Roadha Mihaaru
މިއީ އެންމެ މޮޅަށް ކުޅެވުނު ސީޒަން: ލުކާކޫ

މިއީ އެންމެ މޮޅަށް ކުޅެވުނު ސީޒަން: ލުކާކޫ

03 މެއި 2021

މިލާން (މެއި 3) - މި ސީޒަނަކީ އޭނާ އަށް އެންމެ މޮޅަށް ކުޅެވުނު ސީޒަން ކަމަށް، އިންޓަ މިލާންގެ ފޯވަޑް ރޮމެލޫ ލުކާކޫ ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މިލާން (މެއި 3) - މި ސީޒަނަކީ އޭނާ އަށް އެންމެ މޮޅަށް ކުޅެވުނު ސީޒަން ކަމަށް، އިންޓަ މިލާންގެ ފޯވަޑް ރޮމެލޫ ލުކާކޫ ބުނެފި އެވެ.

ލުކާކޫގެ ހިއްސާއާ އެކު، އިންޓަ އިން ވަނީ މި ސީޒަންގެ ސެރީ އާ ގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. ލުކާކޫ ބުނީ، މި އަހަރަކީ އޭނާއަށާއި އިންޓަ އަށް އާދަޔާ ހިލާފް އަހަރެއް ކަމަށެވެ.

"އަހަރެން ފަހްރުވެރިވޭ އިންޓަ އަށް ކުޅެވޭތީ،" ބެލްޖިއަމްގެ ފޯވަޑް ބުންޏެވެ. "އަހަރެން ބޭނުން ސަޕޯޓަރުންނާ އެކު ނުކުމެ މިކަމުގެ އުފާފާޅުކުރުންތައް ބާއްވަން. އަހަންނަށް އަދި މި ޓީމުގެ ގިނަ ކުޅުންތެރިންނަށް މިއީ ފުރަތަމަ ލީގު ޓައިޓަލް. އެހެންވީމަ އަހަރެން ބޭނުމީ މިކަން ސަޕޯޓަރުންނާ އެކު ފާހަގަ ކުރަން."

މިއީ އިންޓަ އިން ލީގު ޗެމްޕިއަންކަން ހޯދި 19 ވަނަ ފަހަރެވެ. އަދި އެއީ 11 އަހަރު ތެރޭ އެ ޓީމުން ލީގު ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. އިންޓަ އަށް ރޭ ލީގު ޗެމްޕިއަންކަން ކަށަވަރުވީ ސަސުއޯލޯއާ ދެކޮޅަށް ކުޅުނު މެޗުން އެޓަލާންޓާ އަށް މޮޅު ނުވެވުމުންނެވެ.

އިންޓަ އެއްވަނައިގައި އޮތީ 13 ޕޮއިންޓްގެ ލީޑަކާ އެކު އެވެ. ކޮންމެ ޓީމަކަށް ވެސް ބާކީ މިހާރު އޮތީ ހަތަރު މެޗެވެ. އެ ހަތަރު މެޗު އެޓަލާންޓާ ކާމިޔާބު ކުުރިއަސް ޕޮއިންޓްގެ ގޮތުން އިންޓައާ އެއްވަރު ނުކުރެވޭނެ އެވެ. އިންޓަ އިން ލީގު ކާމިޔާބު ކުރުމުން ޖެހިޖެހިގެން ނުވަ އަހަރު ވަންދެން ޔުވެންޓަސް އިން ދެމެހެއްޓި ޑޮމިނޭޝަނަށް ވަނީ ނިމުން އައިސްފަ އެވެ.