Roadha Mihaaru
އަލްބަމެއް 95 އަހަރުގައި، މިއީ ރެކޯޑެއް

މިއުޒިކް އަލްބަމެއް 95 އަހަރުގައި، މިއީ ރެކޯޑެއް

10 އޮކްޓޯބަރ 2021

މިހާތަނަށް އެންމެ ދުވަސްވީ އުމުރުގައި މިއުޒިކް އަލްބަމެއް ނެރެގެން އެމެރިކާގެ ފަންނާނަކަށް ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ލިބިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިހާތަނަށް އެންމެ ދުވަސްވީ އުމުރުގައި މިއުޒިކް އަލްބަމެއް ނެރެގެން އެމެރިކާގެ ފަންނާނަކަށް ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ލިބިއްޖެ އެވެ.

މި ރެކޯޑް ލިބުނީ މިދިޔަ އޮގަސްޓް މަހުގެ 3 ގައި 95 އަހަރު ފުރުނު އެމެރިކާގެ މިއުޒިޝަން ޓޯނީ ބެނެޓްއަށެވެ. އޭނާ އަށް ރެެކޯޑް ލިބުނު އަލްބަމް "ލަވް ފޯ ސޭލް" އަކީ މިދިޔަ މަހުގެ 30 ގައި ނެރުނު އަލްބަމެކެވެ. މި އަލްބަމް ނެރެފައި ވަނީ އެމެރިކާގެ މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ ލޭޑީ ގާގާއާ ގުޅިގެންނެވެ. މިއީ ޓޯނީ އާއި ގާގާ ކޮލަބަރޭޓް ވެގެން ނެރުނު ދެވަނަ އަލްބަމެވެ. އެ ދެ މީހުން ގުޅިގެން ނެރުނު ފުރަތަމަ އަލްބަމަކީ 2014 ގެ "ޗީކް ޓު ޗީކް" އެވެ.

"ލަވް ފޯ ސޭލް" އަކީ ޓޯނީގެ 61 ވަނަ ސްޓޫޑިއޯ އަލްބަމެވެ. ލަވަކިޔުންތެރިއެއްގެ އިތުރުން ކުރެހުންތެރިއެއްގެ ގޮތުގައި ވެސް އާންމުންގެ މެދުގައި މަޝްހޫރުވި ފަންނާނު ބުނި ގޮތުގައި އަލްބަމެއް ނެރުނު އެންމެ ދުވަސްވީ މީހާގެ ރެކޯޑް ލިބުމަކީ ވަރަށް ހާއްސަ ކަމެކެވެ.

"މިއީ ފޭނުންނާ ހެދި ލިބުނު ޝަފަރެއް. މިއީ އެ މީހުން ދެމުން އަންނަ ހިފަހެއްޓުމެއް ނެތް ހިތްވަރުގެ ސަބަބުން ލިބުނު ކާމިޔާބީއެއް. އެކަމަށްޓަކައި ހުރިހާ ފޭނުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން." ރެކޯޑް ކަށަވަރުވުމާ ގުޅިގެން ޔޫއެސްޓުޑޭ އަށް ފޮނުވި ވީޑިއޯއެއްގައި ޓޯނީ ބުންޏެވެ.

"ލަވް ފޯ ސޭލް" އަކީ 70 އަހަރުވީ ކެރިއަރުގައި އޭނާ ފޭނުންނަށް ގެނެސްދިން އެންމެ ފަހު ސްޓޫޑިއޯ އަލްބަމެވެ.

ކެރިއަރުގައި 20 ގްރެމީ އެވޯޑާއި ގްރެމީ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ވެސް ލިބިފައިވާ ޓޯނީ އަށް މީގެ ކުރިން އެހެން ރެކޯޑެއް ވެސް ލިބިފައިވެ އެވެ. އެއީ ކުރީގެ ލަވައެއް އެތައް އަހަރެއް ފަހުން އަލުން ރެކޯޑްކުރުމުގެ ޝަރަފެވެ. އެ ލަވަ އަކީ ޑަޔާނާ ކްރޯލް، 56، އާ ގުޅިގެން 2018 ގައި ނެރުނު އަލްބަމް "ލަވް އިޒް ހިއާ ޓު ސްޓޭ" ގައި ހިމެނޭ "ފެސިނޭޓިން ރިދަމް" ގެ އާ ވާޝަނަށް ލިބުނު ރެކޯޑެވެ. އެ ލަވަ އެންމެ ފުރަތަމަ ޓޯނީ ރެކޯޑްކުރީ 1949 ގަ އެވެ. އަލުން ލަވަ ރެކޯޑްކޮށް 2018 ގައި ނެރުނު އިރު ލަވަ އަށް 69 އަހަރެވެ.

ދެހާސް ސޯޅައިން ފެށިގެން އަލްޒައިމާ ބައްޔަށް ފަރުވާ ހޯދަމުން އަންނަ ޓޯނީގެ ކެރިއަރުގެ އެންމެ ފުރަތަމަ އަލްބަމަކީ 1952 ގެ "ބިކޯޒް އޮފް ޔޫ" އެވެ. ހަތަރު ކުދިން ތިބި ފަންނާނުންގެ ދަރިންގެ ތެރެއިން އެންޓޯނިއޯ ބެނެޓް، 47، އަކީ ވެސް ލަވަކިޔުންތެރިއެކެވެ.

އޭނާގެ އިތުރު ދަރިންނަކީ ޓީވީ ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކުރާ ޑެނީ ބެނެޓް، 67، އާއި އޯޑިއޯ އިންޖިނިއަރެއްގެ ގޮތުގައި މަސައްކަތްކުރާ ޑައީ ބެނެޓް، 66، ގެ އިތުރުން ބަތަލާއެއްގެ ގޮތުގައި މަސައްކަތްކުރާ ޖޮއާނާ ބެނެޓް، 51، އެވެ.