Roadha Mihaaru
މިސް ޔުނިވާސްގެ މަގާމު އިންޑިއާގެ ހަރްނާޒަށް

މިސް ޔުނިވާސްގެ މަގާމު އިންޑިއާގެ ހަރްނާޒަށް

13 ޑިސެމްބަރ 2021

މި އަހަރުގެ މިސް ޔުނިވާސްގެ ތާޖު، އިންޑިއާ އިން މުބާރާތުގައި ވާދަކުރި ހަރްނާޒް ސަންދޫ އަށް ލިބިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރުގެ މިސް ޔުނިވާސްގެ ތާޖު، އިންޑިއާ އިން މުބާރާތުގައި ވާދަކުރި ހަރްނާޒް ސަންދޫ އަށް ލިބިއްޖެ އެވެ.

އާދީއްތަ ދުވަހުގެ ރޭ އިޒްރޭލުގައި ބޭއްވި ކުލަގަދަ ހަފުލާގައި އޭނާގެ ބޮލުގައި މިސް ޔުނިވާސްގެ ތާޖު އަޅުވައިދިނީ މި މިދިޔަ އަހަރު އެ މަގާމު ލިބުނު މެކްސިކޯގެ އެންޑްރިއާ މީޒާ އެވެ.

އިންޑިއާގެ ޗަންދީގަޅަށް އުފަން ހަރުނާޒް، 21، އަށް މިސް ޔުނިވާސްގެ މަގާމު ލިބުނުއިރު މުބާރާތުގެ ދެވަނަ އަކީ ޕެރަގުއޭގެ ނަޑިއާ ފެރޭރާ އެވެ. ތިން ވަނަ އަކީ ދެކުނު އެފްރިކާގެ ލަލޭލާ އެމްސްވާނޭ އެވެ،

މުބާރާތުގައި 80 ގައުމަކުން ރީތީގެ ރާނީން ވާދަކުރި، 70 ވަނަ މިސް ޔުނިވާސް މުބާރާތުގައި އިންޑިއާ ވިދައިލި އިރު، އެ ގައުމަކީ ކުރިން ވެސް މިސް ޔުނިވާސްގެ ޓައިޓްލް ހޯދާފައިވާ ގައުމެކެވެ. ބަތަލާ ސުޝްމިތާ ސެން، 46، އަކީ 1994 ގެ މިސް ޔުނިވާސް އެވެ. އަދި ބަތަލާ ލާރާ ދައްތާ، 43، އަކީ 2000 ވަނަ އަހަރުގެ މިސް ޔުނިވާސް އެވެ.

އެ ދެ މީހުން މިސް ޔުނިވާސްގެ މަގާމު ހޯދި އަހަރުތަކުގައި މިސް ވޯލްޑްގެ ޓައިޓްލް ވެސް ގެންދިޔައީ އިންޑިއާ އެވެ. އެގޮތުން 1994 ގެ މިސް ވޯލްޑަކީ އައިޝްވާރިއާ ރާއީ، 48، އެވެ. ދެހާސް ވަނަ އަހަރުގެ މިސް ވޯލްޑަކީ ޕްރިޔަންކާ ޗޯޕްރާ، 39، އެވެ.

އޭގެ އިތުރުން ވެސް އިންޑިއާގެ ރީތީގެ ރާނީން މިސް ވޯލްޑްގެ ތާޖު ހާސިލުކޮށްފައިވެ އެވެ. އެންމެ ފަހުން މިސް ވޯލްޑްގެ ތާޖު އެ ގައުމަށް ހޯދައި ދިނީ އަންނަަ އަހަރު ރިލީޒްކުރާ އަކްޝޭ ކުމާރުގެ ފިލްމު "ޕްރިތުވީރާޖް" ގެ ބަތަލާގެ ރޯލުން ބޮލީވުޑަށް ނުކުންނަ މަނޫޝީ ޗިލާރް އެވެ. އޭނާ އަށް މިސް ވޯލްޑްގެ މަގާމު ލިބުނީ 2017 ގަ އެވެ.