Roadha Mihaaru
ޓޫރިސްޓަކަށް ކޮވިޑް ޖެހިއްޖެ ނަމަ ހުރިހާ ހަރަދެއް ހިލޭ

ސައިޕްރަސްގައި ޓޫރިސްޓަކަށް ކޮވިޑް-19 ޖެހިއްޖެ ނަމަ ދަތުރުގެ ހުރިހާ ހަރަދެއް ސަރުކާރުން ދެނީ

30 މެއި 2020

ކޮވިޑް-19 ވަރަށް މަދުން ފެނުނު މެދުއިރުމަތީގެ ގައުމެއް ކަމަށްވާ ސައިޕްރަސް ޓޫރިސްޓުންނަށް ހުޅުވާލަން ނިންމައި، ހާއްސަ އިނާޔަތެއް ހަމަޖައްސައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮވިޑް-19 ވަރަށް މަދުން ފެނުނު މެދުއިރުމަތީގެ ގައުމެއް ކަމަށްވާ ސައިޕްރަސް ޓޫރިސްޓުންނަށް ހުޅުވާލަން ނިންމައި، ހާއްސަ އިނާޔަތެއް ހަމަޖައްސައިފި އެވެ.

ކުރިއެކޭ އެއްގޮތަށް އެ ގައުމަށް ޓޫރިސްޓުން ގެންދަން ފަށާ އިރު، އަލަށް ހަމަޖެއްސި އެއް އުސޫލަކީ ޗުއްޓީއަކަށް ގޮސް ހުއްޓައި ޓޫރިސްޓަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ ނަމަ އެ މީހެއްގެ ޗުއްޓީގެ ހުރިހާ ހަރަދެއް ސައިޕްރަސް ސަރުކާރުން ހަމަޖައްސައި ދިނުމެވެ.

އޭގެ ތެރޭގައި އެ މީހަކާ ގޮސް ގޮސް ތިބި މީހުންގެ ހޮޓަލުގެ ހަރަދާއި ކެއުންބުއިމާއި ބޭސް ފަރުވާ އާއި ސައިޕްރަސްގެ ތެރޭގައި ކުރަން ޖެހޭ ދަތުރުތައް ހިމެނެ އެވެ އަދި އެ ޓޫރިސްޓަކު އެފަދަ ހާލެއްތަގައި ހަރަދުކުރަން ޖެހޭނީ އެނބުރި ގައުމަށް ދާން ކުރަން ޖެހޭ ހަރަދު އެކަންޏެވެ.

ސައިޕްރަސް އިން ވަނީ އަންނަ މަހުގެ 9 ގައި އިންޓަނޭޝަނަލް ދަތުރުތަކަށް އެއާޕޯޓްތައް ހުޅުވައިލަން ނިންމައިފަ އެވެ. އެގޮތުން އެންމެ ފުރަތަމަ ހުޅުވައިލަން ހަމަޖެހިފައި ޖަރުމަނާއި ގްރީސް އާއި އިޒްރާއީލާއި މޯލްޓާ ފަދަ ލޯ ރިސްކް ގައުމުތަކުގެ ޓޫރިސްޓުންނަށެވެ.

"ޖޫން ނުވައެއްގައި އެއާޕޯޓްތައް ހުޅުވާލުމަށް ފަހު ކޮންމެ ހަފުތާއަކު ވެސް ޓޫރިސްޓުންނަށް އާދެވޭނެ ގައުމުތަކުގެ ލިސްޓް އާންމުކުރަމުން ގެންދާނެ."

އަދި ސައިޕްރަސް އަށް ދަތުރުކުރާ މީހުން ވާން ޖެހެނީ އެ ދަތުރުގެ ތިން ދުވަސްކުރިން ކޮވިޑް-19 އަށް ނެގަޓިވްކަން ކަށަވަރުކޮށްދެވޭ ބަޔަކަށެވެ.

މިފަދަ އުސޫލުތަކެއް ކަނޑައަޅައި ޓޫރިޒަމަށް އަލުން ހުޅުވައިލަން ނިންމާފައިވާތީ ސައިޕްރަސް އިން ވަނީ އެ ގައުމަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ ތެރެއިން ޕޮޒިޓިވްވާ މީހުންނަށް ފަރުވާދޭން 100 އެނދުގެ ހާއްސަ ހޮސްޕިޓަލެއް ވެސް ހަދައިފަ އެވެ. އަދި ޕޮޒިޓްވާ މީހައާ އެކު އިތުރު ބަޔަކު ތިބި ނަމަ އެ މީހުން ބައިތިއްބާނީ ހާއްސަ "ކަރަންޓީނު ހޮޓަލް" ތަކުގަ އެވެ.

އާބާދީގައި 1.17 މިލިއަނަށް މީހުން ދިރިއުޅޭ ސައިޕްރަސް އިން މިހާތަނަށް ކޮވިޑް-19 ޖެހުނީ އެންމެ 943 މީހަކަށެވެ. އަދި އެ ބަލީގައި މަރުވީ 17 މީހެކެވެ.

ސައިޕްރަސްގެ ޑެޕިއުޓީ ޓޫރިޒަމް މިނިސްޓަރު.

ސައިޕްރަސްގެ ޑެޕިއުޓީ ޓޫރިޒަމް މިނިސްޓަރު.

ސައިޕްރަސް ޑެޕިއުޓީ ޓޫރިޒަމް މިނިސްޓަރު ސަވަސް ޕާޑިއޯސް ވިދާޅުވި ގޮތުގައި އެ ގައުމު އަލުން ޓޫރިސްޓުންނަށް ހުޅުވައިލަނީ ބަލީގެ ހާލަތު ވަރަށް ބޮޑަށް ދިރާސާކުރުމަށް ފަހު އެވެ. އަދި މިހާރު ކޮވިޑް-19 ފެތުރިގެން ހިނގައިދާނެ ކަމުގެ މާ ބޮޑު ބިރެއް ނެތުމުން ގައުމުގެ އިގުސާދި ހިނގައިގަންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"މި ހިސާބަށް މި އާދެވުނީ ވަރަށް ގިނަ ބައެއްގެ ވަރަށް ބުރަ މަސައްކަތާ އެކު،" މިނިސްޓަރު ވިދާޅުވި އެވެ. "ޖޫން ނުވައެއްގައި އެއާޕޯޓްތައް ހުޅުވާލުމަށް ފަހު ކޮންމެ ހަފުތާއަކު ވެސް ޓޫރިސްޓުންނަށް އާދެވޭނެ ގައުމުތަކުގެ ލިސްޓް އަހަރެމެން އާންމުކުރަމުން ގެންދާނަން."

މިނިސްޓަރު ވިދާޅުވި ގޮތުގައި ގައުމުގެ އިގުތިސާދު އަލުން ހުޅުވައިލަނީ ހުރިހާ ތަނެއްގައި ސޯޝަލް ޑިސްޓޭންސިން އާއި ރައްކާތެރިކަމުގެ އެހެން ފިޔަވަޅުތަކަށް ތަބާވާން ޖެހޭ ގޮތަށެވެ. އަދި އެކަންކަން މޮނިޓަކުރާނެ ކަމަށް ވިދާޅުވި އެވެ.

ސައިޕްރަސްގެ ގައުމީ އުފެއްދުންތެރިކަމުގެ 15 ޕަސެންޓް ހިއްސާކުރަނީ ޓޫރިޒަމް ދާއިރާ އެވެ.