Roadha Mihaaru
ލަންކާގެ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ވެރިޔާ ވަކިވެއްޖެ

ލަންކާގެ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ވެރިޔާ އިސްތިއުފާ ދީފި

17 އޮކްޓޯބަރ 2016

ކޮލަމްބޯ (އޮކްޓޯބަރު 17) - ސްރީ ލަންކާގައި ސިޔާސީ މައްސަލަތައް ބޮޑުވެފައިވާ ދުވަސްވަރެއްގައި އެ ގައުމުގެ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޑިރެކްޓާ ޖެނެރަލް ދިލްރުކްޝީ ވިކްރަމަސިންހާ މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (އޮކްޓޯބަރު 17) - ސްރީ ލަންކާގައި ސިޔާސީ މައްސަލަތައް ބޮޑުވެފައިވާ ދުވަސްވަރެއްގައި އެ ގައުމުގެ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޑިރެކްޓާ ޖެނެރަލް ދިލްރުކްޝީ ވިކްރަމަސިންހާ މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އޭނާ އިސްތިއުފާ ދެއްވީ މިނިވަން މުއައްސަސާތަކުން ސިޔާސީ އެޖެންޑާއެއް ކުރިއަށް ނެރެގެން މަސައްކަތް ކުރާ ކަމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެފައި ވަނިކޮށެވެ. ސިރިސޭނާ މިދިޔަ ހަފުތާގައި ވަނީ ސިފައިންގެ ކުރީގެ ތިން ޖެނެރަލަކާއި ކުރީގެ ޑިފެންސް ސެކްރެޓަރީ ގޮތަބަޔާ ރާޖަޕަކްސާގެ މައްޗަށް ދައުވާކުރި މައްސަލައިގެ ފަހަތުގައި ސިޔާސީ އެޖެންޑާއެއްވާ ކަމަށް ވިދާޅުވެ ވިކްރަމަސިންހަ ކުށްވެރި ކުރައްވައިފަ އެވެ. ވިކްރަމަސިންހައާ ގުޅުން ހުރި ފަރާތްތަކުން ބުނެފައި ވަނީ އެކަމަނާ މިއަދު އިސްތިއުފާ ދެއްވާފައި ވަނީ ސިރިސޭނާ މިދިޔަ ހަފުތާގައި ދައްކަވާފައިވާ ވާހަކަތަކާ ގުޅިގެން ކަމަށެވެ. ސިރިސޭނާ ވަނީ 2009 ވަނަ އަހަރު ތަމަޅަ ޓައިގަރުންގެ މައްޗަށް ކާމިޔާބު ހޯދައިދިން ސިފައިންގެ އޮފިސަރުންނާ މެދު އެފަދަ ގޮތަކަށް ކަންތައް ކޮށްގެން ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެޓާނީ ޖެނެރަލް އޮފީހުގެ ސީނިއާ ޕްރޮސެކިއުޓަރެއް ކަމަށްވާ ވިކްރަމަސިންހަ ވަނީ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ އަރިސް ވަރަށް ގިނަ ބައެއްގެ މައްސަލަތައް ތަހުގީގުކޮށް ބައެއް މީހުންގެ މައްޗަށް ދައުވާ އުފުލައިފަ އެވެ.

ތަޖްރިބާކާރުން ބުނަނީ ސިރިސޭނާގެ ވާހަކަތަކުން އަންގައިދެނީ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރާއި ސިރިސޭނާއާ ދެމެދު މައްސަލަތައް އުފެދިފައިވާކަން ކަމަށެވެ. ސިރިސޭނާ އާއި ރަނިލް އަކީ ކުރިން ވާދަވެރި ދެ ޕާޓީއެއްގެ ދެ ބޭފުޅުންނެވެ. އެ ދެ ބޭފުޅުން އެއްގަލަކަށް އެރުއްވީ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ވެރިކަން ނިމުމަކަށް ގެންނާށެވެ. ސަރުކާރުގެ ތެރޭގައި ހުރި މައްސަލަތައް ހައްލު ކުރުމަށް ސީނިއާ ވަޒީރުންނާއި އެކު ސިރިސޭނާ އާއި ރަނިލް ދާދި ފަހުން ވަނީ ބައްދަލުވުމެއް ބާއްވައިފަ އެވެ.