ ޗެމްޕިއަންސް ލީގުގެ މެޗުތަކުން ނުފެންނާނެ އެވެ. މި ސީޒަނުގެ ޗެމްޕިއަންސް ލީގު އަލުން ފަށަން ތާވަލުކޮށްފައިވަނީ އޮގަސްޓް މަހު އެވެ.

ޗެލްސީން އަންނަނީ ޓްރާންސްފާ މާކެޓްގައި ވަރަށް ބޮޑަށް ހަރަކާތްތެރިވަމުންނެވެ. އެ ޓީމުން ހޯދަން މަސައްކަތްކުރަމުން އަންނަ އިތުރު ކުޅުންތެރިންނަށް ބަލާއިރު ބަޔާ ލެވަކޫސަންގެ ކާއީ ހާވާޓްޒް އާއި ލެސްޓާ ސިޓީގެ ބެން ޗިލްވެލްގެ އިތުރުން ވެލެންސިއާގެ ފެރަން ޓޯރޭޒް ހިމެނެ އެވެ. އަދި އިތުރު ސެންޓްރަލް ޑިފެންޑަރަކަށް ޗެލްސީން އަންނަނީ ފާރަލަމުންނެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓަށް ޗެލްސީން ކަނޑައެޅި ބަޖެޓުގެ އިތުރުން މަދުވެގެން 120 މިލިއަން ޑޮލަރު އެ ޓީމުން ހޯދަން ޖެހޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އެއީ ދެން ބޭނުންވާ ކުޅުންތެރިން ގަންނާށެވެ. ޗެލްސީން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ދޫކޮށްލާ ކުޅުންތެރިންގެ އަދަދު 13 އަށް އަރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެ ކުޅުންތެރިންނަކީ އެންގޯލޯ ކޯންޓޭ، އޮލިވިއޭ ޖިރޫޑް، ޖޯޖީނިއޯ، އެމަސަން ޕަލްމިއޭރީ، މިޝީ ބަޓްޝުއާޔީ، މާކޯސް އަލޮންސޯ، ބާބާ ރަހްމާން، ކާޓް ޒޫމާ، އަންޑްރެއަސް ކްރިސްޓައެންސަން، ޓިއޭމޫ ބަކަޔޯކޯ އަދި ރޮސް ބާކްލީ އެވެ. ކޮންޓްރެކްޓް ހަމަވުމުގެ ސަބަބުން ޗެލްސީ ދޫކޮށްލަނީ ވިލިއަން އާއި ޕެޑްރޯ ރޮޑްރިގޭޒް އެވެ.

ކާންޓޭ ހޯދަން ރެއާލުން މަސައްކަތްކުރަމުން އަންނައިރު، އެމަސަން އާއި ޖޯޖީނިއޯ ގެންދަން ބޭނުންވަނީ ޔުވެންޓަސް އިންނެވެ. އިނގިރޭސި ގިނަ ކްލަބްތަކުން އަަލޮންސޯ އާއި ބާކްލީ ގެންދަން މަސައްކަތް ކުރާއިރު، ދާދި ފަހުން ކޮންޓްރެކްޓް އާ ކުރި ޖިރޫޑް ގެންދަން އިންޓަ މިލާނާއި މޮނާކޯ އިން ބޭނުންވެ އެވެ.

ކުޅުންތެރިން ވިއްކާލުމުގައި ޗެލްސީން އެންމެ ބޮޑަށް ބަލާނީ އެ ޓީމަށް ގެނެވޭނެ ކުޅުންތެރިންގެ އަދަދަށް ބެލުމަށް ފަހު އެވެ. އެ ގޮތުން ވަކި މަގާމަކަށް ކުޅުންތެރިން ނުލިބިއްޖެނަމަ ބައެއް ކުޅުންތެރިން ވިއްކާލުމުގައި ދެ ވަނަ ވިސްނުމަކަށްދާނެ އެވެ.

މިދިޔަ ސީޒަން ފެށިއިރު ޗެލްސީ އަށް ކުޅުންތެރިން ނުގެނެވޭ ގޮތަށް ސަސްޕެންޝަނެއްގައި އޮންނަން ޖެހުމުން އެ ޓީމުގެ ކޯޗު ފްރޭންކް ލަމްޕާޑް ބޭނުންވާ ކުޅުންތެރިން ނުގެނެވުނެވެ. އެކަމަކު ޓްރާންސްފާގެ އަދަބަށް ލުޔެއް ލިބުމާ އެކު ޗެލްސީން ވަނީ ޓީމު ވަރުގަދަ ކުރަން މަސައްކަތް ފަށައިފަ އެވެ. އެ ގޮތުން ވާނާގެ އިތުރުން އަޔަކްސް އަށް ކުޅޭ މޮރޮކޯގެ ހަކީމް ޒިޔެޗް ވަނީ ގެނެސްފަ އެވެ.

ކުރިއަށް އޮތް ޓްރާންސްފާ މާކެޓްގައި ގިނަ ޓީމުތަކަކުން މާ ބޮޑު ހަރަދުތަކެއް ނުކުރާނެ އެވެ. ސަބަބަކީ ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ މާލީ ނުތަނަވަސްކަމެވެ. ފުޓްބޯޅަ ތަޖުރިބާކާރުން ދެކޭގޮތުގައި ކުރިއަށް އޮތް ޓްރާންސްފާ މާކެޓްގައި ޓީމު ވަރުގަދަ ކުރަން އެންމެ މަސައްކަތްކުރާނެ އިނގިރޭސި ދެ ކްލަބަކީ ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑް އެވެ.