Roadha Mihaaru
ތައިލެންޑުން ރާއްޖެއަށް 10 ވެންޓިލޭޓަރު ހަދިޔާކޮށްފި

ތައިލެންޑުން ރާއްޖެ އަށް 10 މިނީ ވެންޓިލޭޓަރު ހަދިޔާކޮށްފި

26 މެއި 2020

ތައިލެންޑުން ރާއްޖެ އަށް 10 މިނީ ވެންޓިލޭޓަރު ހަދިޔާކޮށްފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ތައިލެންޑުން ރާއްޖެ އަށް 10 މިނީ ވެންޓިލޭޓަރު ހަދިޔާކޮށްފި އެވެ.

ތައިލެންޑް ސަރުކާރާ ގުޅިގެން އެ ގައުމުގެ ރިސާޗް އެންޑް އެޑިއުކޭޝަން އިންސްޓިޓިއުޓެއް ކަމަށްވާ ކިންގް މޮންކުންޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީން ރާއްޖެ އަށް ހަދިޔާކުރި މި ވެންޓިލޭޓަރުތަކާ ހަވާލުވެވަޑައިގަތީ އެ ގައުމުގައި ހުންނަވާ ރާއްޖޭގެ ސަފީރު މުހައްމަދު ޖިނާހް އެވެ.

ވެންޓިލޭޓަރުތަކާ ހަވާލުވެވަޑައިގެން އޭނާ ވަނީ އެ ގައުމުގެ ސަރުކާރަށް ޝުކުރު އަދާކުރައްވައިފަ އެވެ. އެގޮތުން ތައިލެންޑް ސަރުކާރަށާއި ކިންގް މޮންކުންޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އަށް ހާއްސަ ޝުކުރެއް އަދާކުރައްވާފައި ވެއެވެ. މީގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި މިނިސްޓްރީގެ ފަރާތުން މި ދަނޑިވަޅުގައި ކުރަމުން އަންނަ މަސައްކަތްތައް ވެސް ފާހަގަކުރައްވާފައި ވެއެވެ.

ތައިލެންޑުން ރާއްޖެ އަށް 10 މިނީ ވެންޓިލޭޓަރު ހަދިޔާކޮށްފައިވާއިރު އެ ގައުމުން އެކި އެކި އެހީ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށް ސަފީރު މީގެ ކުރިން ވެސް ވިދާޅުވެފައި ވެއެވެ. އެގޮތުން ސިއްހީ ދާއިރާ އަށް ބޭނުންވާ ތަކެތީގެ ލިސްޓެއް ސަރުކާރުން ފޮނުވާފައިވާތީ، ތައިލެންޑުގެ އެކި ފަރާތްތަކުގެ ދީލަތި އެހީތެރިކަމާ އެކު، އެ ތަކެތި ހޯދުމުގެ ކަންކަން ވަރަށް ބާރަށް ކުރިއަށް ގެންދަވާ ކަމަށް ވިދާޅުވެފައި ވެއެވެ.

ރާއްޖޭގައި ވިޔަފާރިކުރާ ތައިލެންޑުގެ ބައެއް ކުންފުނިތަކުން މިހާރު ވަނީ ކޮވިޑް-19 އަށް ޓެސްޓްކުރަން ބޭނުންކުރާ ޕީސީއާރު މެޝިނަކާއި ގިނަ އަދަދެއްގެ ހޭންޑް ސެނިޓައިޒާ ދީފަ އެވެ. ޕީސީއާރު މެޝިނެއް މިދިޔަ ހަފުތާގައި ރާއްޖެ ގެނެސްފައިވާއިރު، ހޭންޑް ސެނިޓައިޒާތައް އަންނަ މަހުގެ 24 ގައި ރާއްޖެ އަށް ފޯރާނެ ކަމަށް ސަފީރު ވިދާޅުވި އެވެ. ހޭންޑް ސެނިޓައިޒާތައް ރާއްޖެ ގެންނަނީ ކަނޑުމަގުންނެވެ.

އެ ތަކެތީގެ ފްރައިޓް ޑިއުޓީ ވެސް ރާއްޖޭގެ މަޝްހޫރު ކާގޯ ކުންފުނި ގޯލްޑް ކޮއިން އިން ކަނޑައިދީފައިވާ ކަމަށް ޖިނާހް ވަނީ ވިދާޅުވެފަ އެވެ.