Roadha Mihaaru
ލުކާކޫގެ ގޯލުތަކާ އެކު އިންޓަ އެއް ވަނަ އަށް

ލުކާކޫގެ ގޯލުތަކާ އެކު އިންޓަ އެއް ވަނަ އަށް

15 ފެބުރުއަރީ 2021

މިލާން (ފެބްރުއަރީ 15) - އިޓާލިއަން ލީގުގައި ރޭ ރޮމެލޫ ލުކާކޫގެ ދެ ގޯލާ އެކު 3-1 އިން ލާޒިއޯ ބަލިކޮށް އިންޓަ މިލާން ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

މިލާން (ފެބްރުއަރީ 15) - އިޓާލިއަން ލީގުގައި ރޭ ރޮމެލޫ ލުކާކޫގެ ދެ ގޯލާ އެކު 3-1 އިން ލާޒިއޯ ބަލިކޮށް އިންޓަ މިލާން ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

ލީގުގައި ހޮނިހިރު ދުވަހުގެރޭ ސްޕެޒިއާ އަތުން އޭސީ މިލާން ބަލިވުމުން ރޭގެ މެޗުން މޮޅުވެގެން އެއް ވަނަ އަށް އެރުމުގެ ފުރުސަތު އިންޓަ އަށް އޮތީ ހުޅުވިފަ އެވެ. އިންޓަ އެއް ވަނަ އަށް އެރީ 22 މެޗުން 50 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެ ވަނައިގައި އޮތް މިލާނަށް 22 މެޗުން ލިބިފައިވަނީ 49 ޕޮއިންޓެވެ. ލީގުގައި ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި އިންޓަ ނުކުންނާނީ މިލާނާ ދެކޮޅަށެވެ.

ރޭގެ މެޗުގައި ޖެހި ދެ ގޯލާ އެކު ލުކާކޫ ވަނީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި ޖުމްލަ 300 ގޯލު ހަމަކޮށްފަ އެވެ. ކުރިން ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑް އަދި އެވަޓަން އަށް ކުޅުނު ލުކާކޫ އަކީ މީގެ ދެ އަހަރު ކުރިން އިންޓަ އަށް ބަދަލުވުމަށް ފަހު ލަނޑު ޖެހުމުގެ ރަނގަޅު ރެކޯޑެއް ދަމަހައްޓަމުން އަންނަ ކުޅުންތެރިއެކެވެ.

"އަހަރެމެން ބޭނުންވަނީ ލުކާކޫ މި ފޯމުގައި ހުންނަން. ލުކާކޫގެ ރަނގަޅު ފޯމެއްގައި ހުރުމަކީ މުޅި އިންޓަ އަށް ލިބޭނެ ބޮޑު ފައިދާއެއް. ދުނިޔޭގެ ކޮންމެ ޓީމަކާ ދެކޮޅަށް ކޮންމެ ލީގެއްގައި ވެސް ކުޅެވޭނެކަން ލުކާކޫ އަންނަނީ ސާބިތުކޮށްދެމުން. އޭގެ ފައިދާ އޮތީ އިންޓަ އަށް މި ވަގުތު،" ރޭގެ މެޗަށް ފަހު އިންޓަގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުންޏެވެ.

ރޭގެ މެޗުގައި އިންޓަގެ ފަހު ގޯލު ޖެހީ ލުކާކޫ ދިން ބޯޅަ އަކުން ލަޓާރޯ މާޓީނޭޒް އެވެ. ލާޒިއޯގެ ހަމައެކަނި ގޯލު ޖެހީ ސާބިއާގެ މިޑްފީލްޑަރު ސާގޭއި މިލިންކޮވިޗް-ސަވިޗް އެވެ.

ލީގުގައި ރޭ ރޯމާ ވަނީ 3-0 އިން އުދިނޭޒީ ބަލިކޮށްފަ އެވެ. މި ނަތީޖާއާ އެކު ރޯމާ ވަނީ ލީގުގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ. ރޯމާ ތިން ވަަނައިގައި އޮތީ 22 މެޗުން 43 ޕޮއިންޓާ އެކު އެވެ. އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް ހަތަރު ވަނައިގައި އޮތީ 21 މެޗުން 42 ޕޮއިންޓް ހޯދައިގެންނެވެ.