Roadha Mihaaru
ގުރައިދޫ މަރު: ޒަޚަމްވި ބިދޭސީ މީހާ ހައްޔަރުކޮށްފި

ގުރައިދޫ މަރު: ޒަޚަމްވެފައި އޮއްވައި ފެނުނު މީހާ ތުހުމަތަށް ހައްޔަރުކޮށްފި

30 މެއި 2020

ތ. ގުރައިދޫގައި މި މަހުގެ 21 ވަނަ ދުވަހުގެ ރޭ ބިދޭސީ އަކު މަރާލި މައްސަލައިގައި، ތަންތަން ފާސްކުރަނިކޮށް ފެނުނު ޒަޚަމްވެފައި އޮތް ބިދޭސީ މީހާ، މަރުގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ތ. ގުރައިދޫގައި މި މަހުގެ 21 ވަނަ ދުވަހުގެ ރޭ ބިދޭސީ އަކު މަރާލި މައްސަލައިގައި، ތަންތަން ފާސްކުރަނިކޮށް ފެނުނު ޒަޚަމްވެފައި އޮތް ބިދޭސީ މީހާ، މަރުގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ 22 އަހަރުގެ ބަންގްލާދޭޝް މި މިހާ ޒަހަމްވީ މަރުވި މީހާއާ މެދު ހިންގި ހަމަނުޖެހުމެއްގެ ތެރޭގައިކަން މިހާތަނަށް އެނގިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ތަހުގީގު ފުރިހަމަކުރުމަށް، މަރާ ގުޅޭ ގޮތުން ފޮރެންސިކް ހެކި ހޯދުމުގެ މަސައްކަތް ކަމަށާއި މަރުގެ ހާދިސާ ހިންގި ދުވަހުން ފެށިގެން، ޝައްކު ކުރެވޭ މީހާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ވެސް ބުންޏެވެ.

ޝާހު ސާލާމް ނަމަކަށް ކިޔާ ބަންގްލަދޭޝް މީހާ މަރާލީ ގުރައިދޫގެ ސިނާއީ ސަރަހައްދު، ކަންޑަރުގައި އޭނާ ދިރިއުޅޭ ގެ ކައިރީގަ އެވެ. އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ހަރައި ވަރަށް ބޮޑަށް ޒަހަމްކޮށްލުމުން، ގޮހޮރު ވެސް ބޭރަށް ނުކުމެފައި އޮތް ކަމަށް އެ ރަށުން ބުންޏެވެ.

އެ މަރާ ގުޅިގެން ބިދޭސީން ދިރިއުޅޭ ތަންތަން ބަލާ ފާސްކުރުމުގައި، ޒަހަމްވެފައި އޮތް އިތުރު ބިދޭސީއެއް ފެނުނެވެ. އެ ރޭ 3:00 ހާއިރު ރަށު ސިއްހީ މަރުކަޒަށް ގެންގޮސް އޭނާއަށް ފަރުވާ ދިނެވެ.

އެ ރަށުން ކުރިން ވާހަކަ ދެއްކި މީހަކު ކުރިން ބުނިގޮތުގައި ޝާހަށް ހަމަލާދިން ކަން އެނގުނީ އެ މީހާ ޒަހަމްތަކާ އެކު ގޮސް، ބިދޭސީން ދިރިއުޅޭ އެހެން ގެއެއްގެ ދޮރުގައި ޖެހުމުންނެވެ.

ކަންޑަރުގައި، ދަނޑުވެރިކަމާއި މަސްކެއްކުން ފަދަ ކަންކަމުގައި ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅެވެ. އެކަމަކު މަރުވި މީހާ އާއި ކުށުގެ ތުހުމަތަށް ހައްޔަރުކުރި މީހާ އަކީ އެކުގައި މަސައްކަތް ކުރާ ދެ މީހުންނެއް ނޫނެވެ.