Roadha Mihaaru
ނައީމާގެ މަރު: ބައެއް ހެކިތައް ސިއްރުކުރަން އަމުރު ނެރެފި

ނައީމާގެ މަރު: ބައެއް ހެކިތައް ސިއްރު ކުރަން އަމުރު ނެރެފި

27 ޖޫން 2024

ނ. މަނަދޫގައި މިދިޔަ އަހަރު އަނިޔާވެރި ގޮތަކަށް މަރާލި ނައީމާ މޫސާގެ މަރުގެ މައްސަލާގައި ބައެއް ހެކިތައް ސިއްރު ކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރު ކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ނ. މަނަދޫގައި މިދިޔަ އަހަރު އަނިޔާވެރި ގޮތަކަށް މަރާލި ނައީމާ މޫސާގެ މަރުގެ މައްސަލާގައި ބައެއް ހެކިތައް ސިއްރު ކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރު ކޮށްފި އެވެ.

ނައީމާ ދިރިއުޅޭ ގޭގައި މިދިޔަ އަހަރު އޭނާ އަނިޔާވެރި ގޮތަކަށް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ އެ ރަށުގެ ތިން މީހެއްގެ މައްޗަށެވެ. އެއީ ފިނިފެންމާގޭ އަބްދުލްވާހިދު ރިފާސް އާއި ފެހިވިލާގޭ އަހުޒަމް އަބްދުއްޝަކޫރާއި އަދި ވިނަރެސް، ހުސައިން ފަވާޒުގެ މައްޗަށެވެ.

އެ މައްސަލާގައި، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާގެ އިތުރުން މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާ ވެސް ދައުލަތުން ކުރެ އެވެ.

އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ބައެއް ހެކިތައް ސިއްރު ކުރަން ދައުލަތުން އެދުނެވެ. ދައުލަތުން ބުނީ، އެގޮތަށް އެދުނީ ސިއްރު ހެކިންގެ މައުލޫމާތު ހިމެނޭތީ އާއި އެ މައުލޫމާތު އާންމުވެއްޖެ ނަމަ އެ މީހުންނަށް ނުރައްކަލެއް އޮތުމުން ކަމަށެވެ. ނައީމާ މަރާލާފައި އޮތް މަންޒަރު ހިމެނޭ ފޮޓޯ އާއި ވީޑިއޯތައް ވެސް އާންމު ކުރުމަކީ އެކަށީގެންވާ ކަމަކަށް ނުވާތީ އެ ތަކެތި ވެސް ހަމައެކަނި ކޯޓުގައި ތިބެގެން ބެލޭ ގޮތަށް ސިއްރުކުރަން ދައުލަތުން އެދުނެވެ.

ދައުލަތުން އެގޮތަށް އެދުމުން، އެ މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ނިންމެވީ، ދައުލަތުން އެދުނު ގޮތަށް ބައެއް ހެކިތައް އެއްކޮށް ސިއްރު ކުރުމަށާއި އަނެއް ބައި ހެކިތައް ކޯޓުގައި އެކަނި ބެލޭ ގޮތަށް ވަކި މިންވަރަކަށް ސިއްރު ކުރުމަށެވެ.

ދައުވާ އަށް ޖަވާބުދާރީވުމަށް ފުރުސަތު ދިނުމުން ދައުވާ ލިބޭ ތިން މީހުންގެ ދިފާއީ ވަކީލުން ވެސް ވިދާޅުވީ ލިޔުންތައް ދިރާސާ ކުރުމަށް ފަހު، ޖަވާބުދާރީވުމަށް ފުރުސަތު ދޭން އެދޭ ކަމަށެވެ. އެހެންވެ، އެ ފުރުސަތު ކޯޓުން ދިނެވެ.

އެ މައްސަލާގައި ދައުވާ ލިބޭ ފަވާޒަށް ހާއްސަ ފަރުވާތަކެއް ދޭން ޑޮކްޓަރުން ލަފާ ދީފައިވާތީ، ދިފާއު ބިނާ ކުރުމުގެ ކުރިން އޭނާ އަށް ދެމުންދާ ފަރުވާތައް އެނގުން މުހިންމު ކަމަށް އޭނާގެ ދިފާއީ ވަކީލް ވިދާޅުވި އެވެ. އަދި ފަރުވާގެ ކަންކަން އަވަހަށް ދައުލަތުން ކުރިއަށް ގެންދަން އެދޭ ކަމަށް ވަކީލް ވިދާޅުވި އެވެ.

ދައުލަތުން ބުނީ ބޭސްފަރުވާގެ ކަންކަން މިހާރު ވެސް ކުރިއަށް ގެންދާ ކަމަށެވެ. ނަމަވެސް ސިއްހީ މައްސަލައެއް ފާހަގަވުމުން މައްސަލަ ކުރިއަށް ނުގެންގޮސް މަޑުޖައްސާލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ދައުލަތުން ބުންޏެވެ.

އެ މައްސަލަ ބައްލަވާ ގާޒީ ވެސް ވިދާޅުވީ، ސިއްހީ މައްސަލައެއް ހުރުމަކީ މައްސަލަ މަޑުޖެއްސޭނެ ކަމެއް ނޫން ކަމަށެވެ. އަދި މައްސަލަ މަޑުޖައްސާލެވޭނީ ހަމައެކަނި ޑޮކްޓަރެއްގެ ލަފާގެ މަތިން ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

ނައީމާގެ ކަރަށާއި އެކި ތަންތަނަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލާފައި އޮއްވާ ފެނުނީ އޭނާގެ ހަބަރެއް ނުވާތާ ދެ ދުވަސްވުމުން އޭނާގެ ގެއަށް ވަދެ ބެލިއިރު އެވެ. އޭނާ މަރާލީ ސިހުރު ހަދާ ކަމަށް ތުހުމަތުކޮށް ކަމަށާއި ނަމަވެސް އެކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ.