Roadha Mihaaru
ނައީމަށް އިންޒާރުދިނީ ފަރުގެ ހާލަތާ މެދު ދެބަސްވެފައި

ނައީމަށް އިންޒާރު ދިނީ ވިލިމާލެ ފަރުގެ ހާލަތާ މެދު އުފެދު ދެބަސްވުމަކަށް ފަހު

30 މެއި 2020

އެންވަޔަރްމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ޑިރެކްޓަ ޖެނެރަލް އިބްރާހިމް ނައީމަށް، އެންވަޔަރު މިނިސްޓްރީން އިންޒާރު ދިނީ، ގުޅީފަޅު ހިއްކަމުން ދާއިރު ވިލިމާލޭ ފަރާއި ފަޅުތެރެއަށް ކިސަޑު ފެތުރިފައި ހުރި މިންވަރު ބަލައި އެކަމާ ބެހޭ ގޮތުން މައުލޫމާތު ހާމަކުރުމާ މެދު އުފެދުނު ދެބަސްވުމަކަށް ފަހުގައި ކަމަށް "މިހާރު" އަށް އެނގިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެންވަޔަރްމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ޑިރެކްޓަ ޖެނެރަލް އިބްރާހިމް ނައީމަށް، އެންވަޔަރު މިނިސްޓްރީން އިންޒާރު ދިނީ، ގުޅީފަޅު ހިއްކަމުން ދާއިރު ވިލިމާލޭ ފަރާއި ފަޅުތެރެއަށް ކިސަޑު ފެތުރިފައި ހުރި މިންވަރު ބަލައި އެކަމާ ބެހޭ ގޮތުން މައުލޫމާތު ހާމަކުރުމާ މެދު އުފެދުނު ދެބަސްވުމަކަށް ފަހުގައި ކަމަށް "މިހާރު" އަށް އެނގިއްޖެ އެވެ.

ފަރުގެ ހާލަތު ހާމަކުރުމާ ބެހޭ ގޮތުން ވަޓްސްއެޕް ގްރޫޕެއްގައި ދެއްކި ވާހަކަތަކެއްގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަސީރު ވަނީ، ކިސަޑު ހުރި މިންވަރު އާއްމުންނާ ހިއްސާކުރަން މިދިޔަ ބުރާސްފަތި ދުވަހު ގްރޫޕެއްގައި އެދިވަޑައިގެންފައި ކަމަށް ވަނީ އެނގިފަ އެވެ. ނައީމްގެ މަގާމު ދަށްކުރަން ނުވަތަ ވަޒީފާ އިން ވަކިކުރަން ޖެހިދާނެ ކަމުގެ އިންޒާރު އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަޖުވަދު މުސްތަފާ ދެއްވީ އެކަމަށް ދެކޮޅު ހެއްދެވުމުން ކަމަށް، މައުލޫމާތު ހިއްސާކުރެއްވި ފަރާތަކުން ބުންޏެވެ.

ނަމަވެސް ނައީމް "މިހާރު" އަށް ވިދާޅުވީ މިނިސްޓްރީން ބޭނުންވަނީ ވަކި ގޮތަކަށް މައުލޫމާތު ހާމަކުރަން ކަމަށެވެ.

ނައީމް ތުހުމަތުކުރެއްވި ގޮތުގައި މިނިސްޓްރީން ބޭނުންވަނީ ވަކި ކޮޅަކަށް ޖެހިގެން ވަކި މަންޒަރެއް ޖައްސާށެވެ. އެކަމަކު އީޕީއޭއިން އަމިއްލަ އަށް އެ ސަރަހައްދުގެ ޑާޓާ ނެގުމަށް ފަހު ނޫނީ އެކަމާ ގުޅުން ހުރި އެއްޗެއް ނުބުނާނެ ކަމަށް އެރޭ އެންގެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނައީމް ވިދާޅުވި ގޮތުގައި އޭގެ މަޝްވަރާތައް ގިނަ އިރުތަކެއް ވަންދެން ވަޓްސްއެޕް ގްރޫޕުގައި ވެސް ކުރި އެވެ.

"ހަމަ ކިސަޑުގަނޑު ލޮލަށް ފެންނަން އޮއްވާ ބުނަންވީ ކިސަޑު ހުރީ އެކްސެޕްޓަބްލް ލެވެލްގައޭ. އަޅުގަނޑު ބުނީ އީޕީއޭ އިން ގޮސް ޑޭޓާ ނަގާފައި ނޫނީ އެއްޗެއް ނުބުނާނަމޭ،" ނައީމް ވިދާޅުވި އެވެ.

އީޕީއޭގެ ކަންކަމާ ގުޅިގެން އެ އެޖެންސީގެ ވެރިންނަށް އިރުޝާދާއި ލަފާ ދިނުމަށް ކަނޑައަޅާފައިވާ ސިޔާސީ އިސް ބޭފުޅެއް ކަމަށްވާ ނަސީރުގެ އިތުރުން އެ ގްރޫޕުގައި މިނިސްޓަރު ޑރ. ހުސެއިން ރަޝީދާއި ޕީއެސް އަޖުވަދާއި އީޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ޑރ. އިބްރާހީމް މުހައްމަދާއި އީޕީއޭގެ އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު ހަމްދާން ޒުހައިރު ވެސް ތިއްބެވި އެވެ.

ގުޅީފަޅަށް ކޮމާޝަލް ޕޯޓު ބަދަލުކުރުމުގެ މަސައްކަތަށް، އެ ފަޅުން ބޮޑު ސަރަހައްދެއް ހިއްކަން ފެށުމާ އެކު ވިލިމާލޭ ފަރާއި ފަޅުތެރެއަށް ވަރަށް ބޮޑަށް ކިސަޑު ފެތުރެން ވަނީ ފަށައިފަ އެވެ. އެ ކިސަޑުތައް ފަރުމައްޗަށް އެޅި މުރަކަތައް މަރުވުމުގެ ބިރު ބޮޑުވެފައިވާ ކަމަށް، ތިމާވެށި ހިމާޔަތްކުރަން ހަރަކާތްތެރިވާ ފަރާތްތަކުން ބުނެ އެވެ.

ނައީމަށް އިންޒާރު ދިނީ ކިސަޑު ފައިބާ މިންވަރާ ބެހޭ މައުލޫމާތު ހާމަނުކުރައްވާނެ ކަމަށް ވިދާޅުވުމުން ކަމަށް "މިހާރު"އާ ވާހަކަ ދެއްކެވި ފަރާތުން ވިދާޅުވީ އެ ދުވަހު ކިސަޑު ހުރީ ކޮންސަލްޓަންޓް ރިޕޯޓުގައި ލަފާކުރި މިންވަރާއި އީޕީއޭއިން ކަނޑައަޅާފައިވާ މިންވަރަށް ކަމަށެވެ. އެހެންވެ އެކަމުގެ މައުލޫމާތު ހިއްސާކުރަން ޑރ. ނަސީރު އެދިވަޑައިގަތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސްޓޭޓް މިނިސްޓަރު ވިދާޅުވި އީޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އެސެސްމަންޓް ހަދައިގެން ފާސްކޮށްގެން ކުރިއަށްގެންދާ ޕްރޮޖެކްޓެއްގައި ގޯސްކޮށް ދަންޏާ އެ ކަމެއް ބަލައި ފިޔަވަޅު އަޅަން ޖެހޭނެއޭ. އެ މަޝްރޫއުގައި ވެސް އާއްމުންގެ ބޮޑު ކަންބޮޑުވުމެއް އޮތީމަ އެކަން އަމިއްލަ އިސްނެގުމަށް ބަލަން ޖެހޭނެ ކަމަށް ވިދާޅުވި،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވި އެވެ.

"ކޮންސަލްޓަންޓް ރިޕޯޓާއި އީޕީއޭއިން ކަނޑައަޅާފައި ހުރި މިންގަނޑަށް ފެތޭ ގޮތަށް އެ ދުވަހު ކިސަޑު ހުރީ. އެހެންވެ އެ މައުލޫމާތު ހާމަކުރަން އެދުނީމަ އެކަން ނުކުރާނަމޭ ނައީމް ވިދާޅުވީ،"

އޭނާ ވިދާޅުވި ގޮތުގައި، ޑްރޯން ބޭނުންކޮށްގެންނާއި އެތަނަށް ގޮސްގެން ވެސް އެކަން ބަލަން ނަސީރު ވަނީ ނައީމްގެ ކިބައިން އެދިވަޑައިގެންފަ އެވެ.

އަޖުވަދު ސޮއިކުރައްވައި ނައީމަށް ފޮނުއްވި އިންޒާރުގެ ލިޔުމުގައި ބުނެފައިވަނީ، އެއީ އީޕީއޭ ފަދަ ސަރުކާރުގެ މުހިއްމު ރެގިލޭޓަރީ މުއައްސަސާއެއްގެ ޒިންމާދާރު ވެރިއަކަށް ހުންނެވި ފަރާތެއްގެ ކިބައިން ފެނިގެންވާނެ އަމަލެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

އެހެންކަމުން ނައީމްއާ ހަވާލުކޮށްފައިވާ މަސައްކަތްތައް ފަރުވާތެރިކަމާއި ޒިންމާދާރުކަމާ އެކު ކުރުމަށާއި ވެރިންނަށް އިހުތިރާމް ކުރުމާ އެކު ވެރިން ދޭ ލަފަޔާއި އިރުޝާދު ހެޔޮ ހިތުން ބަލައިގެންނެވުމަށް ވެސް ވަނީ އަންގައިފަ އެވެ. މީގެ ފަހުން ސިވިލް ސާވިސްގެ ގަވާއިދާއި ކޯޑް އޮފް ކޮންޑަކްޓާ ހިލާފު ވެއްޖެ ނަމަ އިތުރު އިންޒާރެއް ދިނުމަކާ ނުލައި ވަޒީފާގެ ފަންތި ދަށްކުރުން ނުވަތަ ވަޒީފާ އަށް ނުކުތުން މަނާކުރުން ނުވަތަ ވަޒީފާ އިން ވަކިކުރުން ފަދަ ފިޔަވަޅެއް އެޅުމުގެ އިހުތިޔާރު ސީއެސްސީއަށް ލިބިގެންވާކަން އަންގައި އިންޒާރު ދީފައިވެ އެވެ.

އީޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރު ޑރ. އިބްރާހިމް ބުރާސްފަތި ދުވަހު "މިހާރު" އަށް ވިދާޅުވެފައިވަނީ ގުޅީފަޅު ހިއްކުމުގެ ސަބަބުން ވިލިމާލެއާ ދިމާލަށް ކިސަޑު ދާތީ އެކަން ބަލަމުން އަންނަ ކަމަށެވެ. އެކަން އެގޮތަށް ދިމާވަނީ ހިއްކުމުގެ ކުރިން އެ ސަރަހައްދުން ކިސަޑު ފެތުރުނަ ނުދިނުމަށް ހަރުކުރަން ޖެހޭ "ސިލްޓް ސްކްރީން" މިހާތަނަށް ހަރުކޮށްފައިނުވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ އެއްޗެހި ހަރުނުކުރެވެނީ، އޭނާ ވިދާޅުވި ގޮތުގައި، މޫސުން ގޯސްވުމުގެ ސަބަބުންނެވެ.