Roadha Mihaaru
ޑިޖިޓަލްކޮށް ފިލްމު ރިލީޒްކުރުން ގޯހެއްނޫން: އަމީތާބް

ފިލްމުތައް ޑިޖިޓަލްކޮށް ރިލީޒްކުރުމަކީ މައްސަލައެއް ނޫން: އަމީތާބް

01 ޖޫން 2020

ފިލްމުތައް، ސިނަމާތަކުގެ ބަދަލުގައި ޑިޖިޓަލްކޮށް ރިލިޒްކުރުމަކީ މައްސަލައެއް ނޫން ކަމަށާއި ކުރަންވީ ކަމަކީ އާ ބަދަލުތަކަށް މަރުހަބާކިޔުން ކަމަށް އެކްޓަރު އަމީތާބް ބައްޗަން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފިލްމުތައް، ސިނަމާތަކުގެ ބަދަލުގައި ޑިޖިޓަލްކޮށް ރިލިޒްކުރުމަކީ މައްސަލައެއް ނޫން ކަމަށާއި ކުރަންވީ ކަމަކީ އާ ބަދަލުތަކަށް މަރުހަބާކިޔުން ކަމަށް އެކްޓަރު އަމީތާބް ބައްޗަން ބުނެފި އެވެ.

ކޮރޯނާވައިރަހާ ހެދި އިންޑިއާގައި އިއުލާންކުރި ލޮކްޑައުނާ އެކު ސިނަމާތައް ބަންދުކޮށް، އަލުން ހުޅުވޭނެ އިރެއް ވެސް ނޭނގޭތީ އަމީތާބްގެ ކުރިއަށް އޮތް ފިލްމު "ގުލާބޯ ސިތާބޯ" އަކީ ޑިޖިޓަލްކޮށް ރިލިޒްކުރަން ނިންމި ބޮލީވުޑްގެ ފުރަތަމަ ބޮޑު ފިލްމެވެ.

އަޔޫޝްމަން ކުރާނާ ވެސް މުހިއްމު ރޯލެއް ކުޅެ، ޝުޖިތު ސިރްކާ ޑައިރެކްޓްކޮށްފައިވާ ފިލްމު އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރިމިއާކުރަން ހަމަޖެހިފައި ވަނީ މި މަހުގެ 12 ވަނަ ދުވަހު އެވެ.

ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި އަމީތާބް، 77، ބުނީ ޑިޖިޓަލްކޮށް ފިލްމުތައް ރިލީޒްކުރުމަށް ފާޑުކިޔައި، އެކަމާ ދެކޮޅަށް ބަހުސްކުރުމަށް ވުރެ ރަނގަޅީ އާ ބަދަލުތަކަށް މަރުހަބާ ކިޔައި، އެކަންކަން ހެޔޮހިތުން ބަލައިގަތުން ކަމަށެވެ.

"އަހަރެންގެ ފަންސާސް އެއް އަހަރުވީ ކެރިއަރުގައި އެތައް ބަދަލެއް ތަޖުރިބާ ކޮށްފިން. އެހެންވީމާ އަހަންނަކަށް މައްސަލައެއް ނޫން ފިލްމުތައް ތިއޭޓަރުގައި ނާޅުވައި ޑިޖިޓަލްކޮށް ރިލީޒްކުރުން ވެސް،" އަމީތާބް ބުންޏެވެ. "އަސްލު އަހަރެމެން ކުރަންވީ ކަމަކީ އާ ބަދަލުތަކަށް ހޭނި ފަރިތަވާންވީ."

އޭނާ ބުނި ގޮތުގައި ސިނަމާ އަށް މިހާތަނަށް އެތައް ބަދަލެއް، އެތައް ގޮތަކުން އަތުވެއްޖެ އެވެ. ކުރިން ކަޅާއި ހުދުން ފިލްމުތައް ހެދި ޒަމާން މާޒީވެ، ކުލައިގެ ޖާދޫ ސްކްރީނަށް އައުމަކީ ހަމަ ވަރަށް ބޮޑު ބަދަލެއް ކަމަށް ބުންޏެވެ.

"ފިލްމުތަކުގެ ސައުންޑުން ފެށިގެން ގޮސް ސިންގަލް ސްކްރީންތަކުން މަލްޓިޕްލެކްސްތަކަށް ބަދަލުވުން ފަދަ އެތައް ބަދަލެއް އަހަރެމެންނަށް ފެނިއްޖެ. ކުރިން ފިލްމު ސެޓްތަކުގައި ހުސް ފަޔާއުޅުމާއި ސޯޓްބުރި އާއި ޕިޖާމާއާ ލައިގެން މަސައްކަތްކުރި ދުވަސް ވެސް މާޒީވެ ހިނގައްޖެ،" އަމީތާބް ބުންޏެވެ. "މިހާރު ކޮންމެ މީހަކީ ޖީންސް ލައިގެން ސްނީކާޒަށް އަރައިގެން ތިބޭ މީހުން. އެހެންވީމަ މިކަހަލަ ބަދަލުތަކަށް އަހަރެމެން ފުރަގަސް ދޭންވީތަ؟ ހަމަ ގައިމު ވެސް އަހަރެން އެކަމެއް ނުކުރާނަން."

"ގުލާބޯ ސިތާބޯ" ވެގެން ދާނީ އަމީތާބްގެ ފިލްމީ ކެރިއަރުގައި އޭނާ ކުޅުނު ފީޗާ ފިލްމެއް ސިނަމާގެ ބަދަލުގައި ޑިޖިޓަލްކޮށް ރިލީޒްކުރާ ފުރަތަމަ ފަހަރަށެވެ. ރިޕޯޓްތައް ބުނާގޮތުން އަމީތާބްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރެއިން "ޗެހެރޭ" އަކީ ވެސް ޑިޖިޓަލްކޮށް ރިލީޒްކޮށްފާނެ ފިލްމެކެވެ.

ފިލްމުތައް ޑިޖިޓަލްކޮށް ރިލީޒްކުރަން ބައެއް ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުން ނިންމަމުންދާތީ ސިނަމާތައް ހިންގާ މީހުންނާއި ޑިސްޓްރިބިއުޓަރުން ދަނީ މިކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.