Roadha Mihaaru
ޒަޚަމްވި މީހާ ފެނުނީ މަރާ ގުޅިގެން ގެތައް ބަލަނިކޮށް

ގުރައިދޫ މަރު: ޒަޚަމްވެފައި އޮތް މީހާ ފެނުނީ މަރާ ގުޅިގެން ގެތައް ބަލަނިކޮށް

21 މެއި 2020

ތ. ގުރައިދޫގައި ރޭ ދަންވަރު ބިދޭސީއަކަށް ހަމަލާދީ މަރާލި ހާދިސާ އަށް ފަހު، ޒަހަމްވެފައި އޮތް ބިދޭސީއަކު ފެނުނީ ބިދޭސީން އުޅޭ ގެތައް ފާސްކުރުމުގެ ތެރޭގައި ކަމަށާއި އެއީ މަރުގެ މައްސަލައާ ގުޅުން އޮވެދާނެ މީހެއް ކަމަށް ރަށުގެ ބައެއް މީހުން ތުހުމަތުކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ތ. ގުރައިދޫގައި ރޭ ދަންވަރު ބިދޭސީއަކަށް ހަމަލާދީ މަރާލި ހާދިސާ އަށް ފަހު، ޒަހަމްވެފައި އޮތް ބިދޭސީއަކު ފެނުނީ ބިދޭސީން އުޅޭ ގެތައް ފާސްކުރުމުގެ ތެރޭގައި ކަމަށާއި އެއީ މަރުގެ މައްސަލައާ ގުޅުން އޮވެދާނެ މީހެއް ކަމަށް ރަށުގެ ބައެއް މީހުން ތުހުމަތުކޮށްފި އެވެ.

ހަށިގަނޑުގެ އެކި ތަންތަނަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައި އޮއްވައި ފެނުނީ ގުރައިދޫގައި ދަނޑުވެރިކަމުގެ މަސައްކަތުގައި އުޅޭ ޝާހު ސާލާމް ކިޔާ ބަންގްލަދޭޝް ފިރިހެނެކެވެ. އެ ރަށުގެ އެކި މަސައްކަތުގައި އޭނާ އުޅޭތާ ގާތްގަނޑަކަށް ހަތަރު އަހަރު ވެދާނެ ކަމަށް ކައުންސިލުން ބުންޏެވެ.

ޝާހު މަރާލާފައި އޮއްވައި ފެނުނީ ގުރައިދޫގެ ސިނާއީ ސަރަހައްދު، ކަންޑަރުގައި އޭނާ ދިރިއުޅޭ ގެ ކައިރީގަ އެވެ. އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ހަރައި ވަރަށް ބޮޑަށް ޒަހަމްކޮށްލުމުން، ގޮހޮރު ވެސް ބޭރަށް ނުކުމެފައި އޮތް ކަމަށް އެ ރަށުން ބުންޏެވެ.

މި މަރަށް ފަހު، ޒަހަމްވެފައި އޮތް މީހަކު ރޭ ދަންވަރު ތިނެއް ޖެހިއިރު އެ ރަށުން ފެނުނީ، މަރުގެ ހާދިސާއާ ގުޅިގެން ރަށުގެ ބައެއް ގެތައް ބަލަމުން ދަނިކޮށެވެ. ޝާގުގެ މަރުގައި އޭނާގެ އިތުރުން ވެސް އެހެން ބައެއްގެ ބައިވެރިވުން އޮވެދާނެ ކަމަށް ބައެއް މީހުން ތުހުމަތު ކުރެ އެވެ.

"ވީ ގޮތެއް މުޅިއަކުން ސާފެއް ނުވޭ. އޭނާ މަރުވެފައި އޮއްވައި ފެނިގެން، ރަށުގައި ބިދޭސީ އުޅޭ ތަންތަން ބަލަނިކޮށް ޒަހަމްވެފައި އޮތް މީހަކު ފެނުނީ. އޭގެ ކުރިން، އޭނާ ފަރުވާ ހޯދަން ހެލްތު ސެންޓަރަކަށް ވެސް ނުދޭ. ފުލުހުން ދަންދެން ހަމަ އޮތީ ކަމަށް ވަނީ. އެ ވާހަކަ އެއްވެސް ބައެއް ކައިރީގައި ވެސް ނުބުނޭ." ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އެކަމަކު އޭނާ އަށް ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު ފުލުހުންގެ ބެލުމުގެ ދަށުން މިހާރު ވަނީ އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ދިވެހި ބަހުން ރަނގަޅަށް ވާހަކަ ދައްކަން ނޭނގޭ އޭނާގެ ބަޔާން ފުލުހުން ނެގީ ބަންގްލަދޭޝް އެހެން މީހަކު މެދުވެރިވެގެން ކަމަށް ވެސް ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ބިދޭސީ މިހާ މަރާލި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ.

ބިދޭސީ މިހާ މަރާލި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ.

ކަންޑަރުގައި، ދަނޑުވެރިކަމާއި މަސްކެއްކުން ފަދަ ކަންކަމުގައި ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅެވެ. އެކަމަކު މަރުވި މީހާ އާއި ޒަހަމްވި މީހާ އަކީ އެކުގައި މަސައްކަތް ކުރާ ދެ މީހުންނެއް ނޫނެވެ.

"ފަރުވާ ދެމުން އަންނަ މީހާ އަކީ މަސް ކެއްކުގައި އުޅޭ މީހެއް. މި ދެ މީހުންގެ މާބޮޑު ރަހުމަތްތެރިކަމެއް އޮންނަ ކަމެއް ވެސް ފާހަގަވެފައެއް ނުވޭ،" ކުރިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ޝާހު ސަލާމް ގެންގުޅޭ މީހާ ކިޔައިދިން ގޮތުގައި، އޭނާ ވަރަށް މަސައްކަތްތެރިވެފައި، އަޚުލާގު ވެސް ރަނގަޅެވެ. އޭނާ ދިރިއުޅެމުން އައީ ކަންޑަރުގައި، ކައްކައި ކެވޭ ގޮތަށް ހަދާފައިވާ ވަކި ތަނެއްގައި އެކަންޏެވެ.

"ރޭ ވެސް ދިމާވި. އެއްވެސް ކަހަލަ ކަމެއް އުޅޭ ކަމެއް ފާހަގައެއް ވެސް ނުވޭ، ނުވެސް ބުނޭ. އޭނާއާ އެއްވެސް މީހަކާ މައްސަލައެއް އުޅޭ ކަމެއް އެނގިފައެއް ނެތް. ކުރިއަކުން އެފަދަ މައްސަލައެއް ދިމާވެފައެއް ވެސް ނުވޭ،" އޭނާ ކިޔައިދިނެވެ.

އޭނާ ބުނިގޮތުގައި ޝާހަށް ހަމަލާދިން ކަން އެނގުނީ، ބިދޭސީން ދިރިއުޅޭ އެހެން ގެއެއްގެ ދޮރުގައި އޭނާ ޖެހުމުން ކަމަށް މައުލޫމާތު ލިބެ އެވެ.

މި މަރާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ. އެކަމަކު ތަހުގީގަށް ފުލުހުން އަންނަނީ އެ ރަށުގައި ހަރަކާތްތެރިވަމުންނެވެ.

މަރުވި މީހާ އޮތީ ރަށުގެ ސިއްހީ މަރުކަޒުގަ އެވެ. ވާހަކަ ދެކެވިފައި އޮތީ، ކައުންސިލުން ބުނިގޮތުގައި، އޭނާ އެ ރަށުގައި ވަޅުލާ ގޮތަށެވެ.

ގަވާއިދާ އެއްގޮތަށް ގުރައިދޫގައި 40 އެއްހާ ބިދޭސީން އުޅޭއިރު، އެކި ތަންތަނުން އައިސް ގަވާއިދާ ޚިލާފަށް ވެސް އެ ރަށުގައި ބިދޭސީން އެކި މަސައްކަތް ކުރަން އުޅެ އެވެ.