Roadha Mihaaru
މެޑިކަލް ފެސިލިޓީގެ އާލާތްތައް އިންސްޓޯލްކޮށްފި

ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އިކުއިޕްމަންޓްތައް އިންސްޓޯލްކޮށްފި

05 ޖޫން 2020

ކޮވިޑް-19ގެ ބަލި މީހުންނަށް ފަރުވާ ދޭން ހުޅުމާލޭގައި ހެދި މެޑިކަލް ފެސިލިޓީއަށް ބޭނުންވާ ސާމާނުތައް އިއްޔެ އިންސްޓޯލްކޮށް ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑް-19ގެ ބަލި މީހުންނަށް ފަރުވާ ދޭން ހުޅުމާލޭގައި ހެދި މެޑިކަލް ފެސިލިޓީއަށް ބޭނުންވާ ސާމާނުތައް އިއްޔެ އިންސްޓޯލްކޮށް ނިންމައިފި އެވެ.

އެސްޓީއޯ އިން ކުރި ޓްވީޓެއްގައި ބުނީ ފެސިލިޓީގައި ސިއްހީ އާލާތްތައް ބަހައްޓައި ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) އަދި މެޑިކަލް ތަކެތި އެ ފެސިލިޓީ އަށް ދީފައިވާ ކަމަށެވެ.

އެސްޓީއޯ އިން ބުނީ ފެސިލިޓީގެ މަސައްކަތްތައް އެއްކޮށް ނިމުމުން ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރުވެގެންދާނެ ކަމަށެވެ. އަދި ހިތްގައިމު، ސާފުތާހިރު މާހައުލެއްގައި ބަލި މީހުންނަށް ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށް ވެސް ބުންޏެވެ.

ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލް ކުރިމައްޗަށްވާ ގޮތަށް އޮތް ބޮޑު ބިމުގައި ހުރި ހުސް އިމާރާތެއްގައި ތަރައްގީކުރި ވަގުތީ ފެސިލިޓީގައި 300 އެނދު ހުރެ އެވެ. އެތަނުގެ މަސައްކަތްތައް އެއްކޮށް ނިންމައި މިހާރު ވަނީ ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗާ މިދިޔަ މަހު ހަވާލުކޮށްފަ އެވެ. ނަމަވެސް އެތަން ބޭނުންކުރަން ފަށާނެ ދުވަހެއް އަދި ހާމައެއް ނުކުރެ އެވެ.

ގާތްގަނޑަކަށް 40 މިލިއަން ރުފިޔާ ހޭދަކޮށްގެން ހުޅުމާލެ މެޑިކަލް ފެސިލިޓީ ހެދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ އެމްއެންޑީއެފާއި ފެނަކަ އެވެ. އަމިއްލަ ގިނަ ވަރަށް ގިނަ ކުންފުނިތަކުން ވެސް އެކަމުގައި ބައިވެރިވި އެވެ.

މެޑިކަލް ފެސިލިޓީގެ މަސައްކަތަށް ލަފާކުރި ވަރަށް ވުރެ ގިނަ ދުވަސް ހޭދަވީ އެތަނުގެ މަސައްކަތުގައި އުޅުނު ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ މަސައްކަތް މެދުކަނޑާލަން ޖެހުމުންނެވެ.