Roadha Mihaaru
ބްރިޖު ޕްލެޓްފޯމުން ފަރަށް ގެއްލުން ލިބުނުތޯ ބަލަނީ

ބްރިޖު ޕްލެޓްފޯމުން ވިލިމާލެ ފަރަށް ގެއްލުން ލިބުނުތޯ އީޕީއޭ އިން ބަލަނީ

17 އޯގަސްޓް 2022

ތިލަމާލެ ބްރިޖު ހެދުމަށް ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އިއްޔެ އަރައި ހިނގި ހާދިސާގައި، އެ ފަރަށް ގެއްލުން ލިބުނުތޯ ބަލަމުން އަންނަ ކަމަށް އެންވަޔަރުމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ތިލަމާލެ ބްރިޖު ހެދުމަށް ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އިއްޔެ އަރައި ހިނގި ހާދިސާގައި، އެ ފަރަށް ގެއްލުން ލިބުނުތޯ ބަލަމުން އަންނަ ކަމަށް އެންވަޔަރުމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ.

ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް "މިހާރު" އަށް ވިދާޅުވީ އެ ހާދިސާގައި ވިލިމާލެ ފަރަށް އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ މިހާރު ބަލަމުން އަންނަ ކަމަށެވެ. އަދި ފަރަށް ގެއްލުން ލިބިފައިވާ ނަމަ ގަވާއިދުގައި އޮންނަ ގޮތަށް ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވި އެވެ.

ވިލިމާލެ ފަރަށް އެ ޕްލެޓްފޯމް އެރީ، އޭގެ ނަގިލި ކަނޑައިގެން ގޮސްގެންނެވެ. އެ ހާދިސާގައި ތިން މީހަކަށް އަނިޔާވެ، ވިލިމާލެ ހޮސްޕިޓަލުގައި ފަރުވާ ވެސް ދިނެވެ.

އަނިޔާވި މީހުން އެންބިއުލެންސަށް އަރުވާތަން ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވި އެވެ.

އެކަމަކު ފުލުހުން ބުނީ، އެ މީހުންނަށް މާ ބޮޑު އަނިޔާއެއް ނުވާ ކަމަށެވެ.

ބްރިޖުގެ މަސައްކަތް ކުރަމުން ދާއިރު، މާލެ/ވިލިމާލެ ކަނޑުއޮޅިން ދަތުރުކުރުމަކީ މިހާރު ރައްކާތެރިކަމަށް ނުވާތީ ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އެ ސަރަހައްދުން އާންމު އުޅަނދުފަހަރު ދަތުރުކުރުން ވެސް މަނާކޮށްފަ އެވެ.

މި ސަރުކާރުގެ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅުވައިލާ ތިލަމާލެ ބްރިޖުގެ ފުރަތަމަ ތަނބުގެ ބިންގާ މި މަހު ވަނީ އަޅައިފަ އެވެ. އެ ބްރިޖުގެ މަސައްކަތަށް މާލޭގެ އިންޑަސްޓްރިއަލް ވިލެޖުން ބޮޑު ސަރަހައްދެއް ވެސް ވަނީ ބަންދުކޮށްފަ އެވެ.

އިންޑިއާގެ އެފްކޮންސް ކުންފުނިން ރާއްޖޭގައި މަސައްކަތް ފަށާފައިވާ ތިލަމާލެ ބްރިޖުގެ ފުރަތަމަ ފިޔަވަހި ކަމަށްވާ، މާލެ އާއި ވިލިމާލެ ގުޅާލުން އަންނަ އަހަރު މެދުތެރެ އަށް ނިމޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.