Roadha Mihaaru
ލުކާކޫ، ޗުއްޓީއެއްގައި ރާއްޖެ އަންނަން ބޭނުންވެފައި

ލުކާކޫ ރާއްޖެ އަންނަން ބޭނުން، މައްސަލައަކީ ލޯބިވެރިޔެއް ނެތުން

22 މެއި 2020

ޗުއްޓީއެއްގައި ކޮންމެވެސް ދުވަހަކުން ދިވެހިރާއްޖެ އަށް އަންނަން ބޭނުންވާ ކަމަށާއި އެކަމަކު މައްސަލައަކީ "ލޯބިވެރިންގެ މަންޒިލަށް" ދާން ބަލާއިރު އޭނާ ހުސްހަށިބައިކޮށް ހުރުން ކަމަށް އިންޓަ މިލާނުގެ ބެލްޖިއަމް ފޯވާޑް ރޮމެލޫ ލުކާކޫ ބުނެފި އެވެ.

ޗުއްޓީއެއްގައި ކޮންމެވެސް ދުވަހަކުން ދިވެހިރާއްޖެ އަށް އަންނަން ބޭނުންވާ ކަމަށާއި އެކަމަކު މައްސަލައަކީ "ލޯބިވެރިންގެ މަންޒިލަށް" ދާން ބަލާއިރު އޭނާ ހުސްހަށިބައިކޮށް ހުރުން ކަމަށް އިންޓަ މިލާނުގެ ބެލްޖިއަމް ފޯވާޑް ރޮމެލޫ ލުކާކޫ ބުނެފި އެވެ.

މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ފޯވާޑް މިހެން ބުނީ ޓްވިޓާގައި އޭނާގެ 1.9 މިލިއަން ފޮލޯވަރުންނަށް ހުޅުވާލި ސުވާލާއި ޖަވާބުގެ ފުރުސަތެއްގައި، އޭނާގެ އެންމެ މަގުބޫލު ޗުއްޓީ މަންޒިލަކީ ކޮބައިތޯ ސަޕޯޓަރަކު އެހުމުންނެވެ. ލުކާކޫ ބުނީ އޭނާ ގަޔާވަނީ އެމެރިކާގެ ލޮސް އެންޖެލިސްއާ ކަމަށެވެ.

"އަހަރެން ބޭނުން ކޮންމެވެސް ދުވަހަކު ދިވެހިރާއްޖެ އަށް ދާން. އެކަމަކު އެއީ ލޯބިވެރިންގެ މަންޒިލެއް. އަހަރެން ހުސްހަށިބައިކޮށް މިހިރީ، އެހެންވެ އަހަރެން އެތަނަށް ދިއުމެއް ނެތް،" ލުކާކޫ ބުންޏެވެ.

މިވަގުތު ހުރީ ލޯބީގެ ގޮތުން މީހަކާ ގުޅިގެންތޯ ނުވަތަ ހުސްކޮށްތޯ އެހުމުން އޭނާ ބުނީ "މާ ބޮޑަށް ވެސް ހުސް" ކަމަށެވެ.

ރާއްޖެ އަކީ މިހާރުގެ އަދި ކުރީގެ ވެސް ވަރަށް ގިނަ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންގެ ޗުއްޓީ މަންޒިލެވެ. އޭގެ ތެރޭގައި ކްރިސްޓިއާނޯ ރޮނާލްޑޯ، ޑޭވިޑް ބެކަމް، ޑިއެގޯ މަރަޑޯނާ، ރޮނާލްޑޯ ނަޒާރިއޯ، ޕައޮލޯ މަލްޑިނީ، ފްރެންޗެސްކޯ ޓޮޓީ، ރޮބާޓޯ ބާޖިއޯ، ފިލިއްޕޯ އިންޒާގީ، ފްރެންޒް ބެކެންބާ، އަންދްރޭ ޕިރްލޯ، ކަރިމް ބެންޒެމާ، ވާޖިލް ވެން ޑައިކް، ރޮބާޓޯ ފިރްމީނިއޯ، ފްރޭންކް ރިބެރީ އަދި އާޔެން ރޮބެން ހިމެނެ އެވެ. ޔުއެފާގެ ރައީސް އެލެކްސެންޑާ ކެފެރިން އާއި ޗެލްސީގެ ވެރިޔާ ރޯމަން އަބްރަހަމޮވިޗާއި އެ ޓީމުގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯ ވެސް ވަރަށް ގިނައިން ރާއްޖެ އާދެ އެވެ.

މިއީ އާއްމުކޮށް ސީޒަން ނިމިގެން ކުޅުންތެރިން ހޫނު މޫސުމުގެ ޗުއްޓީ އަށް ރާއްޖެއާ ދިމާލަށް މިސްރާބު ޖަހާ ދުވަސްވަރު ނަމަވެސް ކޮވިޑް-19 ގެ ސަބަބުން މެދުކަނޑާލި ލީގުތައް އަލުން ފަށަން ތައްޔާރުވަމުން އަންނާތީ މި ފަހަރު ކުޅުންތެރިންނަށް އެ ފުރުސަތެއް ނެތެވެ.

ދާދި ފަހަކާ ޖެހެންދެން އިޓަލީ ލޮކްޑައުން ކޮށްފައި އޮތުމުން އެހެން ކުޅުންތެރިންނެކޭ އެއްގޮތަށް ލުކާކޫ ވަގުތު ހޭދަކުރީ ގޭގަ އެވެ. މި ވަބާގެ ސަބަބުން ނުކުޅެ ހުންނަން ޖެހުމުން، އެންމެ ހިތްހަމަޖެހުން ކޮން ކަންތައްތަކާ ގުޅިގެންތޯ މީހަކު އެހުމުން ލުކާކޫ ބުނީ މީހުންތައް މަރުވަމުން އަންނައިރު އަދި މީހުންނަށް އާއްމު ދިރިއުޅުމަށް ރުޖޫއު ނުވެވޭ އިރެއްގައި އޭނާ އަށް ކަންކަމުން ހިތްހަމަޖެހުން ހޯދައިގަންނަން މިވަގުތު އުނދަގޫ ކަމަށެވެ.

ފުޓްބޯޅައިގެ ބޭރުން އެންމެ މަގުބޫލު އެތުލީޓަކީ ކޮބައިތޯ އެހުމުން ލުކާކޫ، 27، ބުނީ އެއީ ދާދި ފަހުން މަރުވި އެމެރިކާގެ ބާސްކެޓްބޯޅަ ލެޖެންޑް ކޯބީ ބްރަޔަން ކަމަށެވެ. ނެޓްފްލިކްސް އިން މިވަގުތު ބަލަނީ ކޯޗެއްތޯ އެހުމުން ލުކާކޫ ބުނީ "ދަ ލާސްޓް ޑާންސް" މި ނިންމާލީ ކަމަށެވެ.

"ދެން ފަށާނީ "އޮޒާކް"، (އެކަމަކު) ކުރިމަރައިނުލާތި،" މީހަކު އޭގެ ސްޕޮއިލާއެއް ދީފާނެ ކަމަށް ލުކާކޫ ސަމާސާ ރާގުގައި ބުންޏެވެ.

ލުކާކޫ މެންޗެސްޓާ ޔުނައިޓެޑުގެ ޖާޒީގައި. --ފޮޓޯ: އޭއެފްޕީ

ލުކާކޫ މެންޗެސްޓާ ޔުނައިޓެޑުގެ ޖާޒީގައި. --ފޮޓޯ: އޭއެފްޕީ

ޗެމްޕިއަންސް ލީގުގައި އޭނާގެ އެންމެ ދުރު ހަނދާނަކީ، ލުކާކޫ ބުނި ގޮތުގައި 2000 ވަނަ އަހަރު ސްޕެއިނުގެ ވެލެންސިއާ އަތުން 3-0 އިން ރެއާލް މެޑްރިޑް މޮޅުވި މެޗެވެ. ކުޅުން ހުއްޓާލުމަށް ފަހު ކޯޗިންގެ ތެރެއަށް ވަންނާންތޯ އެހުމުން ބުނީ އަދި ނޭގޭ ކަމަށެވެ.

"އަހަރެން ބޭނުން އާއިލާއާ އެކު ވަގުތު ހޭދަކުރަން މިކަން (ކުޅުން) ނިމުމުން،" ބެލްޖިއަމް ގައުމީ ޓީމަށް 2010 އިން ފެށިގެން 84 މެޗުން 52 ގޯލް ޖަހައިދީފާ ފޯވާޑް ބުންޏެވެ.

ބެލްޖިއަމްގެ އެންޑަލެކްޓުން 2009 ވަނަ އަހަރު ސީނިއާ ކެރިއަރު ފެށި ލުކާކޫ ގިނަ ބަޔެއްގެ ލޮލުގައި އަޅައިގަތީ 2011 ވަނަ އަހަރު ޗެލްސީން އޭނާ ގަތުމުންނެވެ. އެކަމަކު އެ ޓީމުގައި އޭނާ އަށް މަގާމް ދެމެހެއްޓޭ ގޮތެއް ނުވެ ލޯން އުސޫލުން ވެސްޓް ބްރޮމް އާއި އެވަޓަން އަށް ދާން ޖެހުނެވެ. އަދި 2014 ވަނަ އަހަރު ދާއިިމީ ކޮންޓްރެކްޓެއްގެ ދަށުން އެވަޓަން އަށް ބަދަލުވި އެވެ. އެވަޓަން އަށް 166 މެޗުން 87 ގޯލް ޖަހައިދީ އެ ޓީމުގައި އޭނާ ފޯމް ދެމެހެއްޓި އެވެ.

އެއާ އެކު 2017 ވަނަ އަހަރު މޮރީނިއޯ އޭނާ މެންޗެސްޓާ ޔުނައިޓެޑަށް ގެންދިޔަ އެވެ. އެ ޓީމަށް ދެ ސީޒަނުގައި 96 މެޗުން 42 ގޯލް ޖަހައިދިނެވެ. އެކަމަކު މި ސީޒަނުގައި އިންޓައާ ގުޅި އިޓާލިއަން ލީގަށް ބަދަލުވި އެވެ. ކޮވިޑް-19 އާ ގުޅިގެން މެދުކަނޑާލާފައިވާ އިޓާލިއަން ލީގުގެ ތާވަލުގެ ތިން ވަނައިގައި އިންޓަ އޮވެ ލީގު ޗެމްޕިއަންކަމަށް ވާދަކުރާއިރު ލުކާކޫގެ ދައުރު ބޮޑެވެ. އެ ޓީމަށް އޭނާ ވަނީ މިހާތަނަށް 35 މެޗުން 23 ގޯލް ޖަހައިދީފަ އެވެ.