Roadha Mihaaru
ޑރ. މޫސަ ކޮވިޑަށް ޕޮޒިޓިވްވި ވާހަކައަކީ ދޮގެއް

ޑރ. މޫސަ ކޮވިޑަށް ޕޮޒިޓިވްވި ކަމަށް ފެތުރީ ދޮގެއް

01 ޖޫން 2020

ކޮވިޑް-19ގެ ފަރުވާ ޓީމުގައި ހަރަކާތްތެރިވެވަޑައިގަންނަވާ އައިޖީއެމްއެޗުގެ ނެޝަނަލް ރެސްޕިރޭޓަރީ ޑިޕާޓްމެންޓުގެ ހެޑް، ޑރ. މޫސާ ހުސެއިން ބައްޔަށް ޕޮޒިޓިވްވި ކަމަށް ފެތުރި ވާހަކަ އޭނާ މިރޭ ދޮގު ކުރައްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކޮވިޑް-19ގެ ފަރުވާ ޓީމުގައި ހަރަކާތްތެރިވެވަޑައިގަންނަވާ އައިޖީއެމްއެޗުގެ ނެޝަނަލް ރެސްޕިރޭޓަރީ ޑިޕާޓްމެންޓުގެ ހެޑް، ޑރ. މޫސާ ހުސެއިން ބައްޔަށް ޕޮޒިޓިވްވި ކަމަށް ފެތުރި ވާހަކަ އޭނާ މިރޭ ދޮގު ކުރައްވައިފި އެވެ.

ސޯޝަލްމީޑިއާގައި ވާހަކަ ފެތުރި ގޮތުގައި، އޭނާ ކޮވިޑަށް ޕޮޒިޓިވްވި ކަން އެނގުނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހެދި އެންޓިބޮޑީ ޓެސްޓުންނެވެ. އޭރު ބަލިން ރަނގަޅުވެފައިވާ ކަމަށް ވެސް އޭނާގެ ފޮޓޯއާ އެކު ޓުވިޓާ އާއި ފޭސްބުކްގައި އާއްމުކުރި ޕޯސްޓުތަކުގައި ބުންޏެވެ.

މޫސަ "މިހާރު" އަށް ވިދާޅުވީ އެއީ ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ. އެންޓިބޮޑީ ޓެސްޓެއް އަދި ކޮވިޑް ޓެސްޓެއް ވެސް އޭނާ ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

އެކަމަކު، ސޯޝަލްމީޑިއާގައި އެގޮތަށް ވާހަކަ ފެތުރުމުން، ކަންބޮޑުވުންތަކާ އެކު ގިނަ ބައެއްގެ ކޯލްތަކާއި މެސެޖްތައް ލިބިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

ކޮވިޑަށް ފަރުވާ ދޭ އައިޖީއެމްއެޗުގެ ޑޮކްޓަރުންނާއި ނަރުހުންނާއި އެހެންވެސް ޚިދުމަތްތެރިން ބަލި މީހުންނާ ކުރިމަތިލަނީ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓްސްއާ އެކު ރައްކާތެރިކަމުގެ ފިޔަޅުތަކަށް ސަމާލުކަން ދީގެންނެވެ. އެކަމަކު ވެސް އެންމެ އިސް ސަފުގައި މަސައްކަތްކުރާތީ ބަލި ޖެހުމުގެ ފުރުސަތު އޮވެ އެވެ.

މޫސަ ކުރިން "މިހާރު"އަށް ދެއްވި އިންޓަވިއުއްގައި ވިދާޅުވެފައިވާ ގޮތުގައި ފަރުވާގައި އުޅޭ އެންމެން ކޮންމެ ދުވަހަކު ކޮވިޑަށް ޓެސްޓެއް ނުކުރެ އެވެ. އެކަމަކު ބަލީގެ އެއްވެސް އަލާމާތެއް ހަށިގަނޑުގައި ހުރިތޯ އަމިއްލަ އަށް ޑޮކްޓަރުންނާއި ނަރުހުން އަދި އެހެން ސްޓާފުން ވެސް ބަލާނެ ކަމަށް ވިދާޅުވި އެވެ. އެއްވެސް ނިޝާނެއް ފެނިއްޖެ ނަމަ، ދެން އަމަލުކުރަން އޮންނަ އުސޫލުން ކަރަންޓީނަށް ދާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ.

ފަރުވާގައި އުޅުނު އައިޖީއެމްއެޗުގެ 22 އަށް ވުރެން ގިނަ ނަރުހުން ކަރަންޓީން ކުރި އެވެ. ކަރަންޓީންގެ މުއްދަތު ހަމަވުމުން ބައެއް ނަރުހުން އެނބުރި ވަޒީފާ އަށް ވެސް ވަނީ ނުކުމެފަ އެވެ. އައިޖީއެމްއެޗުގެ ޑޮކްޓަރުންނާއި ނަރުހުން ބައްޔަށް ހުށަހެޅުމުގެ ފުރުސަތު އޮތުމުން އާއިލާތަކާ ވަކިން އެކޮމެޑޭޝަން ވެސް އަންނަނީ ހަމަޖައްސަމުންނެވެ.

ރާއްޖެ އިން ކޮވިޑަށް މިހާތަނަށް 1،700 އަށް ވުރެން ގިނަ މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. މި ބަލީގައި ހަ މީހަކު ވަނީ މަރުވެފަ އެވެ.