Roadha Mihaaru
ޑެލިވަރީގެ ހިދުމަތް ލިބޭނީ ރޭގަނޑު 11އާ ހަމައަށް

ޑެލިވަރީގެ ހިދުމަތް ދެން ލިބޭނީ ރޭގަނޑު 11އާ ހަމައަށް

02 ޖޫން 2020

މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގައި ދެން ޑެލިވަރީގެ ހިދުމަތް ލިބޭނީ ކޮންމެ ދުވަހެއްގެ ރޭގަނޑު 11:00އާ ހަމައަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގައި ދެން ޑެލިވަރީގެ ހިދުމަތް ލިބޭނީ ކޮންމެ ދުވަހެއްގެ ރޭގަނޑު 11:00އާ ހަމައަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުން އަށް ސަރުކާރުން ލުއިތަކެއް ދިނުމާ ގުޅިގެން އާއްމުންނަށް ވިޔަފާރި ކުރެވޭ ގަޑިތަކާއި ޑެލިވަރީ ކޮށްދޭ ވަގުތުތަކަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބަދަލުތައް ގެނެސްފަ އެވެ.

އެ މިނިސްޓްރީން އިއްޔެ ނެރުނު އިއުލާނުގައި ބުނީ ފުލުހުން މެދުވެރިކޮށް ވިޔަފާރި ކުރުމަށް ހުއްދަ ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ކަސްޓަމަރުންނަށް ހުޅުވާލައިގެން ވިޔަފާރި ކުރެވޭނީ ހެނދުނު 9:00 އިން ރޭގަނޑު 9:00 އަށް ކަމަށެވެ. އަދި ސައި ހޮޓާތަކާއި ކެފޭ، ރެސްޓޯރެންޓާއި ކެންޓީންތައް ފަދަ ކާބޯތަކެތި ތައްޔާރު ކުރާ ތަންތަނާއި އޮންލައިންކޮށް ވިޔަފާރި ކުރެވޭ ތަންތަނުން ޑެލިވަރީގެ ހިދުމަތް ދެވޭނީ ހެނދުނު 9:00 ރޭގަނޑު 11:00އަށް ކަމަށް އެ އިއުލާނުގައި ވަނީ ބުނެފަ އެވެ.

މި އިއުލާނަށް އިއްޔެއިން ފެށިގެން އަމަލު ކުރަން ފަށާއިފައިވާއިރު އެޗްޕީއޭއިން ނުވަތަ އެ މިނިސްޓްރީން ވަކި ގޮތެއް ނިންމަންދެން އިއުލާނަށް އަމަލު ކުރުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އަންގައިފަ އެވެ.

ލޮކްޑައުން އަށް ސަރުކާރުން ދިން ބައެއް ލުއިތަކުގެ ތެރޭގައި ވިޔަފާރި ކުރުމަށް ބޭރަށް ނުކުމެވޭ ގަޑި ވަނީ އިތުރު ކޮށްދީފަ އެވެ. އަދި ކޮންމެ ގެއަކުން ތިން މީހުންނަށް މިހާރު ވިޔަފާރި ކުރުމުގެ ހުއްދަ ލިބޭނެ އެވެ. މި ހުއްދަ ހޯދަން ޖެހޭނީ ފުލުހުންގެ ޕޯޓަލް މެދުވެރިކޮށްގެންނެވެ.