Roadha Mihaaru
ރެއާލާ ދެކޮޅަށް ލުކާކޫ އަށް ނުކުޅެވޭނެ

ރެއާލާ ދެކޮޅަށް ލުކާކޫ އަށް ނުކުޅެވޭނެ

03 ނޮވެމްބަރ 2020

މެޑްރިޑް (ނޮވެމްބަރު 3) - ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ރަށުން ބޭރުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުގައި އިންޓަ މިލާންގެ ފޯވާޑް ރޮމެލޫ ލުކާކޫ އަށް ނުކުޅެވޭނެ ކަމަށް އެ ކްލަބުން ބުނެފި އެވެ.

މެޑްރިޑް (ނޮވެމްބަރު 3) - ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ރަށުން ބޭރުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުގައި އިންޓަ މިލާންގެ ފޯވާޑް ރޮމެލޫ ލުކާކޫ އަށް ނުކުޅެވޭނެ ކަމަށް އެ ކްލަބުން ބުނެފި އެވެ.

އުމުރުން 27 އަހަރުގެ ލުކާކޫގެ ފަލަމަސްގަނޑަށް އަނިޔާވެ މިރޭގެ މެޗު ގެއްލުމަކީ އެ ޓީމަށް ލިބިގެންދިޔަ ވަރަށް ބޮޑު ގެއްލުމެކެވެ. މިދިޔަ އަހަރު މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް އެންޓޯނިއޯ ކޮންޓޭގެ އިންޓަ މިލާނާ ގުޅުމަށް ފަހު ލުކާކޫ ވަނީ އެ ޓީމަށް 58 މެޗުން 41 ގޯލު ޖަހައިދީފަ އެވެ. އޭގެ ތެެރެއިން ހަތް ގޯލު ޖެހީ މި ސީޒަނުގަ އެވެ.

އިޓާލިއަން ލީގުގައި އެންމެ ފަހުން އިންޓަ އިން ޕާމާއާ 2-2 އިން އެއްވަރުވި މެޗުގައި ވެސް ލުކާކޫ ނުކުޅެ އެވެ. ކޮންޓޭ ބުނީ ބޮޑު މެޗުތަކުގައި ލުކާކޫ ފަދަ ކުޅުންތެރިންގެ ބޭނުން މުހިއްމު ކަމަށާއި އެކަމަކު އަނިޔާގެ މައްސަލަތަކާ ކުރިމަތިލެވޭ ވަރަށް ކޮންމެ ޓީމެއް ވެސް ތައްޔާރުވެ ހުންނަން ޖެހޭ ކަމަށެވެ.

ލުކާކޫގެ ބަދަލުގައި އަލެކްސިސް ސަންޗޭޒް ބޭނުންކުރުމާ މެދު ކޮންޓޭ އަންނަނީ ވިސްނަމުންނެވެ. އިންޓަ އެންމެ ފަހުން ކުޅުނު ތިން މެޗުގައި އަނިޔާގެ ސަބަބުން ސަންޗޭޒް ނުކުޅެ އެވެ. ރިޕޯޓްތައް ބުނާގޮތުގައި ސަންޗޭޒް ބޭނުންކުރާނެ ކަމަށް ބެލެވެނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

ރެއާލާއި އިންޓަ އަށް ވެސް މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި އަދި މޮޅެއް ނުލިބެ އެވެ. އިންޓަ ދެ މެޗުން އެއްވަރުވިއިރު، ރެއާލް ފުރަތަމަ މެޗުން ވަނީ އަމިއްލަ ދަނޑުގައި ޔޫކްރޭނުގެ ޝަހުތަރު ޑޮނެސްކް އަތުން 3-2 އިން ބަލިވެފަ އެވެ. ދެ ވަނަ މެޗުގައި ޖަރުމަނުގެ ބޮރޫޝިއާ މުންޗެންގްލަޑްބެކްއާ އެއްވަރުކުރީ ފަހު ވަގުތު 2-2 އިންނެވެ.

އިންޓައާ ދެކޮޅަށް ނުކުންނައިރު ރެއާލަށް އޮތް ކަންބޮޑުވުމަކީ ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން އެ ޓީމުގެ ބްރެޒިލް ޑިފެންޑަރު އެޑާ މިލިޓާއޯ ނުލައި ކުޅެން ޖެހުމެވެ. އެކަމަކު އެޑެން ހަޒާޑް މި މެޗަށް ފިޓްވެފައިވުމަކީ ރެއާލަށް ލިބޭނެ ހިތްހަމަ ޖެހުމެކެވެ.

ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ބުނީ އިންޓައާ ދެކޮޅަށް ކުޅޭ މެޗަކީ އޭނާގެ ނަޒަރުގައި ފައިނަލެއް ކަމަށާއި މި މެޗުން ބަލިވެއްޖެނަމަ ބޮޑު ޕްރެޝަރަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

ރެއާލްގެ ދަނޑުގައި މިރޭ އިންޓައާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން ދަންވަރު 1 ޖަހާއިރު އެވެ.