Roadha Mihaaru
ޒަރޫރީ ބޭސް ގެނެސްދޭން ފޮރިން މިނިސްޓްރީން އެހީވެއްޖެ

78 މީހަކަށް ބޭސް ގެނެސްދިނުމުގައި ފޮރިން މިނިސްޓްރީން އެހީވެއްޖެ

14 މެއި 2020

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި މި ސަރަހައްދުގެ ގިނަ ގައުމުތައް ލޮކްޑައުންކުރުމުން، ރާއްޖެއިން ނުލިބޭ ޒަރޫރީ ބޭސްތައް ބޭނުން 78 މީހަކަށް، އެ ބޭސްތައް ފޯރުކޮށްދިނުމުގައި ފޮރިން މިނިސްޓްރީން އެހީވެއްޖެ އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި މި ސަރަހައްދުގެ ގިނަ ގައުމުތައް ލޮކްޑައުންކުރުމުން، ރާއްޖެއިން ނުލިބޭ ޒަރޫރީ ބޭސްތައް ބޭނުން 78 މީހަކަށް، އެ ބޭސްތައް ފޯރުކޮށްދިނުމުގައި ފޮރިން މިނިސްޓްރީން އެހީވެއްޖެ އެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، އެ ބޭސްތައް ފޯރުކޮށްދިނުމުގައި މިނިސްޓްރީން ކުރާ މަސައްކަތަކީ ބޭސް ރާއްޖެ އަށް ގެނެސްދިނުމެވެ. އަދި އެ ބޭސް ގެނެސްދޭނީ ސްރީ ލަންކާ، އިންޑިއާ ނުވަތަ ތައިލެންޑުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންތަކަށް އެ ބޭސްތައް ގެންދިއުމުން ކަމަށެވެ.

މިހާތަނަށް 78 މީހަކަށް މި ގޮތަށް ބޭސް ފޯރުކޮށްދީފި ކަމަށާއި ކުރިއަށް އޮތް ތަނުގައި މި އުސޫލުގެ ދަށުން ދިވެހިންނަށް މި ހިދުމަތް ފޯރުކޮށްދޭނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

ހައި ކޮމިޝަންތަކަށް ގެންދަން ވާނީ ރާއްޖެއިން ނުލިބޭ، ޒަރޫރީ ސަބަބުތަކަށް ބޭނުންވާ ބޭހެވެ. އަދި އެ ބޭސް ގެންދަން ވާނީ އެކަށީގެންވާ ގޮތަށް ރަނގަޅަށް ޕެކް ކުރުމަށް ފަހު ކަމަށާއި ބޭހާއި އެކު ބޭސް ސިޓީ ގެންދަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. ބޭސް ސިޓީގައި ނެތް ބޭހެއް އެތަނުން ނުގެންނާނެ ކަމަށް ވެސް ބުނެފައި ވެ އެވެ. އަދި ދެ މީހަކަށް ބޭނުންވާ ބޭސް އެކައްޗެއްގައި ޕެކް ނުކުރަން ވެސް އަންގާފައި ވެ އެވެ.

މިނިސްޓްރީގެ ޖޮއިންޓް ސެކެޓަރީ ބަދޫރާ ސައީދު ވިދާޅުވީ މިއީ އެ ތިން ގައުމުގައި ހުރި ރާއްޖޭގެ މިޝަންތަކާއި ފޮރިން މިނިސްޓްރީ އާއި ގައުމީ އެއާލައިން މޯލްޑިވިއަން އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގުޅިގެން ކުރާ މަސައްކަތެއް ކަމަށެވެ. އަދި މި މަސައްކަތުގައި އެ ކުންފުނިތަކުން ވަމުން އަންނަ އެހީއަށް ޝުކުރު އަދާ ކުރެއްވި އެވެ.

"މި ހިދުމަތަކީ ލޮކްޑައުންގެ ސަބަބުން ދިވެހިންނަށް ކޮންމެހެން ބޭނުންވާ ހިދުމަތެއްކަމުން ފޮރިން މިނިސްޓްރީން ފޯރުކޮށްދެމުންދާ ހިދުމަތެއް،" ބަދޫރާ ވިދާޅުވި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވާން ސަރަހައްދީ ގައުމުތައް ލޮކްޑައުންކުރުމުން، އެ ގައުމުތަކުގައި އުޅޭ ދިވެހިންނަށް އެހީ ވާން ވެސް ފޮރިން މިނިސްޓްރީން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އޭގެ ތެރޭގައި ލަންކާ އަދި އިންޑިއާ އާއި ޔޫއޭއީ އަދި މެލޭޝިިއާގައި އުޅޭ ދިވެހިންނަށް، އެ މީހުންގެ އާއިލާތަކުން ފޮނުވި އެހީ ފޯރުކޮށްދިނުން ހިމެނެ އެވެ.