Roadha Mihaaru
މަރުގެ ތުހުމަތު ކުރެވޭ ނިޒާމްގެ ބަންދަށް ދެ މަސް

މަރުގެ ތުހުމަތު ކުރެވޭ ނިޒާމްގެ ބަންދަށް ދެ މަސް ދީފި

04 ޖެނުއަރީ 2023

ބިދޭސީއެއްގެ މަރުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މުހައްމަދު ނިޒާމް 60 ދުވަހަށް ބަންދު ކުރަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ބިދޭސީއެއްގެ މަރުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މުހައްމަދު ނިޒާމް 60 ދުވަހަށް ބަންދު ކުރަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ތެޔޮ ބޯޓެއްގައި ވިލިމާލެއިން ފުރި، ގދ. ތިނަދޫ މަނާރު، މުހައްމަދު ނިޒާމް، 45، އާއި ބަންގުލަދޭޝްގެ މުހައްމަދު ލިޓަން، 35، ކަނޑުމައްޗަށް ގެއްލިގެން ރިޕޯޓު ކުރީ ޖެހިގެން އައި ދުވަހު އެވެ.

އެ ދެ މީހުން ހޯދަމުން ދަނިކޮށް ސޯޝަލް މީޑިއާގައި މީހަކު އާންމު ކުރި ފޮޓޯއަކުން އެނގުނީ ނިޒާމް މާލޭގައި ހުރި ކަމެވެ. ނިޒާމް ފެނުނުކަން ފުލުހުން ކަށަވަރުކޮށްދިންތާ އިރުކޮޅެއްގެ ތެރޭގައި، ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވާކަން ވެސް ފުލުހުން ހާމަ ކުރި އެވެ. ފުލުހުން ބުނި ގޮތުގައި އޭނާގެ މައްޗަށް ކުރަނީ މީހަކު މަރާލުމުގެ ތުހުމަތެވެ.

ނިޒާމް އިއްޔެ ހައްޔަރުކުރުމަށްފަހު، ބަންދުގެ މުއްދަތު ޖަހަން މިއަދު ވަނީ ކްރިމިނަލް ކޯޓަށް ގެންގޮސްފަ އެވެ.

ފުލުހުން މިއަދު "މިހާރު"އަށް ބުނީ، އެ ކޯޓުން އޭނާގެ ބަންދަށް 60 ދުވަސް ޖަހައިދީފައިވާ ކަމަށެވެ.

ނިޒާމް ހޯދަމުން ދަނިކޮށް މިދިޔަ ހޯމަ ދުވަހު އާންމުންގެ މީހަކަށް އޭނާ ފެނުނީ މާލޭގެ ކޮފީ ޝޮޕެއްގައި ހުއްޓަ އެވެ. އަދި އެ ދުވަހު އޭނާގެ ފޮޓޯ ސޯޝަލް މީޑިއާގައި ވެސް އާންމު ކުރި އެވެ. އެއާއެކު ބައެއް މީހުން ފުލުހުންނަށް ފާޑުކި އިރު، ކަނޑުމަތިން ގެއްލުނު މީހަކު މާލެއިއިން ފެނުނުމުން ބައެއް މީހުން ސުވާލު އުފެއްދި އެވެ.

އޭގެ އަނެއް ދުވަހު ފުލުހުން ބުނީ އޭނާ ފެނުނީ ގެސްޓް ހައުސްއެއްގައި ހުއްޓާ ކަމަށެވެ. އޭނާ ފެނުނުތާ އިރުކޮޅެއް ފަހުން ކޯޓު އަމުރު ހަވާލުކޮށް ހައްޔަރު ކުރި އެވެ.

ކޮފީ ޝޮޕުން އޭނާ ފެނުނު މީހާ ޓްވިޓާގައި ބުނެފައިވާ ގޮތުގައި، އޭނާ ގާތުގައި ނިޒާމް ބުނީ ފުލުހަށް ދިޔަ ކަމަށާއި ފުލުހުން އޭނާ ނުހޯދާ ކަމަށެވެ. އެކަމަކު، އެނގިފައިވާ ގޮތުގައި އޭނާ ފުލުހުންގެ އިދާރާއަށް ނުދެ އެވެ.

ނިޒާމް އާއި ލިޓަން ގެއްލިގެން ފުލުހުން މާލެ ވެސް ބަލަމުންދިޔަ ކަމަށް ކުރިން ބުންޏެވެ. އެކަމަކު، ސަބަބެއް ނުބުނެ އެވެ.

ލިޓަންއަށް ވީ ގޮތެއް އަދިވެސް ނޭނގޭ އިރު، ވ. އަތޮޅު ވެންފަރު ކައިރިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ހޯމަ ދުވަހު ފެނިފައިވެ އެވެ. އެކަމަކު، އެ މަރުވެފައި އޮއްވާ ފެނުނީ ކާކު ކަމެއް އެއްވެސް އިދާރާއަކުން އަދި ބުނެފައި ނުވެ އެވެ.

ނިޒާމް އާއި ލިޓަން ދަތުރު ކުރި ބޯޓު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ފެނިފަ އެވެ. އެ ބޯޓު ފެނުނީ ހުޅުލެ ކައިރިން އޮޔާދަނިކޮށެވެ.