Roadha Mihaaru
ލޮކްޑައުނާ ހިލާފުވެގެން އެކަކު 28 ފަހަރު ޖޫރިމަނާކުރި

ލޮކްޑައުނާ ހިލާފުވެގެން އެކަކު 28 ފަހަރު ޖޫރިމަނާކުރި

23 ޖޫން 2020

ލޮކްޑައުނާ ހިލާފުވެގެން އެކަކު 28 ފަހަރު ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ރޭ ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ލޮކްޑައުނާ ހިލާފުވެގެން އެކަކު 28 ފަހަރު ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ރޭ ބުނެފި އެވެ.

ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހުސެން ސަމީރު ވިދާޅުވީ، ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ލޮކްޑައުންގެ ފިޔަވަޅާ ހިލާފުވެގެން މާލެ ސަރަހައްދުން 9،361 މީހުން ޖޫރިމަނާކުރި ކަމަށެވެ. އޭގެ ތެރެއިން އެކަކު، 28 ފަހަރު ޖޫރިމަނާކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

"އެއް ފަރާތެއް ގާތްގަނޑަކަށް 28 ފަހަރު އެކަކު ފައިން ކުރެވިފައި އެބަހުރި. އާއްމުގޮތެއްގައި ގިނަ މީހުން ހުންނާނީ އެއް ފަހަރު ދެ ފަހަރު. ނަމަވެސް ވަރަށް މަދު ފަރާތްތަކެއް އެބަހުރި ގިިނަ އަދަދަކަށް ޖޫރިމަނާ ކުރެވިފައި،" ސަމީރު ވިދާޅުވި އެވެ.

މިދިޔަ އޭޕްރީލް 15 ގައި ކުރި ލޮކްޑައުނާ ހިލާފުވެގެން މާލެއިން 8،378 މީހުން، ހުޅުމާލެއިން 833 މީހުން އަދި ވިލިމާލެއިން 125 މީހުން ޖޫރިމަނާކުރި އެވެ. އޭގެ ތެރޭގައި ބޭރު މީހުން ވެސް ހިމެނެ އެވެ.

ސަމީރު ވިދާޅުވީ ބޭރުގައި އުޅޭ މީހުން މޮނިޓާ ކުރިއިރު އުޅޭނެ ވަކި ތަނެއް ނެތް މީހުން ވެސް ވަރަށް ބޮޑަށް ފާހަގަކުރެވުނު ކަމަށެވެ. އެ މީހުންނަކީ މިސްކިތްތައް ނޫނީ މާރުކޭޓު ސަރަހައްދުގައި މީގެ ކުރިން ނިދަމުން ދިޔަ މީހުން ކަމަށް ވިދާޅުވި އެވެ.

އެއް ފަރާތެއް ގާތްގަނޑަކަށް 28 ފަހަރު އެކަކު ފައިން ކުރެވިފައި އެބަހުރި. އާއްމުގޮތެއްގައި ގިނަ މީހުން ހުންނާނީ އެއް ފަހަރު ދެ ފަހަރު. ނަމަވެސް ވަރަށް މަދު ފަރާތްތަކެއް އެބަހުރި ގިިނަ އަދަދަކަށް ޖޫރިމަނާކުރެވިފައި- ސަމީރު

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިނަށް އަމަލުނުކޮށް ބޭރަށް ނުކުންނަ މީހުންނަށް އެންމެ ފުރަތަމަ ދެނީ ނަސޭހަތެވެ. ދެވަނަ ފަހަރަށް އެކަން ތަކުރާރުކޮށްފި ނަމަ 1،000ރ. އިން ޖޫރިމަނާކުރެ އެވެ. އެކަން އަނެއްކާ ވެސް ތަކުރާރުކޮށްފި ނަމަ ހައްޔަރު ކުރެ އެވެ.

ލޮކްޑައުންއާ ހިލާފުވެގެން 582 މީހަކު ހައްޔަރުކުރި އެވެ. އޭގެ ތެރެއިން 312 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މިހާރު ވަނީ ފޮނުވައިފަ އެވެ.

ފުލުހުން މިހާރު ހާއްސަ އިސްކަމެއް ދީގެން ކުރަމުން އަންނަނީ މަގުމަތި ބެލެހެއްޓުމުގެ މަސައްކަތެވެ. ގައިޑްލައިނަށް އަމަލުނުކުރާ މީހުންނަށް މިހާރު ވެސް އެކަން އަންގައި ނަސޭހަތް ދެމުން އަންނަ ކަމަށާއި ދުވާލެއްގެ މައްޗަށް ހާހަކަށް ވުރެ ގިނަ މީހުންނަށް މިހާރު ވެސް އެޓެންޑްވާ ކަމަށް ސަމީރު ވިދާޅުވި އެވެ.

ހަރުކަށި ފިޔަވަޅުތަކަކާއެކު އޮތް ލޮކްޑައުން އަށް މިދިޔަ ހޯމަ ދުވަހުން ފެށިގެން ލުއިދީ ހުއްދަ ނެތި ފަތިހުން ފެށިގެން ރޭގަނޑު 10:00 ވަންދެން ބޭރުގައި އުޅެވެ އެވެ. އޭގެ ފަހުން ބޭރަށް ނުކުންނަ ނަމަ ފުލުހުންގެ ހުއްދަ ބޭނުންވާނެ އެވެ. އެހެން ނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުންޏެވެ.