Roadha Mihaaru
ޗައިނާ ކުންފުންޏަކުން ރާއްޖެއަށް މާސްކާއި ޕީޕީއީ ދީފި

ޗައިނާ ކުންފުންޏަކުން ރާއްްޖެއަށް 20،000 މާސްކާއި 500 ޕީޕީއީ ހަދިޔާކޮށްފި

10 ސެޕްޓެމްބަރ 2020

ޗައިނާގެ ޝަންހާއީ ކޮންސްޓްރަކްޝަން ގްރޫޕުން ރާއްޖެއަށް 20،000 މާސްކާއި 500 ޕީޕީއީ އަދި 10،000 އަންގި މިއަދު ހަދިޔާކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ޗައިނާގެ ޝަންހާއީ ކޮންސްޓްރަކްޝަން ގްރޫޕުން ރާއްޖެއަށް 20،000 މާސްކާއި 500 ޕީޕީއީ އަދި 10،000 އަންގި މިއަދު ހަދިޔާކޮށްފި އެވެ.

ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނާ ބޭނުންވާ މި ތަކެތި ޝަންހާއީ ކޮންސްޓްރަކްޝަން ގްރޫޕުން ރާއްޖެއަށް ހަދިޔަކުރީ ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ރާއްޖޭގެ ފަރާތުން ތަކެއްޗާ ހަވާލުވެވަޑައިގަތީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ޝަންހާއީ ކޮންސްޓްރަކްޝަން ގްރޫޕްގެ ފަރާތުން އެތަކެތި ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރު ލީ ހުއާންބިން އާއި އެކުންފުނީގެ ފަރާތުން ރާއްްޖޭގައި ހުންނަވާ މަންދޫބު ޝީ ވަންޗުން އެވެ. ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޖަންގް ލިޖިންގް ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

ޗައިނާގެ ޝަންހާއީ ގްރޫޫޕުން ރާއްޖެއަށް ހަދިޔާކުރި ބައެއް ސާމާނު.

ޗައިނާގެ ޝަންހާއީ ގްރޫޫޕުން ރާއްޖެއަށް ހަދިޔާކުރި ބައެއް ސާމާނު.

ޝަންހާގީ ކޮންސްޓްރަކްޝަން ގްރޫޕްގެ ހަދިޔާއާ ހަވާލުވެވަޑައިގަތުމަށް ފަހު ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ ޗައިނާ އަކީ ރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއެއްކަމަށެވެ. ޗައިނާއާ އެކު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ކޮވިޑް-19 އިން އަރައިގަތުމަށާއި އެ ބަލިމަޑުކަމުގެ ސަބަބުން ދެ ގައުމުގެ އިތުރުން މުޅި ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަންނަން ޗައިނާއާއެކު ރާއްޖެއިން މަސައްކަތްކުރާނެކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.

ރަސްމިއްޔާތަށް ފަހު ޗައިނާ ސަފީރު ޖަންގް ލިޖޮންގް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދެގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުން މި ހަދިޔާ އިން ވެސް ރަމްޒުކޮށްދޭ ކަމަށެވެ.

މީގެ ކުރިން ވެސް ޗައިނާ ސަރުކާރުންނާއި އެކި ކުންފުނިތަކުން ވަނީ ކޮވިޑާ ދެކޮޅަށް ރާއްޖޭން ކުރާ މަސައްކަތަށް އެކި ގޮތްގޮތުން އެހީވެދީފަ އެވެ.