Roadha Mihaaru
އަގު ބޮޑުކޮށް ޓެކްސީ ދަތުރުކުރި 15 މައްސަލަ ޕޮލިހަށް

އަގު ބޮޑުކޮށް ޓެކްސީ ދަތުރުކުރި 15 މައްސަލައެއް ޕޮލިހަށް ހުށަހަޅައިފި

24 މެއި 2022

ޓެކްސީ ދަތުރުގެ އަގު ބޮޑުކޮށް ކުރާ 15 މައްސަލައެއް ތަހުގީގު ކުރުމަށް ފުލުސް އޮފީހަށް ހުށަހަޅާފައިވާ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ޓެކްސީ ދަތުރުގެ އަގު ބޮޑުކޮށް ކުރާ 15 މައްސަލައެއް ތަހުގީގު ކުރުމަށް ފުލުސް އޮފީހަށް ހުށަހަޅާފައިވާ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެ އެވެ.

މާލޭގައި ޓެކްސީ ހިދުމަތް ހޯދަން ދަތިވާ ކަމުގެ ޝަކުވާ ލިބެމުން ދާތީ ފަސޭހަކަމާ އެކު އެ ހިދުމަތް ދިނުމަށް ސަރުކާރުން ގެންގުޅޭ ވިސްނުމަކީ ކޮބައިތޯ ބެލުމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވަނީ ޓްރާންސްޕޯޓް މިނިސްޓްރީއަށް ސުވާލު ފޮނުވައިފަ އެވެ.

އެ ސުވާލަށް ނަހުލާ ލިޔުމުން ފޮނުއްވި ޖަވާބުގައި ވިދާޅުވީ ޓެކްސީގެ ހިދުމަތް ހޯދަން ދިމާވާ މައްސަލަތައް ހޮޓްލައިނާއި ފޯނު އަދި އީމެއިލްގެ ޒަރިއްޔާ އިން ހުށަހެޅޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.

މިހާތަނަށް އެފަދަ 57 ޝަކުވާ ލިބިފައިވާ ކަމަށާއި އެ ޝަކުވާތައް ދިރާސާކޮށް 15 މައްސަލައެއް ފުލުހަށް ފޮނުވާފައިވާ ކަމަށް ނަހުލާ ވިދާޅުވި އެވެ.

"...ގަވައިދާ ހިލާފަށް ދަތުރުކުރި ބައެއް ޑްރައިވަރުންގެ ބަޔާން ނަގައި ލިބިފައިވާ ޝަކުވާގެ މައްޗަށް ބަލައި އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ޓެކްސީ ސެންޓަރުތަކަށް ވަނީ އަންގާފައި،" ނަހުލާ ވިދާޅުވެފައިވެ އެވެ.

ޓެކްސީ ހިދުމަތް ދޭ އޮންލައިން އެޕް މެދުވެރިކޮށް އަގު ބޮޑުކޮށް ދަތުރު ކޮށްފައިވާތީ މިނިސްޓްރީން އެ މައްސަލަ ވެސް ބަލަމުން އަންނަ ކަމަށް ނަހުލާ ވިދާޅުވި އެވެ. އަދި ފަސިންޖަރުން ދާން ބޭނުންވާ މަންޒިލު ދަތުރު ކުރުމުގެ ކުރިން ޓެކްސީ ޑްރައިވަރަށް ނޭނގޭނެ ގޮތަކަށް އެޕްގެ ޑިޒައިން ބަދަލު ކުރުމަށް ވެސް އެ ހިދުމަތް ދޭ ފަރާތަށް އަންގާފައިވާ ކަމަށް ނަހުލާ ވިދާޅުވި އެވެ.

ސަރުކާރުން ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑުކޮށް ޓެކްސީތައް ދަތުރުކޮށްފި ނަމަ ފިޔަވަޅު އަޅާނެ ކަމަށް އެ މިނިސްޓްރީން ވަނީ އިއުލާން ކޮށްފަ އެވެ.

ދާދި ފަހުން ޕެޓްރޯލްގެ އަގު ބޮޑުވުމާ ގުޅިގެން ދަތުރުތަކުގެ އަގު ބޮޑު ކުރުމަށް ގޮވާލައި ޓެކްސީ ޑްރައިވަރުން ވަނީ މުޒާހަރާކޮށްފަ އެވެ.