Roadha Mihaaru
"ޗަންދީގަޅް ކަރޭ އާޝިގީ" ވަރަށް ކަމުގޮސްފި

"ޗަންދީގަޅް ކަރޭ އާޝިގީ" ވަރަށް ކަމުގޮސްފި

11 ޑިސެމްބަރ 2021

އެކްޓަރު އަޔޫޝްމަން ކްރާނާގެ ފިލްމެއް ނަމަ އޭގެ ކޮންޓެންޓް ތަފާތުވެފައި އާވާނެކަން ބެލުންތެރިން މިހާރު ޔަގީންކުރެ އެވެ. މިއަދު ރިލީޒްކުރި އޭނާގެ އާ ފިލްމު "ޗަންދީގަޅް ކަރޭ އާޝިގީ" އަކީ ވެސް ހަމަ އެހާ ތަފާތު އެއްޗެކެވެ. މީގެ އަސްލު ޕްލޮޓަކީ ޓްރާންސްޖެންޑާ އަންހެނަކާ ހިތާވެވޭ ފިރިހެނެއް ވާހަކަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެކްޓަރު އަޔޫޝްމަން ކްރާނާގެ ފިލްމެއް ނަމަ އޭގެ ކޮންޓެންޓް ތަފާތުވެފައި އާވާނެކަން ބެލުންތެރިން މިހާރު ޔަގީންކުރެ އެވެ. މިއަދު ރިލީޒްކުރި އޭނާގެ އާ ފިލްމު "ޗަންދީގަޅް ކަރޭ އާޝިގީ" އަކީ ވެސް ހަމަ އެހާ ތަފާތު އެއްޗެކެވެ. މީގެ އަސްލު ޕްލޮޓަކީ ޓްރާންސްޖެންޑާ އަންހެނަކާ ހިތާވެވޭ ފިރިހެނެއް ވާހަކަ އެވެ.

މި ފިލްމަކީ ބެލުންތެރިންނަށް ވަރަށް ކަމުދިޔަ ފިލްމުތަކެއް ކަމަށްވާ "ކައި ޕޯ ޗޭ" އާއި "ރޮކް އޯން" ގެނެސްދިން އަބީޝެކް ކަޕޫރެވެ. "ޗަންދީގަޅް ކަރޭ އާޝިގީ" އަކީ ނާކާމިޔާބު ބޮޑީ ބިލްޑަރު މަނިންދަރު (މަނޫ) މުންޖާލް (އަޔޫޝްމަން) އާއި މާންވީ ބްރާރް (ވާނީ ކަޕޫރް) ގެ ލޯބީގެ ވާހަކައެކެވެ.

ދެ ފަހަރެއްގެ މަތިން ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށްގެން ނާކާމިޔާބާ ކުރިމަތިލާން ޖެހުނު މަނޫ އަކީ އަމިއްލަ ގޭގައި ޖިމެއް ހިންގާ ޖިމް ޓްރެއިނަރެކެވެ. އާއިލާގެ މީހުން އެދެނީ އޭނާ ބައިވެރިޔަކު ހޯދައިގެން ވީހާ ވެސް އަވަހަށް ކައިވެނި ކުރާށެވެ. އެކަމަކު އެ ހިޔާލާ މަނޫ ވަރަށް ދެކޮޅެވެ. އެހެން އުޅުމުގެ ތެރޭގައި އޭނާގެ ޖިމްގެ ހުސްކޮށް ހުރި ތަނަކަށް ކުއްޔަށް އަންނަނީ މާންވީ އެވެ. އެއީ ޒުމްބާ އިންސްޓްރަކްޓަރެވެ.

މަނޫ އާއި މާންވީއާ ދެމެދު ހާއްސަ ގުޅުމެއް އުފެދެނީ އެ ހިސާބުންނެވެ. އެއާ އެކު މާންވީގެ ހަގީގަތް މުޅިން ނޭނގި، އޭނާ އަށް އެއްކޮށް ހިތްދެވި، މަނޫ ކައިވެނި ހުށަހަޅަ އެވެ. މާންވީގެ އަސްލު އެނގޭ ހިސާބަކީ އެއީ އެވެ. "ޗަންދީގަލް ކަރޭ އާޝިގީ" ވާހަކަ ދެން ދެމިގެން ދަނީ މާންވީ އަކީ ޖިންސް ބަދަލުކޮށްފައިވާ މީހެއްކަން އެނގުމުން ދިމާވާ ކަންތައްތަކާ އެކީގަ އެވެ.

މަޝްހޫރު ފިލްމު ކްރިޓިކް ތަރަން އަދާޝް ބުނި ގޮތުގައި މި ފިލްމުގެ ޕްލޮޓް ތާޒާވެފައި، ޝައުގުވެރިކަން ވަރަށް ބޮޑެވެ. އޭނާ ފާހަގަކުރި ގޮތުގައި ސުޕަރްތިކް ސެން އާއި ތުޝާރް ޕަރަންޕްޖޭގެ ސްކްރީންޕްލޭ އޮތީ ޝައުގުން ފުރިގެންވާ ގޮތަށް އަދި ކޮމާޝަލް ރަހަތަކާ އެކު ހެޔޮވަރުކޮށްފަ އެވެ. އެއާ އެކު އަބީޝެކްގެ ޑައިރެކްޝަން އޮމާންވެފައި ޗާލުކަމުން "ޗަންދީގަޅް ކަރޭ އާޝިގީ" އަކީ ފޫހިކަމެއް ނެތި އޭގެ ތެރެއަށް ބެލުންތެރިން ގެންގޮސްދޭ ކަހަލަ ފިލްމެއް ކަމަށް ތަރަން ބުންޏެވެ.

އޭނާ ބުނި ގޮތުގައި މީގެ އެންމެ ބޮޑު އެއް ހައިލައިޓަކީ ލީޑް ދެ ތަރިންގެ އެކްޓިން ވަރަށް ވެސް ފުރިހަމަވުމެވެ. ތަރަން ބުނީ ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ އަޔޫޝްމަނަކީ އަބަދު ވެސް އޭނަގެ ފިލްމުތަކަށް ސަތޭކަ ޕަސެންޓްދޭ އެކްޓަރަކަށްވާތީ "ޗަންދީގަޅް ކޭ އާޝިގީ" އަކީ ވެސް އިސްތިސްނާއެެއް ނޫން ކަމަށެވެ. އަޔޫޝްމަންގެ އެކްޓިން ފުރިހަމަވުމާ އެކު ވާނީ އަކީ ފިލްމުގެ އެންމެ ބޮޑު އެއް ދިރުމެވެ. އޭނާ ކުޅުނު ޓްރާންސްޖެންޑާ ކެރެކްޓާ އަކީ ބޮލީވުޑްގެ ބަތަލާ އިން އާންމުކޮށް ކުޅެން ފަސްޖެހޭ ކަހަލަ ރޯލެއް ނަމަވެސް، ވާނީގެ ވިދުން މި ފިލްމާ އެކު ވަރަށް ގަދަވާނެ ކަމަށް ވެސް ތަރަން ބުންޏެވެ.

އޭނާ ބުނީ މި ފިލްމަކީ ވާނީ މިހާތަނަށް ކުޅުނު ފިލްމުތަކުގެ ތެރެއިން އޭނާގެ ވާހަކަ އެންމެ ބޮޑަށް ދެކެވޭނެ ފިލްމު ކަމަށެވެ. "ޗަންދީގަޅް ކަރޭ އާޝިގީ" ގެ ވާހަކަ، ވާހަކައަކަށް ވަނީ އަސްލު އޭނަގެ ކެރެކްޓާގެ ސަބަބުންނެވެ. މި ފިލްމަކީ މި އަހަރު ރިލީޒްވި ވާނީގެ ދެވަނަ ފިލްމެވެ. މި އަހަރު ރިލީޒްކުރި އަކްޝޭ ކުމާރުގެ "ބެލް ބޮޓަމް" ގައި އަކްޝޭގެ އަންހެނުންގެ ރޯލު ވާނީ ކުޅެފައިވެ އެވެ. [ވާނީ މިހާތަނަށް ބޮޑަށް ފެނިފައި ހުރީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ފިލްމުތަކުންންނެވެ.

ތަރަން ބުނީ ޖުމްލަކޮށް "ޗަންދީގަޅް ކަރޭ އާޝިގީ" އަކީ ފުރިހަމަ އަދި ރީތި ފިލްމެއް ކަމަށެވެ. އެހެންވެ މި ފިލްމު ބަލަން ރެކޮމެންޑްކުރަމުން ފަހަކުން ހަތަރު ތަރީގެ ރޭޓިންއެއް ދީފައިވެ އެވެ.