Roadha Mihaaru
ނޭފަތުން ބްލެކްހެޑްސް ނައްތާލަން ފަސޭހަ ގޮތެއް

ނޭފަތުން ބްލެކްހެޑްސް ނައްތާލަން ފަސޭހަ ގޮތެއް

01 ޖޫން 2020

މޫނު ރީތިކޮށް ބަހަންޓަން ކޮންމެ މީހަކު ވެސް ބޭނުންވާނެ އެވެ. ލޯކައިރި ކަޅުވެފައި ހުރުމާއި ނޭފަތުގައި ބްލެކްހެޑްސް ނުވަތަ ކަޅުތިކިތަކެއް ހުރުމަކީ ހަމަ މޫނުމަތީގެ ރީތިކަމާއި އުޖާލާކަން ގެއްލުވައިލާނެ ކަމެކެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މޫނު ރީތިކޮށް ބަހަންޓަން ކޮންމެ މީހަކު ވެސް ބޭނުންވާނެ އެވެ. ލޯކައިރި ކަޅުވެފައި ހުރުމާއި ނޭފަތުގައި ބްލެކްހެޑްސް ނުވަތަ ކަޅުތިކިތަކެއް ހުރުމަކީ ހަމަ މޫނުމަތީގެ ރީތިކަމާއި އުޖާލާކަން ގެއްލުވައިލާނެ ކަމެކެވެ.

ލޯ ކައިރި ކަޅުވާނަމަ ކިއުކަމްބާ އިން ހައްލު ހޯދިދާނެ އެވެ. ހަމަ އެގޮތަށް ނޭފަތް މަތީގައި ހުންނަ ކަޅުތިކިތަކުން ވެސް ސަލާމަތްވާން ވެސް ފަސޭހަ ގޮތްތަކެއް އެބަހުއްޓެވެ. އެގޮތުން ކޮފީ އަކީ މިކަމަށް ބޭނުން ކުރެވިދާނެ މުހިއްމު އެއްޗެކެވެ. މާ ބޮޑު މަސައްކަތަކާ ނުލައި ތައްޔާރުކުރާ ޕޭސްޓަކުން ބްލެޑްހެޑްސް ނައްތައިލެވިދާނެ އެވެ.

* ބޭނުންވާ ތަކެތި:

2 ސައިސަމުސާ ކޮފީ

ލުނބޯ ފަޅިއެއްގެ ހުތް

1 ސައިސަމުސާ ކާށިތެޔޮ

1/2 ތަށީގެ ޔޯގަޓް

* ތައްޔާރުކުރާނެ ގޮތާއި ބޭނުންކުރާނެ ގޮތް:

ހުރިހާ އެއްޗެއް ޖޯޑަކަށް ނުވަތަ ބޯތައްޓަކަށް އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ.

ދެން ނޭފަތުގައި އުނގުޅާށެވެ. އުނގުޅާފައި 10 ވަރަކަށް މިނިޓް ވަންދެން ބަހައްޓަން ވާނެ އެވެ. އަދި އެ ވަގުތުކޮޅުގެ ތެރޭގައި ޕޭސްޓްގަނޑު ހިކެން ފެށުމުން މަޑުމަޑުން އިނގިލިކުރިން ވަށްބުރު ބައްޓަމަށް އުނގުޅަން ވާނެ އެވެ. ދެން 10 މިނިޓް ހަމަވުމުން ރަނގަޅަށް ދޮވެލާފައި ނޭފަތުގައި މޮއިސްޗަރައިޒާކޮޅެއް އުނގުޅައިލާށެވެ.

* ފައިދާތައް:

މި ކިޔައިދިން ގޮތަށް ހެދުމުން، ނޭފަތް މަތީގައި މަރުވެފައި ހުންނަ ހަމުގެ އެތިކޮޅުތައް ނެއްޓި، ނޭފަތުގެ ހަންގަނޑު ތާޒާވެ، މުޅި މޫނަށް ރީތިކަން ގެނުވައިދޭނެ އެވެ. ކޮފީ އާއި ލުނބޯހުތް އެކުވުމަކީ ހަންގަނޑު މަތީ ފަށަލައިގެ ވިދުމާއި ފަރިކަން ގެނެސްދޭނެ ކަމެކެވެ. އަދި މީގައި މި ބޭނުންކުރާ ކާށިތެލާއި ޔޯގަޓްގެ ސަބަބުން، ހަންގަނޑުގައި ހިކިފައި ހުންނަ ތަންތަން މަޑުކޮށްދޭނެ އެވެ.

މިއީ ބްލެޑްހެޑްސް ނައްތައިލުމުގެ އިތުރަށް ހަށިގަނޑުގެ އެހެން ތަންތަނުގައި ވެސް ބޭނުންކޮށްލެވިދާނެ ޕޭސްޓެކެވެ. އޭރުން ހަމުގެ ރީތިކަން އިތުރުކޮށްދޭނެ އެވެެ.