Roadha Mihaaru
ޕާކިސްތާނުން އިންޑިއާއާ ދެކޮޅަށް ރާއްޖޭގަ ކެމްޕޭންކޮށްފި

ޕާކިސްތާނުގެ ވެރިއަކު އިންޑިއާއާ ދެކޮޅަށް ރާއްޖޭގައި ކެމްޕޭން ކުރައްވައިފި

18 އޮކްޓޯބަރ 2016

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އުފެދިފައިވާ މައްސަލަތާ ހެދި ސާކް ސަމިޓު ވެސް ފަސްކޮށްފައި ވަނިކޮށް، ޕާކިސްތާނުގެ އިސް ބޭފުޅަކު ރާއްޖެ ވަޑައިގެން އިންޑިއާއާ ދެކޮޅަށް ދިވެހި ސަރުކާރުގައި ކެމްޕޭން ކުރައްވައިފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އުފެދިފައިވާ މައްސަލަތާ ހެދި ސާކް ސަމިޓު ވެސް ފަސްކޮށްފައި ވަނިކޮށް، ޕާކިސްތާނުގެ އިސް ބޭފުޅަކު ރާއްޖެ ވަޑައިގެން އިންޑިއާއާ ދެކޮޅަށް ދިވެހި ސަރުކާރުގައި ކެމްޕޭން ކުރައްވައިފި އެވެ.

މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ މަތި ގޭގެ ރައީސް ރަޒާ ރައްބާނީ ވަނީ އިއްޔެ ރައީސް އަބްދުﷲ ޔާމީނާ ބައްދަލުކުރައްވައި އިންޑިއާ އިން ޕާކިސްތާނާ ދޭތެރޭ އަމަލުކުރާ ގޮތް ކަމަށް ބުނެ އޭނާ ވަނީ ގިނަ ކަންތައްތަކެއް ފާހަގަކުރައްވައިފަ އެވެ. އަދި އޭގެ ކުރިން، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވެސް ރަޒާ ވަނީ އެފަދަ މައްސަލަތަކެއް ނަންގަވައިފަ އެވެ.

ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ މަތި ގޭން ނޫސްވެރިންނަށް ބެހި ލިއުމެއްގައި ބުނި ގޮތުގައި ޕާކިސްތާނުގައި ހަމަނުޖެހުން އުފައްދަން އުޅެނިކޮށް އިންޑިއާގެ ކަނޑުގެ ސިފައިންގެ ކޮމާންޑަރަކު ވަރަށް ފަހުން ހައްޔަރުކޮށްފައިވާ ކަމަށް ރަޒާ ރައީސް ޔާމީނަށް ދެންނެވި އެވެ. އަދި ކުޑަކުދިންގެ ލޮލުގެ ފެނުމަށް އަސަރު ކުރާ ކަހަލަ ވަޒަން ފަދަ ތަކެތި ބޭނުން ކުރުމާއި އެ ނޫން ވެސް އެކި ގޮތްގޮތުން އިންޑިއާ ސިފައިން ކަޝްމީރުގެ ރައްޔިތުންގެ އިންސާނީ ހައްގުތަކަށް އަރައިގަންނަމުން ދާ ކަމަށް ވެސް އޭނާ ރައީސް އަރިހުގައި ވިދާޅުވި ކަމަށް ބުންޏެވެ.

"އެފަދަ ކަންތައްތަކުން ހާމަވަނީ އިންޑިއާ އިން މި ސަރަހައްދަށް އަތްގަދަ ކުރަން މަސައްކަތް ކުރާކަން،" ރަޒާ ވިދާޅުވި ކަމަށް އެ ލިއުމުގައިވެ އެވެ.

ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ މަތި ގޭގެ ރައީސް ރަޒާ ރައީސް ޔާމީނާ އިއްޔެ ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ މަތި ގޭގެ ރައީސް ރަޒާ ރައީސް ޔާމީނާ އިއްޔެ ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ މަތި ގޭގެ އިތުރު މެމްބަރަކާ އެކު ރަޒާ ރައީސް ޔާމީނާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި އޭނާ ވިދާޅުވި ގޮތުގައި ޕާކިސްތާނުން ބޭނުން ވަނީ މި ސަރަހައްދުގައި ސުލްހަ ގާއިމްވެފައި އޮތުމަށެވެ. އެކަމަކު، އެކަން ހާސިލު ކުރެވޭނީ އދ.ގެ ގަރާރުތަކާ އެއްގޮތަށް ކަޝްމީރުގެ މައްސަލަ ހައްލުކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.

އިންޑިއާއާ ގުޅޭ ގޮތުން ރަޒާ ދެއްކެވި އެއްވެސް ވާހަކައެއް ރައީސް އޮފީހުން ނެރުނު ބަޔާނަކު ނެތެވެ. އެ ބަޔާނުގައި ވަނީ ބޭރުގެ އިއްޒަތްތެރިންނާ އެކު ރައީސް އާއްމުކޮށް ބާއްވަވާ ބައްދަލުކުރެއްވުންތަކަށް ފަހު ނެރޭ ބަޔާންތަކުގައި ވެސް ހުންނަ ކަހަލަ، ދެ ގައުމުގެ ގުޅުމާ ބެހޭ ގޮތުން ދެއްކެވި ވާހަކަތަކެވެ.

ޕާކިސްތާނުގެ އިސް ވެރިއަކު އިންޑިއާއާ ދެކޮޅަށް ރާއްޖޭގައި ވާހަކަ ދައްކަވާފައި ވާއިރު، އަންނަ މަހުގެ 9-10 އަށް އިސްލާމްއާބާދުގައި ބާއްވަން ހަމަޖައްސާފައި އޮތް ސާކް ސަމިޓުގައި ބައިވެރި ނުވާނެ ކަމަށް ހަތަރު ގައުމަކުން ބުނުމާ އެކު، އެ ސަމިޓް ފަސްކުރިކަން، ސާކުގެ މި ދައުރުގެ ޗެއާ ނޭޕާލުން ވަނީ އިއުލާންކޮށްފަ އެވެ.

ސާކް ސަމިޓް ބޮއިކޮޓް ކުރި ގައުމުތަކުގެ ތެރޭގައި އިންޑިއާގެ އިތުރުން، އަފްގާނިސްތާނާއި ބަންގްލަދޭޝް އަދި ބޫޓާން ހިމެނެ އެވެ. ސަމިޓުގައި ބައިވެރި ނުވާނެ ކަމަށް ރާއްޖޭން ސީދާ ނުބުންޏަސް، ދިވެހި ސަރުކާރުން ވަނީ ސާކް ސަމިޓް ބޭއްވޭނެ ފަދަ މާހައުލެއް ގާއިމްކޮށް ދިނުމަށް މެމްބަރު ގައުމުތަކުގެ ކިބައިން އެދިފަ އެވެ.

ސާކް ސަމިޓް ފަސްކުރަން ޖެހުނީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ޖެހުނު މައްސަލަތަކާ ހެދި އެވެ. އެ ގޮތުން، ސަރަހައްދީ ރޮނގު ހުރަސްކޮށް ޕާކިސްތާނު ފަޅިން އިންޑިއާ އަށް ދެމުން ދާ ހަމަލާތަކުގެ ސަބަބުން ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ސާކް ސަމިޓުގައި ބައިވެރިވެވަޑައިގެންނެވޭ ފަދަ މާހައުލެއް ނެތް ކަމަށް އިންޑިއާ އިން ވަނީ ބުނެފަ އެވެ.

ކަޝްމީރުގެ އުރީގައި މިދިޔަ މަހު 18 ވަނަ ދުވަހު ހަމަލާދީ އިންޑިއާ ސިފައިންގެ 18 މީހުން މަރާލި ހާދިސާއާ ގުޅިގެން އިންޑިއާ އިން ވަނީ ޕާކިސްތާން އެކަހެރި ކުރާނެ ކަމަށް އިންޒާރު ދީފަ އެވެ.

ސާކުގެ މެމްބަރު އަށް ގައުމުގެ ތެރޭން އެންމެ ގައުމަކުން ސަމިޓުގައި ބައިވެރި ނުވިޔަސް އޮޓޮމެޓިކުން ސަމިޓް ފަސްކޮށް ނުވަތަ ކެންސަލް ވާނެ އެވެ.