Roadha Mihaaru
ފަރުވާ ލަސްވި ކަމަށް ފަހުން އެއްބަސްވި: އާއިލާ

ފަރުވާދިނުން ލަސްވި ކަމަށް އެއްބަސްވީ ދަރިފުޅު މަރުވި ފަހުން: އާއިލާ

23 މެއި 2020

އޭޑީކޭ ހޮސްޕިޓަލްގެ އިހުމާލުން މީގެ ދެ ދުވަސް ކުރިން މަރުވި ކަމަށް ތުހުމަތު ކުރެވޭ ތުއްތު ކުއްޖާ އަށް ފަރުވާ ދިނުން ލަސްވި ކަމަށް، އެ ހޮސްޕިޓަލްގެ ބައެއް ޑޮކްޓަރުން ފަހުން އެއްބަސްވި ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

އޭޑީކޭ ހޮސްޕިޓަލްގެ އިހުމާލުން މީގެ ދެ ދުވަސް ކުރިން މަރުވި ކަމަށް ތުހުމަތު ކުރެވޭ ތުއްތު ކުއްޖާ އަށް ފަރުވާ ދިނުން ލަސްވި ކަމަށް، އެ ހޮސްޕިޓަލްގެ ބައެއް ޑޮކްޓަރުން ފަހުން އެއްބަސްވި ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.

އުމުރުން ހަތަރު މަހުގެ އެ ކުއްޖާ އަށް ވީ ގޮތެއް ނޭނގި މަރުވެފައިވާ މައްސަލަ ފެންމަތިވެފައިވާއިރު، އޭޑީކޭ އިން އަންނަނީ އެކަން ހިނގި ގޮތް މުރާޖައާ ކުރަމުންނެވެ. އެ ކުއްޖާ މަރުވީ ފަރުވާ ނުލިބިގެން ކަމަށް ބުނެ އާއިލާއާ ހަވާލާދީ ބައެއް މީޑިއާތަކުގައި ފުރަތަމަ ޖެހި ނަމަވެސް އޭޑީކޭ އިން ފަހުން އެކަން ދޮގުކުރި އެވެ.

އެ ކުއްޖާގެ އާއިލާ އިން ވާހަކަ ދެއްކި މީހާ "މިހާރު" އަށް ބުނީ، އެ ކުއްޖާ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 7:30 ހާއިރު އޭޑީކޭގެ ޑޮކްޓަރަށް ދެއްކީ ގާތުން ނުބޮއެ، ރުއިން ހުއްޓާނުލާތީ ކަމަށެވެ. އެކަމަކު، އެއީ ގޭހުގެ މައްސަލައަކުން ވެގެން އުޅޭ ގޮތެއް ކަމަށް ބުނެ ބޭސް ދީފައި ފުރަތަމަ ގެއަށް ފޮނުވައިލީ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް، ގެއަށް ގޮސް ބޭސްދީ، އެތައް ގަޑިއިރެއް ވީއިރު ވެސް ކުއްޖާގެ ރުއިމަށް އެއްވެސް ބަދަލެއް ނައުމުން އެ ރޭ ދަންވަރު 12:30 ގައި އަނެއްކާ ކުއްޖާ ގޮވައިގެން މަންމަ އާއި ބައްޕަ އޭޑީކޭ އަށް ދިޔައީ އެވެ.

ދެ ވަނަ ފަހަރަށް ޑޮކްޓަރަށް ދެއްކުމުން ކުއްޖާ ފުރަތަމަ ބޭއްވީ އިމަޖެންސީ ރޫމްގަ އެވެ. އޭގެ ފަހުން، އޮބްޒަވޭޝަން ވޯޑަށް ބަދަލުކޮށް، ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 2:30 ގައި އެކްސްރޭއެއް ނަގައި ސްކޭނެއް ހެދޭ ވަރުވީ ފަތިހު 4:30 ގައި ކަމަށް އާއިލާ އިން ބުނެ އެވެ.

"އެކަށީގެންވާ ފަރުވާ ނުދިނީ ކީއްވެތޯ ސުވާުލު ކުރީމަ ބުނީ، އޭރު ހުރި ޑޮކްޓަރަށް ކުއްޖާގެ ހާލު ސީރިއަސް ކަމަށް ނުފެނުނީއޭ."

"ނަތީޖާ ލިބުމުން ވެފައި ހުރި ގޮތެއް އެހީމާ ބުނީ ގޮހޮރުގެ ކަމެއް އެބަހުއްޓޭ. އިތުރު އެއްވެސް ތަފްސީލެއް ނުދޭ"، އާއިލާ އިން ބުންޏެވެ.

އާއިލާ އިން ވާހަކަ ދެއްކި މީހާ ބުނިގޮތުގައި، ކުއްޖާގެ ސީޓީ ސްކޭނެއް އެރޭ ފަތިހު 5:30 ގައި ހެދި ނަމަވެސް އެ ސްކޭންގެ ރިޕޯޓު ވެސް މައިންބަފައިންނާ ހިއްސާއެއް ނުކުރެ އެވެ.

ގާތުން ނުބުއިމުގެ އިތުރުން ހޮޑުލުމާއި ފާހަނާ އަށް ނުދެވޭ މައްސަލަ ވެސް ހުރުމުން ޑޮކްޓަރުން އެނީމިއާ އަށް ބޭސް ދިން ކަމަށާއި އެ ބޭސް އައިވީއަށް ގުޅައިގެން ދިނުމަށް މަސައްކަތް ކުރި ކަމަށް އާއިލާ އިން ބުނެ އެވެ. އެކަމަކު، ކުއްޖާ އަށް މާ ބޮޑަށް ފިނިވުމުން، އައިވީ ގުޅުމަށްޓަކައި ނާރު ދެނެގަތުމަށް ނަރުހުންނަށް ދަތިވި އެވެ. އެހެންވެ، ކުއްޖާގެ ގައިގައި ރަޖާއަޅައިގެން، އެކި ގޮތްގޮތުން މަސައްކަތް ކުރި ނަމަވެސް އައިވީ ގުޅޭ ގޮތެއް ނުވީ އެވެ.

"ނަތީޖާ ލިބުމުން ވެފައި ހުރި ގޮތެއް އެހީމާ ބުނީ ގޮހޮރުގެ ކަމެއް އެބަހުއްޓޭ. އިތުރު އެއްވެސް ތަފްސީލެއް ނުދޭ"، އާއިލާ

"މި ހާލަތަށް ދިޔައިރު ކުއްޖާގެ ބައްޕަ ރޮއެ އާދޭސްކުރި، އެންއައިސީޔޫ އަށް ލައި ފަރުވާ ދިނުމަށް. އެކަމަކު ޑޮކްޓަރުން ބުނީ އަހަރެމެންނަށް އެނގޭނެއޭ ހަދަންވީ ގޮތް،" އާއިލާ އިން ބުންޏެވެ.

އެންމެ ފަހުން ހުކުރު ދުވަހު ހެނދުނު 7:45 ގައި ކުއްޖާ ރުއިން ހުއްޓާލައި، އެއްކޮށް ހުއްޓުނީ ކަމަށް އާއިލާ އިން ބުންޏެވެ. އެކަން ޑޮކްޓަރުންނަށް އެންގުމުން އަވަސް އަވަހަށް، އިމަޖެންސީ ރޫމަށް ގެންގޮސް، ސްޕެޝަލިސްޓް ޑޮކްޓަރުންނާއި ނަރުހުންގެ ބޮޑު ޓީމަކުން ފަރުވާ ދޭން މަސައްކަތް ފެށި ކަމަށް ބުންޏެވެ. އެކަމަކު، އޭރު ކުއްޖާ އޮތީ މަރުވެފައި ކަމަށް އާއިލާ އިން ބުނެ އެވެ.

"ކުއްޖާ މަރުވި ފަހުން ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ނިޔާފް ބުނީ، ގޮހޮރު ބްލޮކްވެފައި ހުރި ކަމަށް. އަވަހަށް ސާޖަރީ ހެދި ނަމަ ފުރާނަ ސަލާމަތް ކުރެވުނީސް ކަމަށް. އަދި އެންމެ އެކަށީގެންވާ ފަރުވާ ނުދެވޭ ކަމަށް ގަބޫލުކުރާ ކަމަށް ވެސް ބުނި،" އާއިލާ އިން ބުންޏެވެ.

"އެކަށީގެންވާ ފަރުވާ ނުދިނީ ކީއްވެތޯ ސުވާުލު ކުރީމަ ބުނީ، އޭރު ހުރި ޑޮކްޓަރަށް ކުއްޖާގެ ހާލު ސީރިއަސް ކަމަށް ނުފެނުނީއޭ."

އާއިލާއިން ބުނާ ގޮތުގައި މިކަމުގައި އޭޑީކޭ ހޮސްޕިޓަލްގެ އިހުމާލު އިންތިހާއަށް ބޮޑެވެ.

މި މައްސަލައިގައި އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ ކުއްޖާއަށް ފަރުވާދިން ކަމަށާއި ފުރާނަ ސަލާމަތްކުރަން މަސައްކަތް ކުރި ކަމަށެވެ.