Roadha Mihaaru
"ހަތަރު އުދަރެސް" ބައިސްކޯފަށް

"ހަތަރު އުދަރެސް" ބައިސްކޯފަށް

24 މެއި 2020

މީގެ އަހަރުތަކެއް ކުރިން ދިވެހި ސިނަމާ އަށް އައި ފިލްމު "ހަތަރު އުދަރެސް" ރޭ ބައިސްކޯފުން ސްޓްރީމްކުރަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީގެ އަހަރުތަކެއް ކުރިން ދިވެހި ސިނަމާ އަށް އައި ފިލްމު "ހަތަރު އުދަރެސް" ރޭ ބައިސްކޯފުން ސްޓްރީމްކުރަން ފަށައިފި އެވެ.

މި ފިލްމަކީ "މިހާރު" ނޫހުގެ އެޑިޓަރު މޫސާ ލަތީފު ކުރީގެ "ހަވީރު" ނޫހުގައި "ހަތަރު އުދަރެސް" ގެ ނަމުގައި ގެނެސްދިން މަގުބޫލު ވާހަކަ އަށް ބިނާކޮށް، އީސާ ޝަރީފް ޑައިރެކްޓްކުރި ފިލްމެކެވެ.

ކަނޑުމަތީގައި ހިނގާ ހާދިސާއެއް ދައްކުވައިދޭ ފިލްމުގެ މައިގަނޑު ތަރިންނަކީ "ހަތަރު އުދަރެސް" އިން ފިލްމީ ދާއިރާ އަށް ނުކުމެ ހަމަ އެ ނަމުން މަޝްހޫރުވި ށ. ކޮމަންޑު އަށް އުފަން އަލީ އަހުމަދު (ހަތަރު އުދަރެސް އައްޔަ) އާއި އެ ފިލްމުން ބަތަލާއެއްގެ ގޮތުގައި ތައާރަފުކުރި މޮޑެލް މަރިޔަމް މަނިކެ (މަރީ) ގެ އިތުރުން ރީކޯ މޫސާ މަނިކާއި އަލީ ސީޒަނެވެ.

"ހަތަރު އުދަރެސް" އަކީ މަރީ ކުޅުނު ހަމައެކަނި ފިލްމެވެ. އެ ފިލްމުން ވިދައިލި އައްޔަ ވަނީ 2017 ގައި މަރުވެފަ އެވެ.

ބައިސްކޯފުން "ހަތަރު އުދަރެސް" ރެއިން ފެށިގެން ސްޓްރީމުކުރަން ފަށާފައި ވަނީ ބައިތަކަކަށް ބަހާލައިގެން ގެނެސްދޭ ގޮތަށެވެ. މި ފިލްމަކީ ރިލީޒްކުރި ދުވަސްވަރު ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތަކެއް ވެސް އަމާޒުވި ފިލްމެކެވެ. ސަބަބަކީ ފިލްމުގެ މަސައްކަތްތައް އެއްކޮށް ފުރިހަމަނުކޮށް އެޅުވުމެވެ.

"ހަތަރު އުދަރެސް" ޕްރޮޑިއުސްކުރީ "ގިނގިހިލަ" އާއި "ހިތް އެދެނީ" ފަދަ ފިލްމުތައް ގެނެސްދިން އީއެމްއޭ އިންނެވެ.