Roadha Mihaaru
އަދިވެސް ހުއްދަދެނީ ހަފުތާއަކު އެއްފަހަރު ނުކުމެވޭގޮތަށް

ފުލުހުން އަދިވެސް ހުއްދަދެނީ ހަފުތާއަކު އެއްފަހަރު ބޭރަށް ނުކުމެވޭ ގޮތަށް

29 މެއި 2020

ކޮވިޑް-19 ފެތުރޭތީ އިއުލާންކޮށްފައިވާ ލޮކްޑައުން އަށް ލުއި ދީ ކޮންމެ ގޭބިސީއަކުން އެކަކަށް ހަފުތާއަކު އެއްފަހަރު ބޭރަށް ދެވޭ ގޮތަށް އޮތް އޮތުން ހަފުތާއަކު ދެ ފަހަރަށް ބަދަލުކުރި ނަމަވެސް، އެއް ދުވަހު ބޭރަށް ދެވޭ ގޮތަށް ފުލުހުން ހުއްދަ ދޭން ފަށައިފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ކޮވިޑް-19 ފެތުރޭތީ އިއުލާންކޮށްފައިވާ ލޮކްޑައުން އަށް ލުއި ދީ ކޮންމެ ގޭބިސީއަކުން އެކަކަށް ހަފުތާއަކު އެއްފަހަރު ބޭރަށް ދެވޭ ގޮތަށް އޮތް އޮތުން ހަފުތާއަކު ދެ ފަހަރަށް ބަދަލުކުރި ނަމަވެސް، އެއް ދުވަހު ބޭރަށް ދެވޭ ގޮތަށް ފުލުހުން ހުއްދަ ދޭން ފަށައިފި އެވެ.

ލޮކްޑައުން އަށް ލުއި ދީ، އަލަށް އަމަލުކުރާ ގޮތުގެ ޑޮކިއުމަންޓްތަކާއި އެކަމާ ބެހޭ ގޮތުން ބޭއްވި ޕްރެސް ކޮންފަރެންސްތަކުގައި ވެސް ބުނެފައި ވަނީ ކޮންމެ ގޭބިސީއަކުން ތިން މީހަކަށް، ކޮންމެ މީހަކަށް ހަފުތާއަކު ދެ ފަހަރު ކޮންމެ ފަހަރަކު ދެ ގަޑިއިރު ބޭރުގައި އުޅެން ހުއްދަ ލިބޭނެ ކަމަށެވެ. ކުރިން އޮތީ އެންމެ މީހަކަށް ހަފުތާއަކު އެއް ގަޑިއިރުގެ ހުއްދައެކެވެ. ނަމަވެސް ގެޔަށް ބޭނުންވާ ތަކެތި ހޯދަން ވިޔަފާރިކުރަން ދިއުމުގެ އިތުރުން އެހެން ބައެއް ކަންކަމަށް މިއަށްވުރެ ގިނައިރު ބޭރުގައި އުޅެވޭ ގޮތަށް ހުއްދަތައް ދޫކުރެ އެވެ.

މިކަމާ ބެހޭ ގޮތުން ފުލުހުންގެ މީޑިއާ އަށް ގުޅުމުން ބުނީ އެ މައުލޫމާތު ދޭނީ ހުއްދަ ދިނުމާ ކަންކަމަށް ހާއްސަކޮށްފައިވާ ނަންބަރަށް ގުޅުމުން ކަމަށެވެ. ނަމަވެސް އެ ނަންބަރަށް ގުޅުމުން ބުނީ މީޑިއާ އަށް ނަމަ މައުލޫމާތު ދޭނީ ފުލުހުންގެ މީޑިއާ އިން ކަމަށެވެ. މީޑިއާ އިން އެދުނީ ހުއްދަ ދިނުމާ ބެހޭ ނަންބަރަށް ގުޅަން ކަމަށް ބުނުމުން ބުނީ ކޮންމެ މީހަކަށް ވެސް ލިބޭނީ އެއް ދުވަސް ކަމަށާއި ގޭބިސީއަކުން ތިން މީހަކަށް އެކި ދުވަހަށް ހުއްދަ ދޭނެ ކަމަށެވެ.

އަލަށް އަމަލުކުރަން ހަމަޖައްސައި އިއުލާނުކުރި ގޮތް

އަލަށް އަމަލުކުރަން ހަމަޖައްސައި އިއުލާނުކުރި ގޮތް

އެގޮތުން ގޭބީސީ ވަކިކުރަނީ، ކުރިން ބުނެފައިވާ ގޮތަށް، ކަރަންޓު މީޓަރު ނަމްބަރުން ކަމަށާއި ކޮންމެ މީޓަރު ނަމްބަރަކަށް ތިން ހުއްދަ ދޭނެ ކަމަށް ބުންޏެވެ. އަދި އެ ހުއްދަ ލިބޭނީ އެކި ދުވަހު އެކި ގަޑީގައި އެކި މީހުންނަށް ކަމަށް ވެސް ބުންޏެވެ.

މިގޮތަށް މައުލޫމާތު ދިނުމަށް ފަހު ވެސް ބުނީ މީޑިއާ އަށް މައުލޫމާތު ދޭނީ މީޑިއާ ނަންބަރުން ކަމަށެވެ.

މާލެއިން ކޮވިޑް-19 ފެނުމާއެކު ލޮކްޑައުން އިއުލާންކުރުމަށް ފަހު ކޮންމެ ގޭބީސީއަކުން އެކަކަށް ހަފުތާއަކު ދެ ދުވަހު އެއް ގަޑި އިރަށް ޝޮޕިން ފާސްތައް ވަނީ ދޫކޮށްފަ އެވެ. ނަމަވެސް ފަހުން ބަދަލު ގެނަސް އެއް ދުވަހު އެއް ގަޑިއިރަށް ނިކުމެވޭ ގޮތަށް ހެދީ ބަލީގެ ހާލަތު ގޯސްވެދާނެ ކަމަށް ބެލެވިގެންނެވެ. ލޮކްޑައުންއަށް ގެނައި ލުއިތަކާ އެކު ކޮންމެ ގޭބީސީއަކުން ތިން މީހުންނަށް ނިކުމެވޭ ގޮތަށް ބަދަލުކޮށް، އުމުރުން ދުވަސްވީ މީހުންނަށް ކޮންމެ ދުވަހަކު ވެސް ފަތިހު 5:00 އިން ހެނދުނު 8:00 އާ ދެމެދު ހުއްދައާ އެކު ބޭރުގައި އުޅެވޭ ގޮތް ވަނީ ހަދައިފަ އެވެ. އަދި އިތުރު ވިޔަފާރިތަކަށް ވެސް ވަނީ ހުއްދަ ދޭން ފަށައިފަ އެވެ.