Roadha Mihaaru
އޭޑީކޭއިން ކޮވިޑް ޓެސްޓެއް ހަދައިދޭނީ 675ރ. އަށް

އޭޑީކޭ ހޮސްޕިޓަލުން ކޮވިޑް-19ގެ ޓެސްޓެއް ހަދައިދޭނީ 675ރ. އަށް

02 ޖޫން 2020

އޭޑީކޭ ހޮސްޕިޓަލުން ކޮވިޑް-19 ގެ ޓެސްޓެއް ހަދައިދެނީ 675ރ. އަށް ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އޭޑީކޭ ހޮސްޕިޓަލުން ކޮވިޑް-19 ގެ ޓެސްޓެއް ހަދައިދެނީ 675ރ. އަށް ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި މީޑިއާ ބްރީފިންގައި، ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އަމިއްލަ ގޮތުން އޭޑީކޭ ހޮސްޕިޓަލަށް ދައްކައިގެން ކޮވިޑް-19 އަށް ޓެސްޓް ހެދުމުގެ ފުރުސަތެއް ނޯންނާނެ ކަމަށެވެ. އޭގެ ބަދަލުގައި އެޗްޕީއޭ އިން ސާމްޕަލް ނެގުމަށް ފަހު، ޓެސްޓުކުރަން ބޭނުންކުރާނީ، އޭޑީކޭ ހޮސްޕިޓަލްގެ ލެބޯރެޓަރީގައި ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ ފުރަތަމަ އަމިއްލަ ހޮސްޕިޓަލުން ހަރަދުކޮށްގެން ގެނައި ޕީސީއާރު މެޝިން ބޭނުންކޮށްގެން މިހާރު އަންނަނީ ކޮވިޑް-19 އަށް ޓެސްޓު ކުރަމުންނެވެ. މިހާތަނަށް ހެދި ޓެސްޓުތަކުގެ އަދަދު ސާފު ނުވިއަސް އޭޑީކޭއިން ދުވާލެއްގެ މައްޗަށް 500 އަށް ވުރެ ގިނަ ޓެސްޓް ހެދެ އެވެ.

މަބްރޫކް ވިދާޅުވި ގޮތުގައި ޓެސްޓުތައް ހެދުމަށް ފަހު، އޭޑީކޭ ހޮސްޕިޓަލުން، ބިލް ފޮނުވާނީ އައިޖީއެމްއެޗަށެވެ. އެ އަށް ފަހު ފައިސާ ދެއްކުމުގެ ކަންތައްތައް ކުރާނެ ކަމަށް ވިދާޅުވި އެވެ.

މިހާތަނަށް ފަރުވާއެއް ހޯދިފައިނުވާ ބައްޔަށް މީގެ ކުރިން ޓެސްޓު ކޮށްފައިވަނީ އައިޖީއެމްއެޗާއި ފުލުހުންގެ ފޮރެންސިކް ސާވިސްގަ އެވެ. މި ދެ ތަނުން ދުވާލެއްގެ މައްޗަށް 400 އެއްހާ ޓެސްޓު ހެދޭއިރު ސަރުކާރުން އަމާޒު ހިފާފައިވަނީ އެ އަދަދު 1،000 އަށް އިތުރުކުރުމަށެވެ.

އިއްޔެ ހަވީރު 6:00 އިން މިއަދުގެ ހަވީރު 6:00 އަށް 819 ސާމްޕަލެއްގެ ނަތީޖާ ލިބިފައި ވެ އެވެ. އޭގެ ތެރެއިން 12 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި އެވެ. މިއަދު 855 ސާމްޕަލެއް ނަގާފައިވާއިރު ލިބިފައިވަނީ 412 މީހެއްގެ ނަތީޖާ އެވެ.