Roadha Mihaaru
އެންމެ ދުވަސްވީ ފިރިހެން މީހާ މަރުވެއްޖެ

ރެކޯޑް ލިބުނުތާ ދެ މަސް ފަހުން، އެންމެ ދުވަސްވީ ފިރިހެން މީހާ މަރުވެއްޖެ

29 މެއި 2020

ދުނިޔޭގެ އެންމެ ދުވަސްވީ ފިރިހެން މީހާގެ ރެކޯޑް ލިނުބުތާ ދެ މަހެއްހާ ދުވަސްފަހުން އިނގިރޭސިވިލާތުގެ ބޮބް ވެއިޓަން ބުރާސްފަތި ދުވަހު މަރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދުނިޔޭގެ އެންމެ ދުވަސްވީ ފިރިހެން މީހާގެ ރެކޯޑް ލިނުބުތާ ދެ މަހެއްހާ ދުވަސްފަހުން އިނގިރޭސިވިލާތުގެ ބޮބް ވެއިޓަން ބުރާސްފަތި ދުވަހު މަރުވެއްޖެ އެވެ.

މިދިޔަ މާޗް މަހުގެ 29 ވަނަ ދުވަހު އުމުރުން 112 އަހަރު ފުރުނު ބޮބް މަރުވީ ކެންސަރު ބަލީގަ އެވެ. އާއިލާ އިން ބުނި ގޮތުގައި ބޮބް މަރުވިކަން އެނގުނީ ބުރާސްފަތި ދުވަހު ހެނދުނު ހޭނުލައިގެން ބެލި އިރު ކަމަށެވެ.

އެންމެ ދުވަސްވީ ފިރިހެން މީހާގެ ރެކޯޑް ގިނިސް ވޯލްޑް ރެކޯޑުން ބޮބަށް ރަސްމީކޮށް ދިނީ އެޕްރީލް 1 ގަ އެވެ. އޭނާ އަށް އެ މަގާމު ލިބުނީ ޖަޕާނުގެ ޗިޓެޓްސޫ ވަޓަނަބޭ މިދިޔަ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު މަރުވުމުންނެވެ. އޭނާ މަރުވި އިރު އުމުރަކީ 112 އަހަރާއި 355 ދުވަހެވެ.

ބޮބަކީ ވަރަށް ޒުވާން އުމުރުގައި ޓައިވާނުގައި ވެސް ދިރިއުޅުނު މީހެކެވެ. އޭރު އޭނާ ވަނީ އެތަނުގައި ޓީޗަރެއްގެ ވަޒީފާ އަދާކޮށްފަ އެވެެ. އަދި އަންހެނުން އަގްނޭޒްއާ ވެސް ބައްދަލުވީ އެ ގައުމުންނެވެ. އެއީ 1937 ގަ އެވެ. ޓީޗަރެއްގެ ވަޒީފާ އަދާކުރި އަގްނޭޒް އާއި ބޮބް ކައިވެނިކޮށް، ލިބުނު ތިން ކުދިންގެ ތެރެއިން ފުރަތަމަ ދަރިފުޅު އުފަންވީ ވެސް ޓައިވާނަށެވެ. ދެވަނަ ބޮޑު ހަނގުރާމަ 1939 ގައި ފެށުމާ އެކު ބޮބްގެ ދެމަފިރިން ފަހުން ބަދަލުވީ ކެނެޑާއަށެވެ. އަދި އެއަށް ފަހު 1945 ގައި ހަނގުރާމަ ނިމުމުން އިނގިރޭސިވިލާތަށް ބަދަލުވި އެވެ. އުފަން ގައުމަށް ބަދަލުވުމަށް ފަހު، ބޮބް ލަންޑަންގެ ސިޓީ ޔުނިވަސިޓީގައި ވެސް ކިޔަވައި ދިނުމުގެ މަސައްކަތްކޮށްފައިވެ އެވެ. ބޮބް މަރުވޮ އިރު، އޭނާގެ 10 ކާފަދަރިންނާއި 25 މުނިކާފަ ދަރިން އެބަތިއްބެވެ.

މި ވަގުތު ދުނިޔޭގައި ހުރި އެންމެ ދުވަސްވީ އަންހެނަކީ މިދިޔަ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހު 117 އަހަރުވި ޖަޕާނުގެ ކޭން ޓަނާކާ އެވެ.