Roadha Mihaaru
ބާޒާރުމަތީގެ ތޮއްޖެހުމަކީ ކަންބޮޑުވާ މަންޒަރެއް: އަމީން

ބާޒާރުމަތީ ތޮއްޖެހިގެން އުޅޭ މަންޒަރުން ކަންބޮޑުވޭ: އަމީން

30 އެޕްރީލް 2020

ކޮވިޑް-19 އިން ރައްކާތެރިވުމަށް މާލެ ސަރަހައްދު ލޮކްޑައުންކޮށްފައި އޮތަސް ބާޒާރުމަތީ މީހުން ތޮއްޖެހިގެން އުޅޭ މަންޒަރުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑް-19 އިން ރައްކާތެރިވުމަށް މާލެ ސަރަހައްދު ލޮކްޑައުންކޮށްފައި އޮތަސް ބާޒާރުމަތީ މީހުން ތޮއްޖެހިގެން އުޅޭ މަންޒަރުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރޭ ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ އެކި ގައުމުތަކާއި ރާއްޖޭގައި ވެސް ހަލުވިކަމާއެކު ފެތުރެމުންދާ ބަލީގައި ރާއްޖޭން އަލަށް މީހަކު މަރުވިކަން އިއުލާނުކުރަން ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވީ މުހިއްމު ކަމެއްގައި ބޭރަށް ނުކުތަސް ރައްކާތެރި ފިޔަވަޅު އެޅުން މުހިއްމު ކަމަށެވެ.

ބާޒާރުގައި މުދާ ވިއްކަން އިންނަ މީހާ އާއި މުދާ ގަންނަން ދާ މީހާގެ އިތުރުން ހިދުމަތެއް ހޯދަން ފިހާރަ އަށް ދާ މީހާގެ ޒިންމާ ކުޑަ ނުވާނެ ކަމަށް އަމީން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ބާޒާރުމަތީގެ ބައެއް ފޮޓޯތައް އިއްޔެ ފެނިވަޑައިގަތުމުން ދެރަވެ، ކަންބޮޑުވެވަޑައިގެންނެވި ކަމަށް ވިދާޅުވި އެވެ.

"ސިފައިންނާއި ފުލުހުން މަގުމަތީގެ ކަންކަން އެވަރަށް ބަލަމުންދާއިރު ވެސް ބައެއް ފޮޓޯތައް ފެނުނީމަ އިންތިހާއަށް ދެރަވޭ، ކަންބޮޑުވޭ،" އަމީން ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި އިއްޔެ ދައުރުވި ބައެއް ފޮޓޯތަކުން ފެންނަނީ، ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑަށް އޮތް ބާޒާރުމަތި ސަރަހައްދުގައި، ގިނަ ބަޔަކު ކައިރި ކައިރީގައި މަސައްކަތް ކުރަމުންދާ މަންޒަރެވެ. އޭގެ ތެރެއިން ބައެއް މީހުން އަންގި އާއި މާސްކް އަޅައިގެން ތިއްބަސް އެ ފޮޓޯތަކުން ފެންނަނީ ކަންބޮޑުވާން ޖެހޭ ކަންކަމެވެ.

ރޭ ދަންވަރު ބޭއްވި ކުއްލި މީޑިއާ ބްރީފިންގައި މިނިސްޓަރު އަމީން.

ރޭ ދަންވަރު ބޭއްވި ކުއްލި މީޑިއާ ބްރީފިންގައި މިނިސްޓަރު އަމީން.

އަމީން ވިދާޅުވި ގޮތުގައި ސޯޝަލް މީޑިއާގައި ދައުރުވި ފޮޓޯތަކުގައި ތިބި މީހުންނަށް، ބާޒާރުމަތީގެ ހާލަތާއި ކޮވިޑް-19 ގައި ރާއްޖެ އޮތް ހާލަތު އެނގޭނެ ކަމަށެވެ. ކޮންޓެކްޓް ޓްރޭސިން ހެދިކަމުގައި ވިއަސް އެ މީހުން ބައްދަލުވި މީހުން އިންތިހާއަށް ގިނަކަން އޭނާ ފާހަގަކުރެއްވި އެވެ.

"މިއީ ކުދި ކުދި ކަންކަމަށް ބެލުނު ކަމުގައި ވިއަސް މިއީ ހަގީގަތުގައި މި ބަލިން ރައްކާތެރިވުމަށް އަޅުގަނޑުމެން އަޅަންޖެހޭ މުހިއްމު ފިޔަވަޅެއް. އެ ޒިންމާ އަޅުގަނޑުމެން ފަރުދީގޮތުން އަދާކުރެވިއްޖެ ކަމުގައިވާ ނަމަ ރާއްޖޭގައި މި ބަލި ފެތުރިގެންދާ މިންވަރު މަދުކުރެވޭނެ،" އަމީން ވިދާޅުވި އެވެ.

ބާޒާރުމަތީގައި ބަޔަކު ހަރަކާތްތެރިވަނީ.-- ފޮޓޯ: ސޯޝަލް މީޑިއާ

ބާޒާރުމަތީގައި ބަޔަކު ހަރަކާތްތެރިވަނީ.-- ފޮޓޯ: ސޯޝަލް މީޑިއާ

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވި ގޮތުގައި މާލެ އިން މިހާތަނަށް ފެނުނު ކްލަސްޓާސްތަކަށް ބަލާއިރު ބިރުވެރިކަން އެންމެ ބޮޑީ ބާޒާރުމަތީގަ އެވެ.

"ބޮޑަށް ހަރަކާތްތެރިވެ އުޅޭ މީހުންގެ ތެރެއިން އަޅުގަނޑުމެންނަށް ބޮޑަށް ކްލަސްޓާސްތައް މި ފެންނަނީ. މިސާލަކަށް ބާޒާރުމަތި. އެންމެ ގަދައަށް ހަރަކާތްތެރިވެ މީހުން އުޅެނީ ބާޒާރުމަތީގައި،" އޭނާ ވިދާޅުވި އެވެ. މާލޭގެ ބާޒާރުމަތީގެ ފިހާރަތަކުގެ ތެރެއިން އެމްއެޗްއޭ އާއި ލިލީ އަދި ބީއެޗްއެމް ޓްރޭޑާސްގެ މުވައްޒަފުންތަކެއް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭގައި ގިނަ އަދަދަކަށް ބިދޭސީން ހިމެނޭއިރު، އެ ތަންތަން ވަނީ މޮނިޓަރިންގެ ހާލަތުގަ އެެވެ. ރާއްޖެއިން މިހާތަނަށް އެ ބަލި ޖެހުނު މީހުންގެ އަދަދު 280 އަށް އަރާފައިވާއިރު އޭގެ ތެރެއިން 17 މީހުން ވަނީ ރަނގަޅުވެފަ އެވެ.