Roadha Mihaaru
ދުނިޔޭގެ "އެންމެ ބާރުގަދަ" ރޮކެޓް ޓެސްޓް ކާމިޔާބު

ޓޫރިސްޓުން ހަނދަށް ގެންދިއުމުގެ ހުވަފެނަށް އުންމީދެއް

12 މެއި 2017

އެންމެ ބާރުގަދަ ކަމަށް ބުނާ ރޮކެޓް "ފެލްކަން ހެވީ"ގެ ސްޓެޓިކް ފަޔާ ޓެސްޓް ކާމިޔާބުކަމާ އެކު ކޮށްފި އެވެ.

ޖާދުﷲ ތައުފީގް ޖާދުﷲ ތައުފީގް

އެންމެ ބާރުގަދަ ކަމަށް ބުނާ ރޮކެޓް "ފެލްކަން ހެވީ"ގެ ސްޓެޓިކް ފަޔާ ޓެސްޓް ކާމިޔާބުކަމާ އެކު ކޮށްފި އެވެ.

ސްޓެޓިކް ފަޔަ ޓެސްޓަކީ، ޓެސްޓް ލޯންޗް ކުރުމުގެ ކުރިން ރޮކެޓް އުދުއްސައި ނުގަންނާނޭހެން އިންޖީނު ޓެސްޓް ކުރުމެވެ. ފެލްކަން ހެވީގެ ނައްޓާލުމުގެ ބާރު 747 މަތިންދާބޯޓުގެ 18 އިންޖީނުގެ ބާރާ އަޅާކިޔޭ ކަމަށް، އެ ރޮކެޓް އުފެއްދި ކުންފުނި ސްޕޭސް އެކްސް އިން ބުންޏެވެ.

ފެލްކަން ހެވީ އަކީ، އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ތަކެތި ގެންދިޔުމަށް ބޭނުންކުރާ ފެލްކަން-9 އާއި ޑްރެގަން ކެޕްސިއުލްގެ ޓެކްނޮލޮޖީ އިތުރަށް ފުރިހަމަކޮށް ފަރުމާކުރި ރޮކެޓެކެވެ. ފެލްކަން-9 އަށް ދުނިޔޭގެ ކައިރި އޯބިޓަށް އުފުލެނީ ގާތްގަނޑަކަށް 22،700 ކިލޯގްރާމެވެ. އެކަމު ފެލްކަން ހެވީއަށް 63،500 ކިލޯގްރާމް އުފުލޭނެއެވެ. އަދި މާސްއާ ހަމައަށް ގާތްގަނޑަކަށް 16،800 ކިލޯގްރާމް އުފުލޭނެ އެވެ. މިއީ ރޮކެޓް ފަރުމާކުރުމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. ފެލްކަން ހެވީ އަށް މި ބަރުދަނާއި އިންޖީނުގެ ބާރު ލިބެނީ ފެލްކަން-9 ގެ ތިން ރޮކެޓް އެއްކޮށްލައި އިތުރު ދެ ބޫސްޓާ ދެ ކޮޅުގައި ހަރުކޮށްފައި ވާތީ އެވެ.

ފެލްކަން ހެވީ ބޭނުންކޮށްގެން، އަންނަ އަހަރު ޓޫރިސްޓުން ހަނދަށް ގެންދަން ސްޕޭސް އެކްސް އިން ވަނީ ރާވާފަ އެވެ. މި ދަތުރުގައި ގެންދަނީ އެންމެ ދެ މީހުން ކަމަށްވާ އިރު، މި މީހުންނަކީ ކޮން ބައެއް ކަމެއް އަދި ހާމައެއް ނުކުރެ އެވެ.

ސްޕޭސް އެކްސް އާއި އެ ކުންފުނީގެ ވެރިޔާ އެލަން މަސްކްގެ އުންމީދަކީ ޖައްވީ ފަތުރުވެރިކަން ވިޔަފާރީގެ ސިނާއަތަކަށް ހެދުމެވެ. އަދި 2020 ވަނަ އަހަރުގައި މާސް އަށް އިންސާނުން ގެންގޮސް، މާސްގައި މީހުން އާބާދުކުރުމަށް ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ.

ސްޕޭސް އެކްސްގެ ވާދަވެރި ބްލޫ އޮރިޖިން އިން ރޮކެޓް ޓެސްޓެއް ކުރަނީ.

ސްޕޭސް އެކްސްގެ ވާދަވެރި ބްލޫ އޮރިޖިން އިން ރޮކެޓް ޓެސްޓެއް ކުރަނީ.

ސްޕޭސް އެކްސް އާއި ނާސާއިން ޖައްވު ފަތަހަކުރުމުގެ މަސައްކަތް ކުރާއިރު މި ކުންފުނިތަކާ ވާދަކުރާ ކުންފުންޏެއް ވެސް މިހާރު ވުޖޫދަށް އަތުވެއްޖެ އެވެ. އެއީ އެމެޒޯންގެ ފައުންޑާ ޖެފް ބީޒޮސްގެ ބްލޫ އޮރިޖިން ނަމަކަށް ކިޔާ ކުންފުންޏެވެ. ބްލޫ އޮރިޖިން އިން މިހާރު އަންނަނީ ފެލްކަން ހެވީއަށް ވުރެ ބިޔަ، ވަރުގަދަ ރޮކެޓެއް ފަރުމާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.