Roadha Mihaaru
ކޮވިޑާ ދެކޮޅަށް ރާއްޖެ-ޗައިނާ މަޝްވަރާކޮށްފި

ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް އެކުގައި މަސައްކަތްކުރަން ރާއްޖެއިން ޗައިނާއާ މަޝްވަރާކޮށްފި

24 މެއި 2020

ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ގުޅިގެން މަސައްކަތްކުރުމަށާއި އެ މަސައްކަތްކުރާނެ އޮނިގަނޑެއް ރޭވުމާ ބެހޭ ގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ރާއްްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޖަންގް ލޮޖޮންގް މަޝްވަރާކުރައްވައިފިއެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ގުޅިގެން މަސައްކަތްކުރުމަށާއި އެ މަސައްކަތްކުރާނެ އޮނިގަނޑެއް ރޭވުމާ ބެހޭ ގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ރާއްްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޖަންގް ލޮޖޮންގް މަޝްވަރާކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝާހިދާއި ޖަންގް ކުރެއްވި މަޝްވަރާތަކުގައި ދެ ގައުމު ގުޅިގެން މިހާރު ކުރާ މަސައްކަތްތަކާ ބެހޭ ގޮތުންނާއި ޗައިނާއިން ރާއްޖޭގައި ހިންގަމުންދާ މަޝްރޫއުތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވި ކަމަށެވެ. ކުރިއަށް ރާވާފައިވާ ހުރި ބައެއް މަސައްކަތްތަކާ ބެހޭ ގޮތުންވެސް އެ ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ބައްދަލުވުމުގައި ޖަންގް ވިދާޅުވީ ކޮވިޑް-19 އިން އަރައިގަތުމަށް ދިވެހިރާއްޖެ އިން ކުރަމުން އަންނަ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދޭން ޗައިނާ ޝައުގުވެރިވާ ކަމަށެވެ.

ބައްދަލުވުމަށް ފަހު ކުރެއްވި ޓްވީޓެއްގައި ޝާހިދު ވިދާޅުވީ ދެ ގައުމުގެ މަސްލަހަތު ހިމެނޭ ގިނަ ކަންތައްތަކާ މެދު އެ ބައްދަލުވުމުގައި މަޝްވާ ކުރި ކަމަށެވެ. ރާއްޖެއަކީ ޗައިނާގެ ސަރަހައްދީ ސިޔާދަތަށް އަބަދުވެސް ވަރުގަދަ އަށް ތާއީދުކުރާ ގައުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި އެ މިނިސްްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލާއި ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދާއި ސެކްރެޓަރީ މަލްޓިލޭޓަރަލް ޑރ. އަލީ ނަސީރު މުހައްމަދު ވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ، އޭގެ އިތުރުން ޖޮއިންޓް ސެކްރެޓަރީ މަރިޔަމް ސީނާ އަދި ފޮރިން މިނިސްޓްރީއާއި ޗައިނާ އެމްބަސީގެ އިސް އެހެން ބައެއް ބޭފުޅުން ވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ.

ރާއްޖޭން ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތަށް އެހީވުމަށް ޗައިނާ އިން ބޮޑެތި އެހީތަކެއް ވަނީ ދީފަ އެވެ. އަދި ބަލި ޖެހޭ މީހުން އެކަހެރިކޮށްފައި ބައިތިއްބަން ކަރަންޓީން ފެސިލިޓީއެއް ވެސް ޗައިނާގެ ކުންފުނިތަކެއްގެ އެހީއާ އެކު ވަނީ ހަދައިދީފަ އެވެ.