Roadha Mihaaru
މީހުންނާ އެކު ޗައިނާ އިން ރޮކެޓެއް އުދުއްސާލައިފި

މީހުންނާ އެކު ޗައިނާ އިން ރޮކެޓެއް ޖައްވަށް އުދުއްސާލައިފި

17 އޮކްޓޯބަރ 2016

ބެއިޖިން (އޮކްޓޯބަރު 17) - ޖައްވީ ހޯދުންތައް ހޯދުމަށް ޗައިނާ އިން ދެ މީހުންނާ އެކު އުޅަނދެއް އުދުއްސާލައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބެއިޖިން (އޮކްޓޯބަރު 17) - ޖައްވީ ހޯދުންތައް ހޯދުމަށް ޗައިނާ އިން ދެ މީހުންނާ އެކު އުޅަނދެއް އުދުއްސާލައިފި އެވެ.

ޗައިނާގެ އެސްޓްރޮނޯޓުން މިއަދު ޖައްވަށް ނައްޓާލާފައި ވަނީ އުތުރުގެ ޖިއުގުއާން ސެޓެލައިޓް ލޯންޗް ސެންޓަރުންނެވެ. ޖައްވީ ރޮކެޓް ޝެންޒޫ-11، އެކްސްޕެރިމެންޓަލް ސްޕޭސް ލެބް ޓިއާންގޮން 2 ގައި ޑޮކްކުރާނެ އެވެ. އެސްޓްރޮނޯޓުން ޖައްވީ ލެބޯޓްރީއާ ހަމައަށް ދިއުމަށް ދެ ދުވަސް ނަގާނެ އެވެ. އަދި ޗައިނާގެ އޮސްޓްރޮނޯޓުން 30 ދުވަހު އެ ސްޓޭޝަނުގައި ތިބޭނެ އެވެ. މިއީ ޗައިނާގެ އެސްޓްރޮނޯޓުން ޖައްވުމުގައި ހޭދަކުރާ އެންމެ ދިގު މުއްދަތެވެ.

ޗައިނާގެ އެސްޓްރޮނޯޓުންގެ ދަތުރުގައި ޖައްވުމުގައި ގަސް ހެއްދޭތޯ ތަހުލީލު ކުރާނެ އެވެ. އަދި އެ މީހުންގެ ހަށިގަނޑު ޓެސްޓް ކުރުމަށް އަލްޓްރާސައުންޑް ސާމާނު ބޭނުން ކުރާނެ އެވެ.

ޗައިނާގެ ދެ އެސްޓްރޮނޯޓުން ޖައްވުމުގައި އެއް މަސް ދުވަސް ހޭދަކުރާނެ. --ފޮޓޯ:އޭއެފްޕީ

ޗައިނާގެ ދެ އެސްޓްރޮނޯޓުން ޖައްވުމުގައި އެއް މަސް ދުވަސް ހޭދަކުރާނެ. --ފޮޓޯ:އޭއެފްޕީ

ދެ އެސްޓްރޮނޯޓުން ޖައްވަށް ފުރުމާ އެކު ރައީސް ޝީ ޖިންޕިން ވިދާޅުވެފައި ވަނީ މި މިޝަނުގެ ސަބަބުން ޗައިނާ އިން ޖައްވީ ހޯދުންތަކުގެ ދާއިރާ އިން އިތުރު ކުރިއެރުންތައް ހޯދާނެ ކަމަށެވެ. އަދި ޗައިނާ އަކީ ޖައްވީ ބާރަކަށް ވުމަށް އިތުރަށް މަގު ފަހިވެގެން ދާނެ ކަމަށެވެ.

ޗައިނާ އިން ދަނީ ހަނދަށް ނުވަތަ މާސް އަށް އިންސާނުންނާ އެކު ޖައްވީ އުޅަނދެއް ފޮނުވުމަށް މަސައްކަތް ކުރަމުންނެވެ. ޗައިނާގެ ޖައްވީ ޕްރޮގްރާމުގެ ދަށުން މި އަހަރު 20 ސްޕޭސް މިޝަން ލޯންޗު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ޗައިނާ އަކީ އެމެރިކާ އާއި ރަޝިޔާ ފިޔަވައި، އަމިއްލަ ގައުމުގެ ފަޅުވެރިންނާ އެކު ޖައްވަށް މީހުން ފޮނުވި ތިން ވަނަ ގައުމެވެ. ޗައިނާ އިން 2013 ވަނަ އަހަރު ވަނީ މީހަކު ނެތި ޖައްވީ އުޅަނދެއް ހަނދަށް ފޮނުވައިފަ އެވެ. އޭގެ ފަހުން ޗައިނާ އިން ދަނީ ޓިއާންގޮން 2 ގެ މަސައްކަތް ފުޅާކޮށް އަމިއްލަ ސްޕޭސް ސްޓޭޝަނެއް ޖައްވުމުގައި ދާއިމީ ކުރުމަށް މަސައްކަތް ކުރަމުންނެވެ. ޓިއާންގޮންގް 2 ފުރިހަމަ އަށް އޮޕަރޭޝަނަށް ގެނެވޭނީ 2022 ވަނަ އަހަރު ކަމަށްވެ އެވެ. ޗައިނާގެ ފުރަތަމަ ޖައްވީ ސްޓޭޝަން ޓިއަންގޮން 1 އަންނަ އަހަރު އަނބުރާ ދުނިޔެ އަށް ގެންނާނެ އެވެ.