ބެއިޖިން (އޮކްޓޯބަރު 19) - ޗައިނާ އިން ޖައްވަށް ފުރި ދެ އޮސްޓްރޮނޯޓުން އެ ގައުމުގެ ސްޕޭސް ސްޓޭޝަން ޓިއަންގޮންގް 2 އާ ގުޅިއްޖެ އެވެ.
19 އޮކްޓޯބަރ 2016
ބެއިޖިން (އޮކްޓޯބަރު 19) - ޗައިނާ އިން ޖައްވަށް ފުރި ދެ އޮސްޓްރޮނޯޓުން އެ ގައުމުގެ ސްޕޭސް ސްޓޭޝަން ޓިއަންގޮންގް 2 އާ ގުޅިއްޖެ އެވެ.
ދެ އޮސްޓްރޮނޯޓުންނާ އެކު ޗައިނާގެ ޖައްވީ އުޅަނދު ޝެންޒޫ-11 ނައްޓާލީ ހޮނިހިރު ދުވަހު އެވެ. ދެ ދުވަހުގެ ދަތުރަކަށް ފަހު ޖައްވީ ލެބޯޓްރީއާ ގުޅުނު ދެ އޮސްޓްރޮނޯޓުން ކަމަށްވާ ޖިން ހައިޕެން އާއި ޗެން ޑޮންގް ކުރިއަށް އޮތް 30 ދުވަސް ތަހުލީލުތައް ކުރުމުގައި ޖައްވުގައި ހޭދަކުރާނެ އެވެ. މިއީ ޗައިނާގެ އެސްޓްރޮނޯޓުން ޖައްވުމުގައި ހޭދަކުރާ އެންމެ ދިގު މުއްދަތެވެ. ޗައިނާގެ އެސްޓްރޮނޯޓުންގެ ދަތުރުގައި ޖައްވުމުގައި ގަސް ހެއްދޭތޯ ތަހުލީލު ކުރާނެ އެވެ. އަދި އެ މީހުންގެ ހަށިގަނޑު ޓެސްޓް ކުރުމަށް އަލްޓްރާސައުންޑް ސާމާނު ބޭނުން ކުރާނެ އެވެ.
ޖައްވީ އުޅަނދު ސްޕޭސް ސްޓޭޝަނާ ގުޅާލުމަށް ދެ ގަޑިއިރު ހޭދަވި އެވެ. ޖައްވާ އުޅަނދު ގުޅާލާ މަންޒަރާއި އޮސްޓްރޮނޯޓުން ބަދަލުވާ މަންޒަރު ވަނީ ޗައިނާގެ ގައުމީ ޓީވީން ވަގުތުން ދައްކައިފަ އެވެ.
ޒިންހުއާ ނިއުސް އެޖެންސީން ބުނީ ޗައިނާގެ ދެ އޮސްޓްރޮނޯޓުން ވަނީ ޗައިނާގެ އެންމެހާ ރައްޔިތުންނަށް ތަހުނިޔާ ފޮނުވާފައި ކަމަށެވެ.
ޗައިނާ އިން ދަނީ ހަނދަށް ނުވަތަ މާސް އަށް އިންސާނުންނާ އެކު ޖައްވީ އުޅަނދެއް ފޮނުވުމަށް މަސައްކަތް ކުރަމުންނެވެ. ޗައިނާގެ ޖައްވީ ޕްރޮގްރާމުގެ ދަށުން މި އަހަރު 20 ސްޕޭސް މިޝަން ލޯންޗު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ޗައިނާ އަކީ އެމެރިކާ އާއި ރަޝިޔާ ފިޔަވައި، އަމިއްލަ ގައުމުގެ ފަޅުވެރިންނާ އެކު ޖައްވަށް މީހުން ފޮނުވި ތިން ވަނަ ގައުމެވެ. ޗައިނާ އިން 2013 ވަނަ އަހަރު ވަނީ މީހަކު ނެތި ޖައްވީ އުޅަނދެއް ހަނދަށް ފޮނުވައިފަ އެވެ. އޭގެ ފަހުން ޗައިނާ އިން ދަނީ ޓިއާންގޮން 2 ގެ މަސައްކަތް ފުޅާކޮށް އަމިއްލަ ސްޕޭސް ސްޓޭޝަނެއް ޖައްވުމުގައި ދާއިމީ ކުރުމަށް މަސައްކަތް ކުރަމުންނެވެ. ޓިއާންގޮންގް 2 ފުރިހަމަ އަށް އޮޕަރޭޝަނަށް ގެނެވޭނީ 2022 ވަނަ އަހަރު ކަމަށްވެ އެވެ. ޗައިނާގެ ފުރަތަމަ ޖައްވީ ސްޓޭޝަން ޓިއަންގޮން 1 އަންނަ އަހަރު އަނބުރާ ދުނިޔެ އަށް ގެންނާނެ އެވެ.
ޗައިނާގެ ޖައްވީ ޕްރޮގްރާމަށް އަހަރަކު 2.2 ބިލިއަން ޑޮލަރު ޚަރަދުކުރެ އެވެ. ޗައިނާ އިން ވަނީ ޖައްވަށް 181 ސެޓެލައިޓް ފޮނުވައިފަ އެވެ. މިހާތަނަށް ވަނީ ޗައިނާގެ 11 އޮސްޓްރޮނޯޓުން ނުވަތަ ޗައިނާ މީހުން ކިޔާ ގޮތުން ޓައިކޮނޯޓުން ޖައްވަށް ފޮނުވައިފަ އެވެ.
ރަޝިއާގެ އެހީއާ ނުލައި އެމެރިކާ ޖައްވީ ސްޓޭޝަނަށް
ޗައިނާގެ ޖައްވީ ސްޓޭޝަނަށް އަލަށް އަންހެން ފަޅުވެރިއެއް
ހަތަރު ދަތުރުވެރިންނާ އެކު ސްޕޭސް އެކްސް ޖައްވުގައި
ދުނިޔޭގެ "އެންމެ ބާރުގަދަ" ރޮކެޓް ޓެސްޓް ކާމިޔާބު
މީހުންނާ އެކު ޗައިނާ އިން ރޮކެޓެއް އުދުއްސާލައިފި
ޗައިނާގެ ސްޕޭސް ސްޓޭޝަން ބޮލަށް ވެއްޓެނީ
ޗައިނާގެ އުޅަނދު ހަނދުން ސާމްޕަލް ނަގައިގެން އަންނަނީ
ޖައްވީ ދާއިރާއާ ގުޅޭ "ކާމަން ވީކް" އަންނަ ހަފްތާގައި
ޖައްވުގައި ހުރެގެން އޭނާ ނަމާދުކުރާ ގޮތް
އަރަބި އަންހެނަކު އަލަށް ޖައްވަށް